ކުޅިވަރު

ރެއާލް މެޑްރިޑް ފަހަތައް ސޮއްސާލައިފި

ޖެހިޖެހިގެން 10 ވަނަ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލް މެޑްރިޑަށް ލަނޑު ޖަހައިދިން ނަމަވެސް، ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން 1-1 އެއްވަރުވެ، ހަތަރު ވަނައިގައި އޮތް ވެލެންސިއާއިން އިން އެސްޕަންޔޯލްގެ މައްޗަށް ކާމިޔާބު ހޯދައި، ތާވަލުގެ ތިން ވަނަ މަގާމަށް ޖެހިލައިފި އެވެ. ހަތަރު ވަނަ އަށް ސޮއްސާލީ ރެއާލް މެޑްރިޑެވެ.

މެޑްރިޑް ޑާބީ އަކީ ސްޕެއިންގައި ދެ ވަނަ އަށް އެންމެ ވާދަވެރި ކުރިމަތި ލުމެވެ. މެޗުގައި، ރޮނާލްޑޯ ލީޑް ނެގުމުގެ ކުރިން، މާސެލޯ އާއި މާކޯ އެސެންސިއޯ އަށް ވަނީ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ވެފަ އެވެ. އެ ދެ ކުޅުންތެރިން ފޮނުވާލި ބޯޅަވެސް އަމާޒުވީ ގޯލް ގެ ދަނޑިއަށެވެ. ރޮނާލްޑޯ ރެއާލް އަށް ލީޑް ނަގައިދިނީ މެޗުގެ 53 ވަނަ މިނެޓްގައި ގެރެތު ބޭލް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

އޭގެ ހަތަރު މިނެޓް ފަހުން، އެންޓޯނިއޯ ގްރީޒްމަން ވަނީ އެތުލެޓިކޯ މެޑްރިޑަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ވިޓޯލާ ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ކޭލޯ ނާވަސް ދިފައުކުުރުމުން، ރީބައުންސަށް ނިކުތް ބޯޅައިން ލަނޑުޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ގްރީޒްމަންއަށެވެ.

މެޗުގެ 64 ވަނަ މިނެޓްގައި، ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ، ރޮނާލްޑޯގެ ބަދަލުގައި، ކަރީމް ބެންޒެމާ ކުޅެން ނެރެފަ އެވެ. ބެލެވޭ ގޮތުގައި ރޮނާލްޑޯ ބަދަލު ކުރީ އަންނަ ބުދަ ދުވަހު ޗެމްޕިއަންސް ލީގްގެ ދެ ވަނަ ލެގް މެޗުގައި ޔުވެންޓަސް އާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރު ކުރުމަށް އޭނާ އަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އެސްޕަންޔޯލްގެ މައްޗަށް ވެލެންސިއޯ ކުރި ހޯދީ 1-0 ންނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ރޮޑްރިގޯ އެވެ. ވެލެންސިއާ ހޯދި ތިން ޕޮއިންޓާއެކު އެ ޓީމު ވަނީ ރެއާލް މެޑްރިޑަށް ވުރެ އިތުރަށް އެއް ޕޮއިންޓް ހޯދާފަ އެވެ.