ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސާލައިގެ ދައުވާ ލިބޭ ފަރާތެއް ކަމަށްވާ މުހައްމަދު ނޫރައްދީން ހުޅުމާލޭގައި ރަތް ކުލައިގެ ކާރެއް ދުއްވި ކަމަށް އޭނާއާއެކު ވިޔަފާރީގައި މަސައްކަތް ކުރާ ދެ ރައްޓެއްސަކު މިއަދު ކުރިމިނަލް ކޯޓުގައި ހެކި ބަސް ދީފި އެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު މި ދައުވާ އުފުލާފައިވަނީ ހ. ހިލްޓަން، އަހުމަދު އާލިފް ރައޫފާއި، ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. އެ މީހުން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ދައުލަތުން ވަނީ ނޫރައްދީނާއި އާލިފް، ހުޅުމާލޭގައި ރިލްވާން ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށް ތުހުމަތު ކޮށްފަ އެވެ.
ރަތް ކުލައިގެ ކާރެއް ނޫރައްދީން ހުޅުމާލޭގައި ދުއްވި ކަމަށް ބުނެ ކޯޓުގައި ފުރަތަމަ ހެކިބަސް ދިނީ އޭނާއާއެކު ހުޅުމާލޭގައި ވޯޓާ ސްޕޯޓްސްގެ ވިޔަފާރީގައި ހަރަކާތްތެރިވާ އޭނާގެ ރަހުމަތްތެރި އެކެވެ. އޭނާ ބުނީ ނޫރައްދީން އެ ދުވަސްވަރު ދުއްވީ އާލިފްގެ ކާރެއް ކަމަށް އޭނާ ގާތު ނޫރައްދީން ބުނި ކަމަށެވެ. ނަމަވެސް އެެ ދުވަސްވަރު ނޫރައްދީނާއެކު އާލިފް އުޅެނިކޮށް ފެނިފައިނުވާ ކަމަށެވެ. އަދި އެކާރު ބޭނުން ކުރަމުން ގެންދިޔައީ ޓޫރިސްޓުން އުފުލަން ކަމަށެވެ.
ރިލްވާން ގެއްލުނު ރޭ ނޫރައްދީން އުޅުނު ގޮތް ކިޔާދިނުމަށް ދިފާއީ ވަކީލް ހެކިވެރިޔާ ގާތު އެދުނެވެ. އޭނާ ބުނީ، އެރޭ ރޭގަނޑު 8 އިން މެންދަމު ތިނެއް ޖަހަންދެން ނޫރައްދީން އުޅުނީ އޭނާއާ އެއްކޮށް ސައިކަލުގައި ކަމަށާއި އެރޭ ނޫރައްދީން ގެއަށް ގެންދިޔައީ ވެސް އޭނާއާއެކު ސައިކަލުގައި ކަމަށެވެ. އެރޭ ނޫރައްދީން ގެއަށް ދިޔައީ މެންދަމު ތިނެއް ޖަހާ އެހާކަންހާއިރު ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ، އެރޭ ނޫރައްދީން އެއްވެސް ވަރަކަށް އެ ކާރު ބޭނުން ނުކުރާ ކަމަށެވެ. އަދި އެ ކާރު އޮތީ އާންމުކޮށް މަގުމަތީގައި ބާއްވާ ތަނުގައި ޕާކް ކޮށްފައި ކަމަށެވެ.
ދެވަނަ އަށް ހެކިބަސް ދިނީ ނޫރައްދީނާއެކު ވޯޓާ ސްޕޯޓްސްގެ ވިޔަފާރީގައި ހަރަކާތްތެރިވާ އޭނާގެ އިތުރު ރަހުމަތްތެރިއެކެވެ. އޭނާ ވެސް މިއަދުގެ ޝަރީއަތުގައި ވަނީ ނޫރައްދީން ރަތް ކުލައިގެ ކާރެއް ހުޅުމާލޭގައި ގެންގުޅުނު ކަމަށް ބުނެފަ އެވެ. ނަމަވެސް އޭނާ އަށް އެްީ ކާކުގެ ކާރެއްކަން ނޭންގޭ ކަމަށް ބުންޏެވެ. އަދި އެ ކާރު ނޫރައްދީން ބޭނުން ކުރީ ފަތުރުވެރިން އުފުލުމަށް ކަމަށްވެސް އޭނާ ބުންޏެވެ.
ކާރުގެ ގެންގޮސް ގެނައި ދޯނީގެ ކައްޕީންގެ ހެކިބަސް
މިއަދު އިތުރަށް ހެކިބަސް ނަގާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހު މާލެ އިން ހުޅުމާލެ އަށް ކާރު ގެންދިޔައިރު ދޯނި ދުއްވަން ހުރި ކައްޕީގެ އާއި ހުޅުމާލެ އިން މާލެ އަށް ކާރު ގެންދިޔައިރު ދޯނި ދުއްވަން ހުރި ކައްޕީގެ އެވެ.
އެގޮތުން ރަތް ކުލައިގެ ކާރެއް މާލެއިން ހުޅުމާލެ ގެންދިޔަ ކަމަށާއި އަދި ހުޅުމާލެ އިން މާލެ އަށް ގެންދިޔަ ކަަމަށް އެ ދެމީހުން ވެސް ބުންޏެވެ. އަދި އެއީ ޕްރައިވެޓް ކާރެއް ކަމަށް އެ ދެމީހުން ވެސް ބުންޏެވެ. ނަމަވެސް އެއީ ކާކުގެ ކާރެއް ކަމާއި ހުޅުމާލެ ގެންގޮސް މާލެ ގެނައީ އެއް ކާރެއްކަން އެ ދެ މީހުންނަށް ބުނެދޭކަށް ނޭންގުނެވެ. އެ ކާރު އަނބުރާ މާލެ ގެނައީ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ކަމަށް އެ ކާރު ގެނައި ދޯނީގެ ކެޕްޓަން މިއަދު ޝަރީއަތުގައި ބުންޏެވެ.
މިއަދުގެ ޝަރީއަތުގައި އާލިފާއި ނޫރައްދީން ދެއްކުމަށްފަހު، އެ ދެމީހުން ކާރު ގެންދިއުމުގަ އާއި ގެނައުމުގައި ހަރަކާތްތެރިވެރިވެފައި ވޭތޯ ސުވާލު ކުރުމުން އެ ދެ ކެޕްޓަނުން ބުނީ އާލިފާއި ނޫރައްދީންގެ ތެރެއިން އެކަކު ވެސް އެކަމުގައި ހަރަކާތްތެރިވެފައި ނުވާ ކަމަށެވެ.
ރިލްވާން ބޭބެގެ ހެކިބަސް ނެގުން ފަހަށް
މިއަދުގެ ޝަރީއަތުގައި މައްސަލަ ބައްލަވާ ގާޒީ އާރިފް ވިދާޅުވީ، ރިލްވާން ބޭބެ، މޫސާ ރިލްވާންގެ ހެކިބަސް ނެގުމާމެދު ގޮތެއް ނިންމަވާނީ ދައުލަތުންނާއި ދިފާއީ ވަކީލުންގެ ފަރާތުން ހުށަހަޅާފައިވާ ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިންމުމަށް ފަހު ކަމަށެވެ. މީގެ ކުރިން ބޭއްވި އަޑުއެހުން ތަކުގައި ރިލްވާން ބޭބެގެ ހެކިބަސް ނެގުމަށް ދައުލަތާއި ދިފާއީ ވަކީލާ ދެމެދު ވަނީ ހިޔާލު ތަފާތުވުން ތަކެއް އުފެދިފަ އެވެ.
މޫސާ ރިލްވާންގެ ހެކިބަސް ނެގުމާ މެދު ހިޔާލު ތަފާތުވީ ދައުލަތުން ހެކިން ހުށަހެޅުމުގެ މަރުހަލާގައި މޫސާ ރިލްވާންގެ ނަން ހުށަނާޅައި އޮތުމުންނެވެ. އޭނާގެ ނަން ދައުލަތުން ހުށަހަޅާފައިވަނީ ކުރީގެ އަޑުއެހުމެއްގައި އެވެ. ދައުލަތުން ބުނީ މައްސަލައިގެ އިންސާފަށް ވާސިލްވުމަށް އޭނާގެ ހެކިބަސް ނެގުން ވަރަށްވެސް މުހިންމު ކަމަށެވެ. ނަމަވެސް ދިފާއީ ވަކީލް ވަނީ މޫސާ ރިލްވާންގެ ހެކިބަސް މިހާރު ނުނެގޭނެ ކަމަށް ބުނެފަ އެވެ.