ގާނޫނީ ވަކީލުން

"އޮނިގަނޑަށް ނުފެތޭ ކަންކަން އިސްލާހުކުރަން މީ ފުރުސަތެއް"

ޝަރުއީ ދާއިރާގައި އޮނިގަނޑަށް ނުފެތި ކުރަމުން އަންނަ ކަންކަން އިސްލާހު ކުރަން މިއީ ރަނގަޅު ވަގުތެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް އެގޮތަށް ވިދާޅުވީ، ރާއްޖޭގެ ގާނޫނީ ވަކީލުންގެ ފަންނުގެ ދާއިރާއަކީ ބާކައުންްސިލެއްގެ ބެލުމުގެ ދަށުން ހިނގާ ދާއިރާއަކަށް ހެދުމަށް މަސައްކަތް ފަށްޓަވާފައިވާ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވި ހަބަރާ ގުޅިގެންނެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފާއިޒް ވިދާޅުވީ، އަނިލް އެޓާނީ ޖެނެރަލްކަމާ ހަވާލުވެވަޑައިގަތުމަށްފަހު އޭނާއާ ބައްދަލުވެ ވަޑައިގެންނެވި ފުރަތަމަ ދުވަހު ގާނޫނެއްގެ ދަށުން ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް "ބާ" އެއް އުފެއްދެވުމަށް ދެންނެވި ކަމަށެވެ. އެގޮތަށް ދެންނެވީ އޭނާ މަގާމުގައި ނެތް ދުވަހަކުން ވަކީލުންގެ އާންމު އިދާރީ ކަންކަން ޖުޑީޝަރީގެ ދަށަށް ގެންދާނެކަން އެނގިވަޑައިގަންނަވާތީ ކަމަށް ފާއިޒް ވިދާޅުވި އެވެ. އޭރު ފާއިޒް ހުންނެވީ އުއްތަމަފަނޑިޔާރުގެ މަގާމުގަ އެވެ.

"ވަކީލުންގެ އާންމު އިދާރީ ކަންކަން ރެގިއުލޭޓް ކުރެއްވުމުގެ މަސައްކަތް ބައެއް ބޭފުޅުންގެ ވިސްނުމުގައި އޭރުވެސް އޮތް، ކޯޓް ހިންގުން ވަކި ބޭފުޅަކާ ހަވާލު ކުރުމަށް ފަހު ރަސްމީ ދަތުރެއް ނިންމާފައި ވަޑައިގެންނެވި އިރު އޭޖީ އޮފީހުގެ ކުރީގެ ބައެއް އިސްވެރިންނާ ބައްދަލުކޮށް ވަކީލުން ރެގިއުލޭޓް ކުރުން ސްޕްރީމްކޯޓުގެ ދަށަށް ގެނައުމަށް މަޝްވަރާ ކުރުމާއި، އެ ފަހުން ވެސް މަސައްކަތް ކުރަމުން ދިޔަ،" ފާއިޒް ވިދާޅުވި އެވެ.

ފާއިޒް ވިދާޅުވީ، ޖަސްޓިސް މިނިސްޓްރީ އުވާލިއިރު އެތަނުގެ ބައެއް މެންޑޭޓު، އޭޖީ އޮފީހުގެ މެންޑޭޓްގެ ގޮތުގައި ކަނޑައެޅި ކަމަށެވެ. އޭގެ ތެރޭގައި ވަކީލުން ރެގިއުލޭޓް ކުރުމަކީ އޭޖީ އޮފީހުގެ މެންޑޭޓެއްގެ ގޮތުގައި ހަމަޖެއްސެވި ކަމަށެވެ.

އެ ޕޯސްޓްގައި ފާއިޒް އިތުރަށް ވިދާޅުވީ، ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވާ ވަކީލުންގެ ދަފްތަރު ބެލެހެއްޓުން ފިޔަވާ ވަކީލުންގެ އާންމު އިދާރީ ކަންކަމާ ބެހޭ މަސައްކަތް އެ ކޯޓުން ކުރާގޮތަށް ކުރިން ހަމަޖެހިފައެއް ނޯންނާނެ ކަމަށެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ޖަސްޓިސް މިނިސްޓްރީގެ ދައުރު އަދާ ކުރާގޮތަށް ވެސް ހަމަޖެހިފައި ނުވާނެ ކަމަށެވެ.

އެ ޕޯސްޓް ނިންމަވާލައްމުން ފާއިޒު ވަނީ ސުވާލެއް ކުރައްވާފަ އެވެ. "މިއީ އެފަދަ ކަންކަން އިސްލާހު ކޮަށްލަން ރަނގަޅު ވަގުތެއް ނޫންތޯ؟" މިހެނެވެ.

ރާއްޖޭގެ ގާނޫނީ ވަކީލުންގެ ފަންނުގެ ދާއިރާއަކީ ބާ ކައުންްސިލެއްގެ ބެލުމުގެ ދަށުން ހިނގާ ދާއިރާއަކަށް ހެދުމަށް މަސައްކަތް ފައްޓަވާފައިވާ ކަމަށް އަނިލް ވިދާޅުވީ ގާނޫނީ ވަކީލުކަމުގެ ހުއްދަ އަލަށް ލިބުނު ވަކީލުންް ހުވާ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. އަނިލް ވިދާޅުވީ ގާނޫނީ ފަންނުގެ ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުގައި ބާ ކައުންސިލް އުފެއްދުމުގެ ކަންތައް ހިމަނުއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނީ ފަންނުގެ ބިލެއް މަޖިލީހަށް ހުށަހަޅުއްވަން ފާއިތުވި ދެތިން އަހަރު މަސައްކަތްކުރައްވާފައިވާ ކަމަށެވެ.

"އަދި ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުންގެ ފަންނަކީ ބާކައުންސިލެއްގެ ބެލުމުގެ ދަށުން، ބެލެހެއްަޓުމުގެ ދަށުން ހިނގާނެ ތަނަކަށް ހެދުމަށް އަޅުގަނޑުމެން މިވަނީ ކަމާ ބެހޭ ފަރާތްތަކާ އެކީގައި މިބިލު ދިރާސާކުރުމުގެ އަދި ނިންމުމުގެ މަސައްކަތް އެބަކުރިއަށް ގެންދަން،" އޭނާ ވިދާޅުވިއެވެ.