ހަބަރު

"އަގު ބޮޑުކޮށް ކާޑު ވިއްކަންޏާ ފިޔަވަޅު އަޅާނަން"

ސަރުކާރުން އިއުލާން ކޮށްފައިވާ އަގުތަކަށް ވުރެ ބޮޑުކޮށް ކާޑުގެ ބާވަތްތައް ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކޮށްފަ އެވެ. އެގޮތުން މީގެ ކުރިން 6.80 ރުފިޔާއަށް ވިއްކާ ހަކުރު ކިލޯއެއް މިހާރު ވިއްކަނީ ހަތަރު ރުފިޔާއަށެވެ. ކުރިން 6.72 ރުފިޔާއަށް ވިއްކާ ހަޑޫ ކިލޯއެއް މިހާރު ވިއްކަނީ 3.98 ރުފިޔާއަށެވެ. އަދި ފުއްކިލޯއެއް މިހާރު ވިއްކަނީ 2.98 ރުފިޔާއަށެވެ. މީގެ ކުރިން ފުއްކިލޯއެއް ވިއްކަނީ 5.26 ރުފިޔާއަށެވެ.

ޕީއެސްއެމްގެ "ހެޔޮ އަގު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީން އިއުލާން ކޮށްފައިވާ އަގުތަކަށްވުރެ ބޮޑުކޮށް ކާޑުގެ ބާވައްތައް ވިއްކުމަކީ ކުރެވޭ ވަރަށް ބޮޑު ކުށެއް ކަމަށެވެ. އެފަރާތްތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ކާޑުގެ ބާވަތްތައް އަގުހެޔޮ ކުރަން ކުރެވޭނެ ހުރިހާ މަސައްކަތެއް ދަނީ ކުރަމުން ކަމަށާއި ރާއްޖެ ފުދުންތެރި ގައުމަކަށް ހެދުމަށްޓަކައި ސަރުކާރުން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި ވިދާޅުވީ، ކުރެވެމުންދާ މަސައްކަތަކީ ބޮލަކަށް ޖެހޭ މިންވަރު އިތުރުކުރުން ކަމަށާއި އާހިރުގައި ނަތީޖާއަކަށް ވެގެންދާނީ މުސްތަގުބަލުގައި މިހާރު ހުރި އަގުތަކަށް އިތުރަށް އަގުހެޔޮ ވެގެން ދިއުން ކަމަށެވެ.

"މީގެ ކުރީގެ ސަރުކާރަކަށް ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތްތައް ކުރާކަށެއް އަމަލީ މަސައްކަތްތަކެއް ނެތް ކުރެވިފައެއް، އެ ރިސްކު ނަގާކަށް ކެރިވަޑައެއް ނުގަން، ކޮންމެސް ވަރަކަށް މަސައްކަތް ކުރުމުގެ ވިސްނުން އޮވެދާނެ އެހެން ނަމަވެސް ރައީސް އަބުދުﷲ ޔާމީންގެ ތަފާތަކީ އެމަނިކުފާނުގެ ވިސްނުމާއި އެމަނިކުފާނު ކަންކަން ތަންފީޒު ކުރެއްވުމާއި ކެރިވަޑައިގެން ދިވެހި ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ރާއްޖޭގެ އިގްތިސޯދު ދެގުނައަށް ނުވަތަ ތިން ގުނައަށް އިތުރުކޮށްލަން ކެރުނުކަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކާޑުގެ ބާވަތްތަކާއި ފެނާއި ކަރަންޓާއި ނަރުދަމާ ނިޒާމް ފަދަ އަސާސީ ހިދުމަތްތައް މީގެ ކުރިން ލިބިފައިނެތް އަގުތަކަށް ލިބިގެން ގޮސްފި ކަމަށާއި އެއީ ހަގީގީ ތަރައްގީ ކަމަށެވެ.

"މިއީ ދެމެހެއްޓެނިވި ތަރައްގީ އަކީ، ތިމާގެ ވެއްްޓާ ތިމާއާ ޖެހުނީމަ އަންނަ އިމްޕެކްޓް މެނޭޖް ކުރުން އެއީ ދެމެހެއްޓެނިވި ތަރައްގީ އަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކާޑުގެ ބާވަތްތަކާއި ދިވެހި ވިޔަފާރިއާ ވަަރަށް ބޮޑަށް ގުޅިފައިވާ ކަމަށާއި ކާޑުގެ ބާވަތްތައް އަގުހެޔޮ ވެގެން ދިޔައީ ސަރުކާރުން ރާއްޖޭގެ ވިޔަފާރިއަށް އުޖާލާ އާ ޒަމާނެއް ގެނެސްދިނުމަށް މަސައްކަތް ކުރުމުން ކަމަށެވެ. އަދި އެފަދަ ވިސްނުމާއި ވައްޓަފާޅި ހުރި ހަމަ އެކަނި ވެރިޔަކީ ރައީސް ޔާމީން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކާޑާ މި ގުޅެނީ ދިވެހި ރާއްޖެއަށް މިލިބޭ އާންމުދަނީއާ، ކާޑާ މި ގުޅެނީ ރާއްޖެއިން ޑޮލަރު ގަންނަން ލިބޭ އަގާ، ކާޑާ މި ގުޅެނީ ބައިނަލް އަގުވާމީ ބާޒާރުގެ އެއްޗެހި ވިއްކަން ހުންނަ ރޭޓާ، ކާޑާ މި ގުޅެނީ ޖުމްލަ ގޮތެއްގައި ދިވެހި ވިޔަފާރިއާ، ދިވެހި ވިޔަފާރި ރީ ބިލްޑްކޮށް މި ސަރުކާރުން މަސައްކަތް ކުރުމުން ނޫންތޯ ކާޑުގެ ބާވަތްތައް އަގުހެޔޮ ވެގެން މިދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.