ބޮލީވުޑް

"ރާޒީ"ގެ ޓްރެއިލާ: އާލިއާ ވަރުގަދަ ރޯލަކުން

ދަ ޖަންގުލީ ޕިކްޗާސް އަދި ދަރްމާ ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ، އާލިއާ ބަޓް އަދި ވިކީ ކޯޝަލް ލީޑުން ފެނިގެންދާ ފިލްމު "ރާޒީ"ގެ ޓްރެއިލާ އާންމުކޮށްފި އެވެ. ޓްރެއިލާ އާންމުކުރީ މި ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު މިއަދު ކުރި ޓުވީޓެއްގަ އެވެ. މި ފިލްމަކީ މެގްނާ ގުލްޒާރްގެ ޑައިރެކްޝަނެކެވެ.

ރާޒީގެ ޓްރެއިލާ އަށް މިހާރު އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ގިނަ ބަޔަކަށް ހައިރާކަން ގެނުވާފައި ވަނީ އާލިއާގެ އެކްޓިންނެވެ. މީގެ ކުރިން އެއްވެސް ފިލްމެއްގައި އާލިއާ ނުފެންނަފަދަ ބާރުގަދަ ރޯލަކުން މި ފިލްމުގައި އޭނާ ފެނިގެންދާނެކަން ޓްރެއިލާއިން ހާމަވެ އެވެ. މި ފިލްމުގައި އާލިއާ ކުޅެނީ އިންޑިއާ އިން ޕާކިސްތާނަށް ދާ ޖާސޫސެއްގެ ރޯލެވެ.

ޓްރެއިލާ ފެށޭ ތަނުން ދައްކުވާއިދެނީ އިންޑިއާ އަދި ޕާކިސްތާނުގެ ދެމެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކެވެ. އާލިއާއަކީ އިންޑިއާއަށް އުފަން ޒުވާން އަންހެން ކުއްޖެކެވެ. އާލިއާގެ ބައްޕަ އޭނާގެ ކައިވެނި ކުރުވަނީ ޕާކިސްތާނުގެ ސިފައިންގެ އޮފިސަރަކާ (ވިކީ) އެވެ. ވިކީއާއި އިދެގެން އޭނާ އެ ގައުމަށް އަސްލުދަނީ ބައްޕަ ބުނެގެން ޖާސޫސްކޮށްދިނުމަށެވެ.

ކަރަން ޖޯހަރު ކޮށްފައިވާ ޓުވީޓެއް.

ޓްރެއިލާއިން ފެންނަ ގޮތުގައި އާލިއާއަކީ ވަފާތެރި ދަރިއެއް، އަންބެއް އަދި އެއްވެސް ކަހަލަ ޖެހިލުމެއް ނުވާ ޖާސޫސް އެކެވެ.

މި ފިލްމަކީ 1970ގެ އަހަރުތަކުގެ ތެރޭގައި ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. މި ހާދިސާއަކީ، އިންޑިއާ އާއި ޕާކިސްތާނާއި ދެމެދުގައި ހަނގުރާމަ އާންމުވި ދުވަސްވަރު، އިންޑިއާއަށް ޖާސޫސްކޮށްދިނުމަށް ޕާކިސްތާނަށް ފޮނުވި ޒުވާން އަންހެން ކުއްޖެއެއް ހަޔާތުގެ މައްޗަށް ބިނާކޮށް ގެެނެސްދޭ ފިލްމެކެވެ. މި ފިލްމަކީ 2008 ވަނަ އަހަރު ނިކުތް ވާހަކަ "ކޯލިންގް ސެހެމަތް" ގެ އެޑަޕްޓޭޝަނެކެވެ.

"ރާޒީ"ގެ ޓްރެއިލާ.

ޑައިރެކްޓަރު މެގްނާ ފިލްމާއި ބެހޭގޮތުން ބުނީ، "މި ފިލްމަކީ ދުޝްމަނުންގެ ކިބައިން އިންޑިއާ ސަލަމާތްކޮށްދިނުމަށް މަސައްކަތްކުރި "ހީރޯ" އެއްގެ ވާހަކަ. މި ވާހަކައަކީ ގިނަ ބަޔަކަށް އެނގުނު ނަމަވެސް އެއްވެސް ކަހަލަ ރަސްމީ ރެކޯޑުތަކެއް އޮތް ވާހަކައެއް ނޫން. މި ވާހަކަތައް އަޑުއިވިފައި އޮންނަނީ ވަފާތެރިކާމައި ހިތްވަރުގަދަ މީހުންގެ ވާހަކަތަކުގެ ގޮތުގައި އެކަނި." އެވެ.

ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިން 2012 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވުމަށްފަހު، ކެރިއަރުގައި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އާލިއާ ވަނީ ފިލްމުތަކުގައި ތަފާތު މޮޅު އެކްޓިންއެއް ދައްކާފަ އެވެ. އެގޮތުން އޭނާ ކުޅުނު ފިލްމު "ހައިވޭ" އަކީ ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމެކެވެ.