ކުޅިވަރު

ބުރުޒޮންއަށް ބޮޑު ހިތްވަރެއް، ނިއުއަށް ތަފާތު ރޫހެއް

އޭއެފްސީ ކަޕްގައި، އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ނިކުންނައިރު، ނިއު ރޭޑިއަންޓްގެ ސްކޮޑުގައި އޮތީ ތަފާތު ރޫހެއް ކަމަށާއި މުޅި އޭނާ އަށާއި މުޅި ޓީމަށް ބޮޑު ހިތްވަރެއް ލިބިފައިވާ ކަމަށް ނިއުގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ބުނެފި އެވެ.

ގުރޫޕް "އީ" ގައި ދެ ޓީމަށްވެސް ޕޮއިންޓް ލިބިފައި ވަނީ އެއްވަރަކަށެވެ. ފައިދާ ގޯލާއި ބައިކޮޅަށް ވަން ގޯލްގެ ގޮތުގައިވެސް ދެ ޓީމު އޮތީ ހަމަހަމަ ކޮށެވެ.

ބުރުޒޮން ބުނީ، މެޗަކީ ދެ ޓީމަށްވެސް މުހިންމު މެޗެއް ކަމަށާއި، ތާވާލުގެ އެންމެ ކުރީގައި އޮތް ދެ ޓީމުގެ ލަވަލަށް ތާފާތެއް ގެނެވޭނީ، މެޗުން ވާގޮތަކުން ކަމަށެވެ. ބެންގަލޫރާ ދެކޮޅަށް ނިކުންނައިރު ބުރުޒޮން އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، ނިއު ރޭޑިއަންޓްގެ ކޯޗުގެ ގޮތުގައި ބަލި ނުވެ އަށް މަސް ހޭދަ ކުރެވިފައި ވުމެވެ.

"އަހަރެމެންނަށް ވަރަށް އުންމީދު އެބައޮތް، އަދި އަހަރެމެން މިތިބީ އަހަރެމެން ބަލި ނުވެ ކުރިއަށްދާ ރޭސް ދެމެހެއްޓުމަށް ވަރަށް ބޮޑަށް މޯޓިވޭޓް ވެފައި، އިންޓަނޭޝަނަލް ލެވަލްގައިވެސް އަހަރެމެން އަމާޒެއް އެ ރޭސް ދެމެހެއްޓުން." ބުރުޒޮން ބުންޏެވެ.

މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރުގައި މާޒިޔާ އަތުން ބަލިވި ފަހުން އެއްވެސް މެޗަކުން ނިއު ރޭޑިއަންޓް ބަލިވެފަ އެއް ނުވެ އެވެ. އެ ދެމެދުގައި ކުޅުނު މެޗުތަކުގެ ތެރެއިން އެޓީމު އެއްވަރުވީވެސް އެންމެ މެޗަކުންނެވެ. އެއީ މާލޭ ލީގްގައި، މިދިޔަ މަހު ކުލަބު އީގަލްސް އަތުންނެވެ.

އިންޑިއާގެ ޗެމްޕިއަން އައިޒޯލް އެފްސީއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި، ހެޓްރިކު ހެދި ނިއުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ބުރުޒޮން ވަނީ ތައުރީފު ކޮށްފަ އެވެ. އޭނާ ބުނީ އަޝްފާގް އާއި ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތުރީ އަކީ ދެކުނު އޭޝިއާގައި ތިބި އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށެވެ.

ބުރުޒޮން ވަނީ އޭނާ ނިސްބަތްވާ ސްޕެއިންގެ ބެންގަލޫރުގެކޯޗް އަލްބަޓް ރޮކާ، އެ ޓީމުގައި ކޮށްފައިވާ މަސައްކަތަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ ބެންގަލޫރުގެ ކުރީގެ ކޯޗް އެޝްލީ ވެސްޓްވުޑްވާޑްސް ދެމެހެއްޓި ލެގަސީ އަލްބަޓް ރޮކާވެސް އެ ޓީމުގައި ދަމަހައްޓަމުން އަންނަ ކަމަށެވެ.

ބެންގަލޫރު އެފްސީ އާއި ނިއު ރޭޑިއަންޓް ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 7:30 ގަ އެވެ.