ހަބަރު

މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުުގެ ޝަރީއަތް މިއަދު

އެކެއް ފެބުރުއަރީގެ އަމުރަށް ފަހު ކުއްލި ހާލަތު އިއުލާންކޮށް ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ފަށަން ތާވަލްކޮށްފި އެވެ.

އެ ތިން ބޭފުޅުންގެ ޝަރީއަތްވެސް ތަވާލްކޮށްފައި ވަނީ މިއަދު މެންދުރު ފަހު 3:00 އަށެވެ.

މިއަދު ބާއްވަނީ އެ ތިން ބޭފުޅުންގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތެވެ. ޕީޖީން އެ ދައުވާ ތިން ބޭފުޅުންގެ މައްޗަށް ކޮށްފައިވަނީ އެ ބޭފުޅުން ފޯނު ފުލުހުންނަށް ދީފައިނުވާތީ އާއި ފޯނު އޮތް ތަނެއް ބުނެ ނުދިން ކަމަށް ބުނެ އެވެ.

މީގެ އިތުރުން ޓެރަރިޒަމްގެ ދައުވާ ވެސް ވަނީ އެ ތިން ބޭފުޅުންގެ މައްޗަށް އުފުލާފައި އެވެ. އެ ތިން ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އެވެ. އަދި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކޮށްފައިވެ އެވެ. އެ ދައުވާކުރަނީ ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް ކަމަށްވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ބުނެ އެވެ.

މި ތިން ބޭފުޅުންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފަ އެވެ.