ކުޅިވަރު

ނަތީޖާ އަނބުރާލެވޭނެކަމުގެ އިތުބާރު އެބައޮތް: ގާޑިއޯލާ

ޗެމްޕިއަންސް ލީގް ކްއާޓާ ފައިނަލުގެ ދެ ވަނަ ލެގް މެޗުގައި، މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ނިކުންނައިރު އޭނާގެ ޓީމަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ފުރަތަމަ ލެގް މެޗުގައި، ލިވަޕޫލާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކުރީ ފުރަތަމަ ހާފުގައި ކާމިޔާބު ކުރި ތިން ލަނޑުން 3-0 ންނެވެ. އެ ނަތީޖާ އަނބުރާލަން އުނދަގޫ ވާނެ ކަމަށްވެސް ގާޑިއޯލާ ގަބޫލު ކުރެ އެވެ. ނަމަވެސް އެ ޗެލެންޖް އޭނާގެ ކުޅުންތެރިންނަށް އޭނާ ވިސްނައި ދެނީ އާހިތްވަރެއްގެ ގޮތުގައި ނެގުމަށެވެ.

"އަނެއް ބުރަށް ދިއުމަށް އަހަރެމެން ޖެހޭނެ ވަރަށް ފުރިހަމަ ގޭމެއް ކުޅެއް، ފުރުސަތުތައް އުފައްދަން، އަދި ވަރަށް ތައްޔާރުވެ ލިބޭ މަދު ފުރުސަތުގެ ބޭނުން ހިފެން ޖެހޭނެ،" ގާޑިއޯލާ ބުންޏެވެ. "ހުރިހާ ހާލަތެއްގައިވެސް އަހަރެމެން ޖެހޭނެ ވަރަށް ފުރިހަމަ އަށް ތިބެން، އަހަރެމެންނަށް މިއޮތީ 90 މިނެޓް، ފުޓްބޯޅައިގައި ކޮންމެވެސް ކަމެއް ވެދާނެ."

މިރޭގެ މެޗުގައި ލިވަޕޫލުން އެންމެ ގޯލެއް ޖެހި ނަމަވެސް، ސިޓީއަށް އަނެއް ބުރަށް ކުރިއަށް ދެވޭނީ ފަސް ގޯލް ޖަހައިގެންނެވެ. އެހެންވެ އެ ޓީމުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ބައިކޮޅަށް ގޯލެއް ވަނަ ނުދިނުމެވެ.

"އަހަރެމެން ކޮޅަށް ގޯލެއް ވަނަސް އަހަރެމެން ނުވާނެ ހިތްވަރު އެލުވާލައިގެން، އިތުރު ވަގުތު ހިމަނައިގެން އެއީ 90 މިނެޓަށް ވުރެ ގިނައިން ލިބޭނެ، އަހަރެމެން ހުންނާނެ ވަރަށް ގިނަ ފަހަރަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ގިނަ ފުރުސަތު ތަކެއް އުފައްދާފަ، ފުރަތަމަ ފުރުސަތުގައި ލަނޑު ނުޖެހިއްޖެނަމަ ދެން އަންނަ ފުރުސަތުގެ ބޭނުން ކުރަން ޖެހޭނެ."

ޔޫރަޕްގެ ކޮންމެ ޓީމަކާވެސް ސިޓީއަށް ވާދަ ކުރެވޭނެ ކަމުގެ އިތުބާރު ގާޑިއޯލާ އަށް އެބައޮތެވެ. އޭނާ ބުނީ ކުރިއަށް އޮތްތަނުގައި ސިޓީއަކީ ޔޫރަޕްގެ ޗެމްޕިއަން ޓީމަށް ވާނެ ކަަމަށެވެ.