ވާހަކަ

ބުނެދޭށޭރުހެމޭ

(8 އެޕްރީލް 2018 އާ ގުޅޭ) -- "ސްކާލެޓް" ހިނިއައިސްފައި ހުރެ ވައިއަޑުން ކަހަލަ ގޮތަކަށް އަރްސަލް ބުނެލުމާއެކު އަމިއްލަ ނިތްކުރީގައި ޖަހާލިއެވެ. އަދި ދެފަރާތަށް ބޯހޫރާލަމުން ސިޓިންރޫމާ ދިމާއަށް އައެވެ.

ނިތްކުރީގައި އަދިވެސް އެއްފަހަރު ފިރުމާލާފައި ނިމްރާ އައިސް އެނދުގައި އިށީނެވެ. އޭނާ ގަނެގެން ގެނައި ސާމާނުތައް އަޅާފައި ހުރި ކޮތަޅު ހާވާލިއެވެ. ފޯނު ކާޑު ނަގައި އެނދުގެ ވައަތްފަރާތު ކަބަޑު މަތީ ބޭއްވިއެވެ. އަލަމާރިއަށް ލާންޖެހޭ އެއްޗެހި އަލަމާރިއަށް ލުމަށްފަހު ރީތިވާ މޭޒުމަތީ ޑިއޯއާއި ބޮޑީސްޕްރޭ ފުޅި ބެހެއްޓިއެވެ. އަދި ޝޭމްޕޫއާއި ކޮންޑިޝަނާ ފުޅި ގެންގޮސް ފާޚާނާއަށް ލިއެވެ. އެ ހުރިހާ ކަމެއް ކުރުމަށްފަހު އެނބުރި އައިސް އަނެއްކާ ވެސް އެނދުގައި އިށީނެވެ. ފޯނުކާޑުގައިވާ ނަންބަރު ބާލީސް ދަށުން ނިމްރާ ނެގި ފޯނަށް އެޅިއެވެ. ފަންސާސް ރުފިޔާ ފޯނަށް އެޅުނުކަމުގެ މެސެޖު ދިރާގުން ފޮނުވިއެވެ. ފޯނު ހިފައިގެން އެނދުގައި ނިމްރާ އޮށޯވެލިއެވެ. ކުރާނޭ އިތުރުކަމެއް ދެން ނެތެވެ. އަރްސަލް އޭނާގެ ގާތުގައި ނިދާށޭ ބުންޏަސް އޭނާގެ ނިންޖެއް ނެތެވެ. އިންޓަނެޓު ބޭނުން ކުރުމަށް ފޯނަށް ޑޭޓާ ޕެކޭޖެއް ނެގިއެވެ. އަދި އެކި ނޫސްތަކުން ޚަބަރުތައް ބަލަން ފެށިއެވެ. އެކަމާ ވެސް އޭނާ ގަޔާވާގޮތެއްނުވިއެވެ. ދެން ހުޅުވާލެވުނީ ފޯނުގެ ގެލެރީއެވެ. އެއާއެކު ސަތޭކަ އެކާވީސް ފޮޓޯ ފޯނުގައި ރައްކާކުރެވިފައި ހުރިކަން އިސްކުރީނުގައިވާ ނަންބަރުން ފެންނަން ހުއްޓެވެ. އެންމެ ފަހުން ނަގާފައި ހުރި ފޮޓޯތައް ފެނުމާއެކު ނިމްރާގެ މޫނު އެކީ މިލައިގެން ދިޔައެވެ.

"ތި ރީތިކަން އަހަންނަށް ވަރަށް ކަމުދިޔަ... ކާކު ބުނާނީ ތި މޫނަށް ބަލާލާފައި ތީ މަކަރުވެރިއެކޭ. އަހަރެންނާ ހަމައަށް އައީ ކިތައް އަންހެންކުދީންގެ ހިތް ކަތިލާފަކަމެއް ވެސް ނޭނގެ... އަހަންނަށް ހަމައެކަނި އެނގެނީ މާނު އަހަންނަށް ހެދި ގޮތް. އަހަރެން ހާދަ ބޭނުންވިޔޭ މާނުއާއެކީ ދިރިއުޅުމެއް ފަށަން. މާމަ ކިތަންމެ ނުރުހުންވިޔަސް އަހަރެން މާނުދެކެ ވާ ލޯބި މާމައަށް އެނގޭ. އެކަމަކު މާމަގެ ވާހަކަ ކިހާ ތެދު... މާނުގެ ސިފަ އަހަންނަށް އޮޅުވާލިޔަސް މާމައަށް ތި ރީތި މޫނުގެ ފަހަތުގައިވި ކެހެވެރިކަން ދެނެގަންނަން އެނގުނު. މާނުއާ ހެދި ކިތައް މީހުންގެ މަރު އަހަރެންގެ ބޮލުގައި އެޅިފައި މިވަނީ... އަހަރެން އިންތިހާއަށް ލޯބިވި މީހާދެކެ މިއަދު މި ކުރާ ވަރަށް ނަފުރަތު ކުރެވިދާނޭ ދުވަހަކުވެސް ހިތަކަށް ނާރާ. އެކަމަކު އަހަރެންގެ ހިތުގައި ނަފުރަތު އުފެއްދި މީހަކީ ތީ... ލޯތްބަކީ ކޮބައިކަން އަހަންނަށް ވެސް މިހާރު އޮޅިއްޖެ"

މިޢުވާނުގެ އަތުގެ ތެރޭގައި ނިމްރާ ވަނިކޮށް ނަގާފައި ހުރި ސެލްފީތަކަށް ބަލަން ނިމްރާ އޮތެވެ. އެކި ފަހަރު މަތިން މިއުވާނާއާއެކު އެކި މަންޒިލް ތަކުގައި ނަގާފައި ހުރި ފޮޓޯތަކެވެ. މިއުވާނުދެކެ ނިމްރާއަށް ވެވުނު ތެދުވެރި ލޯބީގެ މަތިން ހަނދާންނައްތާލަން ބޭނުންވި ނަމަވެސް އެ އިހުސާސަކީ އެހާ ފަސޭހައިން އޭނާއާ ވަކިވެގެން ހިނގައިދާނޭ އިހުސާސެއްނޫންކަން ޚުދު އޭނާގެ ހިތް ޤަބޫލުކުރެއެވެ. ލޯބިވާނޭ މީހަކު ބޭނުންވުމީ ނިމްރާއަށް ހެދުނު އެންމެ ބޮޑު ގޯސްބާއޭ އަމިއްލަ ޟަމީރާ އެތައް ފަހަރަކު ސުވާލު ކުރެވެއެވެ. ފޯނުގައި ހުރި ފޮޓޯތައް ޑިލީޓް ކުރަން އުޅެފައި ވެސް ނިމްރާ ކެންސަލްއަށް އޮބާލިއެވެ.

"ވައި..." އަމިއްލަ ނަފްސާ ނިމްރާއަށް ސުވާލު ކުރެވުނެވެ. އެ ފޮޓޯތައް އޭނާގެ އަތުގައި ހުރެގެން ވަކި ވާނީ ކޮން ފައިދާއެއް ހެއްޔެވެ. އެކަމަކު އެ ފޮޓޯތައް ޑިލީޓު ކުރާކަށް ވެސް އޭނާއަކަށް ނުކެރުނެވެ. މިއުވާނުގެ މަތީން އޭނާ ދުވަހަކުވެސް ހަނދާންނެތޭނޭބާއެވެ. މިއުވާނަށް ކިތަންމެ ނަފުރަތެއް ކުރިޔަސް އެ ސުވާލަށް ދޭނޭ ޖަވާބެއް އޭނާގެ ނެތެވެ. ފޯނުގެ އިސްކުރީނު ނިވާލާފައި ބާލީސް ދަށަށް ކޮއްޕާލީ ނިމްރާގެ އަމިއްލަ ނަފްސުދެކެ ފޫހިވެފައި އޮވެއެވެ. އިރުކޮޅަކު އޮވެފައި އެނދުން ތެދުވެގެން އައިސް ދޮރު ކައިރީ ހުރި ސުވިޗު ބޯޑުން ކޮޓަރީގައި ހުރި ހުދު އަލި ނިވާލައި ފަނޑު އަލީގެ ބޮކި ދިއްލާލިއެވެ. އެއަށްފަހު ކޮޓަރީގެ ދޮރު ތަޅުލާފައި އައިސް އެނދުގައި އޮށޯތީ ނިދިނެތް ނަމަވެސް ނިދޭތޯއެވެ.

ރޭގަނޑުގެ ބޮޑުބައެއް ރާދިންއާއި އަރްސަލް މަސައްކަތުގައި ހޭދަކުރިއެވެ. ދެ މީހުން ވެސް ނިދަން އައީ ތިނެއް ވެސް ޖެހިފަހުންނެވެ. ކޮންމެ މީހަކު އެމީހެއްގެ ތަންމަތީގައި ޖެހުމާއެކު ނިދޭކަށް ގިނައިރެއް ނުނެގިއެވެ.

* * * *

ދެހަފްތާ ވޭތުވެގެން ދިޔައިރު އަރްސަލްއާއި ރާދިން ފެންނަނީ ވަރަށް ބުރަކޮށް އުޅޭ ތަނެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޮފީހުގައި މީޓިންތައް ކުރިއަށް ދެއެވެ. ސިވިލް އިންޖިނިއަރިންނާއި މާކެޓިންއާއި ފައިނޭންސް ޑިޕާޓްމެންޓުގެ މެދުގައި މަޝްވަރާތައް ކުރިއަށް ދެއެވެ. އެއްމަސް ދުވަހުގެ ތެރޭގައި އައު ޕްރޮޖެކްޓަށް ބޭނުންވާނޭ ހުރިހާ ކަމެއް ހިމެނޭ ގޮތަށް ފުރިހަމަ ރިޕޯޓެއް ހުށަހެޅުމަށްވަނީ ޑިޕާޓްމެންޓުތަކުގެ ހެޑުންނަށް އަންގާފައެވެ. އޮފީސް ވަގުތުގެ އިތުރުން ގޭގައި އުޅޭ ވަގުތުތަކުގައި ވެސް އަރްސަލްއާއި ރާދިން ފެންނަނީ ކޮފީ މޭޒު ދޮށުގައި މަސައްކަތުގައި ތިބޭ ތަނެވެ. އެމީހުންގެ ސަމާލުކަން އެހެން ދިމާއަކަށް ނުދެއެވެ. ވާހަކައެއް ދެކެވުނަސް ވިޔަފާރީގެ ވާހަކަ ނޫނީ ނުދެކެވެއެވެ. މިހާތަނަށް އަރްސަލްއާއި ރާދިންގެ ކުންފުނިން ލާމު ގަމުގައި އެޅި ހޮޓެލްގެ އިތުރުން ހުޅުމާލޭގައި ދެ މޯޓެލް އެބަހުއްޓެވެ. ހަމައެއާއެކު އެ މީހުން ދިރިއުޅޭ ގޭގެ އެންމެ ތިރީގައި ހުޅުވާ ރެސްޓޯރެންޓަކީ ވެސް އަރްސަލްއާއި ރާދިންގެ ޚިއްޞާ އޮތް ތަނެކެވެ. އެތަން ވެސް މިހާރު ވަނީ ހުޅުވާފައެވެ. ނަމަވެސް ގ.ރަންދޯދިގެ ހުރި ބިމުގައި އަޅަން ނިންމާފައިވާ ހޮޓެލްއަކީ މިހާތަނަށް އެ ދެ ޒުވާނުން ކުރާ އެންމެ ބުރަ މަސައްކަތައް ވާނެއެވެ. އެމީހުންނާއެކު ލީގަލް ހުރިހާ ކަމެއް ހަމަޖެއްސުމުގައި ކީފާ ބައިވެރިވެއެވެ. އެހެންވެ ފަހަކަށް އައިސް އަބަދުހެން އަރްސަލްއާއި ރާދިންގެ އެޕާޓްމެންޓުގެ ތެރެއިން ކީފާ ފެނެއެވެ.

"ހާއި ޑާލިންގ" ބެލްކަނީގައި މަޑުކޮއްލައިގެން ހުރި ނިމްރާ ފަހަތް ބަލާލީ ރާދިންގެ އަޑު އިވިގެންނެވެ. އެޕާޓްމެންޓުގެ ބިއްދޮށަށް ވާގޮތަށް ހުންނަ ބެލްކަނީގައި ނިމްރާ މަޑުކޮއްލައިގެން ހުރީ ކީފާ އުޅޭތީއެވެ. އޭނާ ނިމްރާއަށް ބަލާލާ ކޮންމެ ފަހަރަކު އެ ބެލުމުގައި ނުރުހުންތެރިކަމާއި ފޫހިކަން ވާކަން ނިމްރާއަށް އެނގެއެވެ. އެހެންވެ އޭނާ ފެންނަ ހިސާބުގައި ނުހުންނަންވެގެން ނިމްރާ އައީއެވެ.

"ކޮފީއެއް ހަދައިދޭންވީތަ؟" ރާދިންއާ ދިމާއަށް އެނބުރިލާފައި ނިމްރާ އަހާލިއެވެ.

"ނޫން... މި ކުޑަ ބްރޭކެއް ނެގީ" ރާދިން ހިނިތުންވެލަމުން އައިސް ނިމްރާގެ ކަނާފަރާތުން ބެލްކަނީގެ ފާރުބުރީގައި އަތް އަޅުވާލިއެވެ.

"ސިޓިންރޫމު ބެލްކަނިން ފެންނާނެ އިރުއޮއްސޭތަން... ކީއްވެ މިތާ ތި ހުރީ" ރާދިން ވާހަކަދެއްކިއެވެ.

"ކަމެއްނުވޭ... ހަމަ ހުރީ" ނިމްރާ ވެސް އިހު ހުރި ގޮތަށް ބެލްކަނީގައި ދެއަތް އަޅުވާލިއެވެ.

"ފޫހިވެފަ ދޯ ތި ހުރީ" ރާދިން އަހާލިއެވެ.

"ކުޑަކޮށް" ނިމްރާ ލުއި ހިނިތުންވުމެއް ރާދިންއާ ބަދަލުކޮއްލިއެވެ.

"ޓެލް މީ ލަވް... ކީއްވެ އަރްސަލް ބުނީމަ އައީ؟ މިހެން އަހަން ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއްވެއްޖެ" ނިމްރާ ފެންނާނޭހެން އަރިއަކަށް ރާދިން ހުއްޓިލިއެވެ. ނިމްރާގެ ނަޒަރު ރާދިންއާ ދުރަށް ދަތުރުކުރިއެވެ. އަދި ކުރިމަތިން ފެންނަން އޮތް ހާމަކަމުގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ.

"އިޓްސް އޯކޭ ލަވް... ބުނަން ބޭނުންނުވަންޏާ ނުބުންޏަސް އޯކޭ" ރާދިން މަޑުމަޑުން ބުނެލިއެވެ. އެހިނދު ފިނިނޭވާއެއް ނިމްރާ ދޫކޮއްލިއެވެ.

"ރާދުއާއި އަރްސަލް އެ ދުވަހު މާމަގެ ޖަނާޒާގެ ކަންތައްތައް ހަމަޖައްސައި ދިނީތީ އެކަމަށް އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަން. އަރްސަލް ފަހުން ވެސް އަހަންނާ ބައްދަލުކުރަން އައި... އޭނާ އަހަރެން މަރުވާން ދޫކޮށެއް ނުލި... ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިން... އަހަރެން ހޭ އަރަންދެން އޭނާ މަޑު ވެސް ކުރި. އެކަމަކު އަހަރެންގެ އަތުގައި ފައިސާނެތީ... ވަޒީފާއެއް ލިބޭތޯ އުޅުނިން... ހުރިތަނުން ނުކުންނަން އެގޭ މީހާ ބުނެފަ އޮތްއިރު ދެން އެހެން ތަނެއް ހިފައިގެން ގޮސް އުޅޭނޭ ފެންވަރެއް އަހަރެންގެ ނެތް... އަރްސަލްގެ ހުރިހާ ޝަރުތަކާ ރުހި ޤަބޫލުވެއްޖެނަމަ އަހަރެންނަށް ވަގުތީ ގޮތުން ވިޔަސް ހިޔާވަހިކަމެއްލިބޭނޭކަން އެނގޭ. ހައިހޫނުކަން ފިލުވަން ކާއެތިކޮޅެއް ލިބޭނޭކަން އެނގޭ. މިވަގުތަށް އަހަންނަށް ވަރަށް މުހިންމު ދެކަންތައް އެއީ... ރާދު!... އައި މޭކް އަ ޑީލް ވިތް ދި ޑެވިލް" ނިމްރާ ދުރު ބަލަހައްޓައިގެން ހުރެ ކިޔައިދިނެވެ.

"ހަމަ އެކަކު ވެސް ނެތީތަ ޢާއިލާގައި" ރާދިން އެނގެން ބޭނުންވިއެވެ.

"އަހަރެންގެ މަންމަ ވީ ތަނެއް ނޭނގޭ. ދުވަހަކުވެސް ނުދެކެން... ބައްޕަ ނިޔާވެއްޖެ އަހަރެން ވަރަށް ކުޑައިރު. ކާފައާއި މާމަ އަހަރެން ގެންގުޅުނީ... ކާފަ ވެސް ވަކިވެގެން ދިޔައީ. މާމަ ވަކިވީ ކޮންއިރަކުކަން ރާދުއަށް ވެސް އެނގޭނެ... އަހަރެންގެ ހާލު ބަލަން ތިބި ބަޔަކީ އެއީ. ދެރަވަނީ މާމައަށް އެހެންވީ އަހަރެންގެ ސަބަބުންކަމަށްވާތީ" ނިމްރާ އިސްޖަހާލުމާއެކު އޭނާގެ ދެއަތްތިލަ ޖޯޑުކޮއް ބާރުކޮއްލިއެވެ.

"އައި އޭމް ސޮރީ" ރާދިން މަޑުމަޑުން ބުނެލިއެވެ. ނިމްރާއަށް ވީގޮތް ފެނި އިތުރު ސުވާލެއް ކުރާކަށް ރާދިން ބޭނުމެއްނުވިއެވެ. އޭނާ މަޑުމަޑުން ނިމްރާގެ ކޮނޑުގައި އަތްތިލަ ބާއްވާލަން އުޅެފައި ވެސް ދުރަށް ޖެހިލިއެވެ.

"އާދޭ އެތެރެއަށް... ހިނގާ އަހަރެމެންނާއެކު ކޮފީއެއް ބޯލަން. އަހަރެމެން ވެސް ދެން މަސައްކަތް ފަށާނީ އިޝާ ނަމާދުގެ ފަހުން" ރާދިން ގޭތެރެއަށް ވަނުމަށް ހިނގައިގަންނަމުން ބުނެލިއެވެ.

ނިމްރާއާއި ރާދިން ސިޓިންރޫމަށް ނުކުތް އިރު ސޯފާގައި ދެފައި ވަށްކޮއްލައިގެން ކީފާ އިނެވެ. ކޮފީ މޭޒު ދޮށުގައި އިން އަރްސަލް އިނީ ސޯފާގައި ލެނގިލައިގެން ކީފާގެ ފައިމަތީ ކަނދުރާ ކޮޅަށް ޖައިގެން ބޯ ބާއްވާލައިގެންނެވެ. އޭނާގެ ދެ ލޯ މެރިފައެވެ. ކީފާގެ ދެ އަތުގެ ޝަހާދަތް އިންގިއްޔާއި މެދު އިނގިލިން އަރްސަލްގެ ނިތްކުރީގެ ދެ ފަރާތް މަސާޖުކޮއްދެމުންދިޔައެވެ. ހަށަން ބަނދެލައިގެން އިން އަރްސަލްގެ މޫނުމަތިން އޭނާ ހަމަޖެހިފައި އިންކަމުގެ އަސަރު ފާޅުވެއެވެ.
"ޑާލިންގ... އަހަރެންގެ ބޯ ވެސް އެގޮތަށް މަސާޖުކޮއްލަ ދޭންވީނު" ރާދިން ބުނެލިއެވެ. އެ އަޑަށް އަރްސަލް ލޯ ހުޅުވާލިއެވެ. އޭނާގެ ނަޒަރު ފުރަތަމަ ވެސް ހުއްޓުނީ ނިމްރާއަށެވެ.

"ރާދު ތިހާ ޑެސްޕަރޭޓްވާކަށް ނުވާނެ... މެއިޑެއްވިޔަސް ހެޔޮވާ ހިސާބަށް ލެވެލް ދަށްވީތަ؟" ކީފާ އިނދެފައި މަލާމާތުގެ ހީނލުމަކާއެކު ބުނެލިއެވެ. އަރްސަލް ލޯ މަރާލުމާއެކު ކުރިން އިންހެން ހަމަޖެހިލިއެވެ. އޭނާގެ ތުންފަތުގައި ހިނިތުންވުމެއްވީތަން ނިމްރާއަށް ފެނުނެވެ. މިފަހަރު ކީފާ ހުއްޓުވާކަށް އޭނާ އެއްޗެއް ނުބުނެއެވެ. އޭގެ ބަދަލުގައި ހީވަނީ ކީފާއާ އެއްބައިވެގެން އިންހެނެވެ.

"މެއިޑަކީ ވެސް އިންސާނެއްވިއްޔާ ކޮބާ މައްސަލައަކީ. މީހާ ކުރާ މަސައްކަތަކުން އަދި އޭނާއަކީ ކިހާވަރެއްގެ މީހެއްކަމެއް ނޭނގޭނެ. އަތުގައި ކިތަންމެ ފައިސާ ގިނަވިޔަސް އޭނާގެ އަތުގައި އެކައްޗެއް ވެސް ނޯވެދާނެ... ހަމައެގޮތަށް ފައިސާނެތް ނިކަމެތި މީހާގެ އަތުގައި އެހެންމީހަކަށް ދޭނޭ ވަރަށް އަގުބޮޑު އެއްޗެއް އޮވެދާނެ. ޔޫ ކާންޓް ޖަޖް ޕީޕަލް" ނިމްރާ ގޮވައިގެން އައިސް އަރްސަލްމެންގެ ވައަތް ފަރާތުގައި ހުރި ދިގު ސޯފާގައި އިށީންނަމުން ރާދިން ބުންޏެވެ. އެހިނދު އަރްސަލްގެ ތުންފަތް އިހުނަށްވުރެ ބޮޑަށް ދެމިލިތަން ފެނުނެވެ.

"ރާދު!... އައި ކޭން ފައިންޑް ޔޫ އަ ގާލް" ކީފާ ހިނިއައިސްފައި އިނދެ ބުނެލިއެވެ.

"އަހަރެން ބޭނުންވާ ކުއްޖާއެއް ނުލިބޭނެ" ރާދިން ރައްދުދިނީ ނިކަން އަވަހަށެވެ.

"އެ ކީއްވެ އޭނާ ނުލިބެންވީ... ޔޫ ޝުޑް އެޓްލީސްޓް ޓްރައި" ކީފާ ބުނެލިއެވެ.

"އޭނާ ލޯބިވަނީ އެހެންމީހެއްދެކެ... އަހަރެން ކިހިނެއް ގަދަކަމުން އޭނާ ލައްވާ އަހަރެންގެ މައްޗަށް ލޯބި ޖައްސުވާނީ... އެހެންވީމަ މިހާރު މެއިޑެއް ވެސް އޯކޭ" ފާޑަކަށް ހެވިފައި އިނދެ ރާދިން ބުނެލިއެވެ. އަރްސަލް އެއްލޯ ކުޑަކޮށް ހުޅުވާލާފައި އޭނާގެ ވައަތްފަރާތުގައި ތިބި ރާދިންއާއި ނިމްރާއަށް ބަލާލިއެވެ. އިސްޖަހާލައިގެން އުނގުގައި އޮތް ދެއަތްތިލަ ޖޯޑުކޮއްލި ގޮތަށް ނިމްރާ އިނީ ދެކެވެމުންދިޔަ ވާހަކައިގެ ތެރެއަށް ވަންނަން ބޭނުންނުވެފައި އިން ހެނެވެ. އޭނާގެ ގާތުގައި އިން ރާދިން އިނީ ކީފާއަށް ދޫކުރާ ގޮތަކަށް ނޫންކަން އޭނާގެ މޫނުމަތީގެ އަސަރުތައް ހެކި ދެއެވެ.

"ރަންދޯދި ޕްރޮޖެކްޓް ނިމުނީ ދެން އެންމެ އަވަހަށް ފަށާނީ ރާދުއަށް ގާލްފްރެންޑެއް ހޯދުމުގެ ޕްރޮޖެކްޓް. ދޯ އަރްސަލް" ކީފާ ބުނެލިއެވެ. އޭނާ މިފަހަރު ބުނި އެއްޗަކުން ނިމްރާގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. އޭގެ އަނެއް މިނެއްޓުގައި ނިމްރާ ސިހުނީ އޭނާގެ އުނގުމައްޗަށް އެރުވި އަރްސަލްގެ ފައިންނެވެ. ކުއްކިއަކަށް އަރްސަލްގެ ފައި ނިމްރާ ކޮއްޕާލާފައި ތެދުވިއެވެ.

"އިށީނދޭ!... މާގިނައެއްކޮށް ނުބުނާނަން" ލޯ ހުޅުވާލައި ނިމްރާއާ ދިމާއަށް ބަލާލަމުން އަރްސަލް ބުނެލީ ހަރުކަށިކަން އެކުލެވޭ ބާރު އަޑަކުންނެވެ. މާޙައުލުގައިވި ސަމާސާ ގޮތް ވެސް ފިލައިގެންދިޔައެވެ. ރާދިންއާއި ކީފާގެ ނަޒަރު ވެސް ހުރީ އަރްސަލްއަށް ހުއްޓިފައެވެ. ބަސްއަހާ ކުއްޖަކު ފަދައިން ނިމްރާ ސޯފާގައި އިށީނެވެ. އެއާއެކު އަނެއްކާ ވެސް އަރްސަލްގެ ވައަތު ފައި ނިމްރާގެ އުނގަށް އެރުވިއެވެ.

"މަގޭ ފައި މަސާޖުކޮއްލަބަލަ" މިފަހަރު އަރްސަލް ބުނެލީ ނިކަން އާދައިގެ ގޮތަކަށެވެ.

"ހާދަ ފިންޏޭ ތި އަތްތިލަ" ނިމްރާގެ އަތްތިލަ އަރްސަލްގެ ފައިތިލައިގެ ޖެހުމުން އަރްސަލް ބުނެލިއެވެ.

"އަރްސަލް! ތީ ކޮންކަމެއް؟" ކީފާ އިނދެފައި އަރްސަލްގެ ނިތްކުރީގައި ފިރުމާލަމުން އޭނާގެ ދަތްދޮޅި ދަށަށް ދެއަތްތިލަ ލައްވާލާ އެ މޫނު އުފުލާލިއެވެ.

"އޭނަ މިތާ އިންއިރު ފައި މަސާޖުކޮއްލިއަސް އެވަރުކަމެއްތަ؟ އަހަރެން ބޭނުންކަމެއް ކުރުވަން ގެނެސްފައި ހުރި މެއިޑެއް އެއީ. އައި އޯން ހާ.... ޝީ ބިލޯންގ ޓު މީ" ފާޑަކަށް ހީނލަމުން އަރްސަލް ބުނެލިއެވެ. އަދި ކީފާގެ ދެއަތްތިލަ ގެނެސް އޭނާގެ ނިތްކުރީގެ ދެފަރާތުގައި ޖައްސާލީ ނިތްކުރި މަސާޖުކޮއްދޭށޭ ބުނާ ފަދައިންނެވެ.

"އޭނާ ލައްވާ މަސާޖު ކުރުވަންވީނު... މަށެއް ނޫޅެން" އަރްސަލްގެ ބޯ ދުރަށް ޖައްސާލާފައި ކީފާ ތެދުވިއެވެ. އަރްސަލް އެއްޗެއް ބުނާނޭކަމަށް ކީފާ ހީކުރި ނަމަވެސް އޭނާ ސޯފާގެ ކައިރިފަށުގައި ކަނދުރާ ޖައްސާލައިގެން އޮތް ގޮތަށް އޮތީއެވެ.

"އޭނާއަކީ މޫޑް ކިލާއެއް.... އޭނާ ޑެވިލްއަކަށް ވީ ފަހުން އެ ހުންނަ އެރޮގެންޓް ގޮތް ވަކިން ބޮޑުވެއްޖެ. ދޯ ޑާލިންގ... ކީފާ! ތި އަތުން އަހަންނަށް މަސާޖެއްދިނިއްޔާ ވާނީ ކީއްތަ؟ ގައިމު ވެސް އަރްސަލްހެން ޝުކުރުވެރިވާން ނޭނގޭ މީހެއްނޫން އަހަންނަކީ. ބައި ދި ވޭ... ޔޫ ލުކް ބިއުޓިފުލް ޓު ޑޭ... ޕިންކްއާ އެހާ ނުގުޅޭ އެހެންވިޔަސް ވަރަށް ރީތި ގޮތެއް އެބަހުރި. އައި ވިލް ގިވް ޔޫ އަ ކިސް އިން ރިޓާން" ރާދިން ބުނެލިއެވެ. ނަމަވެސް އޭނާ ދެއްކި ވާހަކައަކަށް ސަމާލުކަން ދިނުމެއްނެތި ކީފާ އައިސް ނިމްރާގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އަދި އޭނާގެ އަތުގައި ހިފާ ދަމަމުން އެތެރެއަށް ހިނގައިގަތެވެ.

"ކަލޭތީ އަންހެނެއްތަ؟ ސެލްފް ރެސްޕެކްޓް ވެސް ނެތީތަ؟ ނޫނީ އަރްސަލްއާ ހިތާވަނީތަ؟ ކަލޭގެ މަޤާމު އޮޅުނީ ދޯ. އަހަރެން ހިތަށް އަރާ ކަލޭ ކީއްކުރަންބާއޭ މިގެއަށް އައީ" ކީފާގެ ޠަބީޢަތް މުޅިން ބަދަލުވީއެވެ.

"އަރްސަލް އަހަރެން ގެނައީ... އަންނަން ބޭނުންވެގެންނެއްނޫން. މަސައްކަތެއްކޮއްގެން ނޫނީ ފައިސާ ލިބޭނޭ ގޮތެއްނެތް. އަރްސަލްގެ ޢަމަލުތައް އަހަރެން ކިހިނެއް ހުއްޓުވާނީ. އަހަރެންގެ މަޤާމަކީ ކޮބައިކަން އެއްވެސް މީހަކު ހަނދާންކޮއްދޭކަށް ނުޖެހޭނެ" ނިމްރާ މިފަހަރު ކީފާއަށް ރައްދުދިނެވެ. އެހެންނަމަވެސް އެ އަޑުގައި ޒުވާބުކުރާ ގޮތެއް ނެތެވެ. ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.

"އެހެންވީރު އަހަރެން ކަލެއަށް ވަޒީފާއެއް ދީފާނަން. މުހިންމީ ފައިސާ ލިބޭނޭ ގޮތެއްނު. ކަލޭ އުޅޭ ގޮތުން އަންހެނުންގެ ނަމަށް ވެސް ހުތުރު... ފިރިހެނަކު އޭނާގެ ގޮތެއް ނުހުއްޓާނޭ އަންހެނަކު އެކަމާ ރުހިގެން ހުންނަހާ ހިނދަކު. އަމިއްލައަށް ފިރިހެނުންނަށް ދަޢުވަތު ނުދިނަސް ވެދާނެ... އަތުގައި ފައިސާ ހުރި ފިރިހެނަކު ފެންނައިރަށް ބައެއް އަންހެނުން ތިބެނީ ހޭބަލިވެފައި. އަވަހަށް އެ މީހެއްގެ އުނގަށް ވެއްޓިގަންނާނޭ ފުރުޞަތަކަށް ބަލަބަލާ... އަހަރެން މިގޭގައި އުޅޭއިރު އަރްސަލްގެ ކުރިމައްޗަށް ކަލޭ ދެން ނާންނާތި. ދޭ!... ގޮސް ކަލޭގެ ކޮޓަރީގައި އޮވޭ" ނިމްރާގެ ކޮނޑާއި އުޅަންބޮއްޓާއި ދޭތެރޭގައި ހިފަހައްޓާލާފައި ހުރި ކީފާގެ އަތް ނައްޓާލީ އެތެރެއަށް ވާގޮތަށް ނިމްރާ ކޮއްޕާލަމުންނެވެ. އެއްވެސް އެއްޗެއް ނުބުނެ ނިމްރާ ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.

"އަމިއްލައަށް ފިރިހެނުންނަށް ދައުވަތު ނުދިނަސްވެދާނެ" ކީފާގެ އެ ޖުމްލަ ދޮރުފަތުގައި ލެނގިލައިގެން ހުރި ނިމްރާއަށް ތަކުރާރުކޮއް އިވެމުންދިޔައެވެ. ކަށިތަކެއް ފަދައިން އެ ލަފުޒުތައް ނިމްރާގެ ހިތަށް ހެރިގެން ހިނގައްޖެއެވެ. ފިރިހެނުން ފައިދާ ނަގަނީ އޭނާ އެކަމަށް ދަޢުވެތިދޭތީތޯ އަމިއްލަ ޟަމީރާ ސުވާލުކުރެވުނެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރު ކުޑަވިއެވެ.

"ކީފާ! ދެން ފަހަރަކުން އެގޮތަށް އޭނާއާ މެދު ކަންތައްނުކުރައްޗޭ" ކީފާ އެނބުރި ސިޓިންރޫމަށް އައުމުން ބަދިގެ ތެރޭ ފެންފުޅިއެއް ހިފައިގެން ހުރި އަރްސަލް ބުނެލިއެވެ.

"ތިމާ އެންމެ ލޯބިވާ މީހާ ވަކިވެގެން ދިއުމުން ކޮންމެ މީހަކު ވެސް ހިތާމަކުރާނެ. އަހަރެން ނަމަވެސް އުޅޭނީ އަރްސަލް އުޅޭހެން ކަންނޭނގެ. އެކަމާ ދެރަވެ ހިތާމަ ކުރެވޭނެ... އަހަންނަށްވުރެ ކުރީން އޭނާ ވަކިވެގެން ދިޔައީތީ އެކަމާ ޝަކުވާކުރެވި ރުޅި ވެސް އާދެވޭނެ. އެކަމަކު އޭގެ ފަހުން އެތައް ދުވަހެއް ފާއިތުވެ ހިނގައްޖެ. މިހާރު މީހާ ހަމައަކަށް އެޅޭހާ ދުވަސްވެއްޖެ. އަނބިމީހާގެ މަރުގެ އިލްޒާމު އެހެންމީހެއްގެ ބޮލުގައި އަޅުވައި އޭނާ އަމިއްލަ ދިރިއުޅުމުގެ ތެރެއަށް ގެނައީ ބަދަލު ހިފާށޭ ބުންޏަސް އަހަންނަށް މިހާރު ޤަބޫލެއްނުކުރެވޭ. އިޓްސް މޯ ލައިކް އެން އޮބްސެޝަން... އަރްސަލްއަށް ވެސް އަދި ލޫންއަށް ވެސް ތިކަމުން ކުރާނޭ ފައިދާއެއްނެތް. ތީ މާނައެއްނެތް ބަދަލުހިފުމެއް" ހިތްހަމަނުޖެހުމުގެ ތެރެއިން ކީފާ ވެސް ވާހަކަދެއްކީ ބާރަށެވެ.

"ހުއްޓާލާ ކީފާ!" އަރްސަލްގެ އަތުގައި އޮތް ފެންފުޅި ކާމޭޒުމަތީ ބަހެއްޓަމުން ހަޅޭލަވައިގަތެވެ. ދެން ފެނުނީ އަރްސަލް އައިސް ކީފާގެ ދެފަރާތުން އޭނާގެ އަތުގައި ހިފެހެއްޓިތަނެވެ. އެއްޗެއް ބުނަން އުޅެފައި ވެސް ދަތްކުނޑި ވިކާލުމާއެކު ކީފާ ފޮޅުވާލާފައި އަރްސަލް އޭނާގެ ކޮޓަރިއާ ދިމާއަށް އައެވެ. އޭނާގެ ފަހަތުން ހަލުވިކޮށް ކީފާއައެވެ. އަރްސަލްގެ ކޮޓަރީގެ ދޮރުލެއްޕުމުގެ ކުރީން އެކޮޓަރިއަށް އޭނާ ވަދެ އަރްސަލްއާ ކުރިމަތިލިއެވެ.

"އަހަރެން މަސައްކަތް ކޮއްފިން އަރްސަލްގެ ތި ނިންމުން ދެނެގަންނަން. އެކަމަކު މިހާރު އަހަންނަކަށް އެއްގޮތަކަށް ވެސް ތި ނިންމުން ކަމަކު ނުދޭ... ލޫން ވަކިވެގެން ދިޔަޔަސް އޭނާއަށް އެނގޭނެ އަރްސަލް އޭނާ ދެކެ ލޯބިވިކަން. އަދި ހިނގައިދިޔަ ކަންތަކާމެދު އަރްސަލް ދެރަވާވަރު... އެހެންވީމަ ދެން ހެޔޮ... އެހެންމީހުންގެ މައްޗަށް ރުޅިގަނޑު ބޭލުން ދެން ހުއްޓާލާ. ލޫންގެ ފުރާނައަށް ވެސް ހަމަޖެހުމެއްނުލިބޭންތަ އަރްސަލް ބޭނުންވަނީ... ތި ހުރިހާކަމެއް ތިހެން ކުރިޔަސް ދިރިއުޅުން ބަދަލުވާނީ އަރްސަލް އަމިއްލައަށް އެކަމަށް މަސައްކަތްކޮށްގެން. މިހާރު ހަޤީޤަތުގައި އަރްސަލް ހިތާމަ ކުރެއެކޭ އަހަރެން ނުބުނާނަން"

"ކީފާ!... ހުއްޓާލާށޭ އަހަރެން މި ބުނީ" އަރްސަލް އައިސް ކީފާ ކީފާގެ ކޮނޑުގައި ހިފެހެއްޓި ގޮތުން އޭނާ ފަހަތަށް ދިޔައެވެ. ދޮރުފަތުގައި ޖެހި ކޮޓަރީގެ ދޮރު ލެއްޕުނީއެވެ. ކީފާގެ ކަންފަތް ދޮށުން ދޮރުފަތުގައި އަރްސަލްގެ ކަނާއަތުން ޖެހިއެވެ. ސިއްސައިގެން ދިޔަ ނަމަވެސް ކީފާ ހުއްޓާލާކަށް ބޭނުމެއްނޫނެވެ.

"ޔޯ އެކްޝަންސް އާ ޗައިލްޑިޝް... ކުޑަކުއްޖަކު އުޅޭ ހެން އަރްސަލް ތި އުޅެނީ" އަރްސަލްއަށްވުރެ ބާރަށް ކީފާ ބުނެލިއެވެ.

"އަހަރެން ހުއްޓާލާށޭ ބުނީމާ ކީފާއަށް އަޑު ނީވުނީތަ؟ ނުކުމޭ މިތަނުން... ކީފާގެ ތި ވާހަކަތައް އަޑުއަހާކަށް އަހަރެން ބޭނުމެއްނޫން" އަރްސަލް ހަޅޭލެވިއެވެ.

"ރަނގަޅު!... އަޑުގަދަ ކުރަން ބޭނުންވިޔަސް ރުޅި އައިސް ރޯން ބޭނުންވިޔަސް އަހަރެންގެ ކުރިމަތީގައި އަރްސަލް އެހެން އުޅެބަލަ. ޕްލީޒް! ޑޫ އިޓް އިންފްރަންޓް އޮފް މީ... އަހަރެން އަރްސަލް ކޮންސޯލް ކުރާނަން... އައި ވިލް ބީ ހިއާ ފޯ ޔޫ" ކުރެހިގެން ދިޔަ ކީފާގެ އަޑުގައި މަޑު ތުރުތުރެއްވިއެވެ. ކުއްލިއަކަށް އަރްސަލްއާ ގާތް ވެލުމާއެކު މޭގައި ޖައްސާލި ކީފާގެ ދެއަތްތިލައިގެ ތެރެއަށް އަރްސަލްގެ ގަމީސް ބޮނޑިކޮއްލިއެވެ. އަދި ނުވިސްނާ ހުރި އަރްސަލްގެ ތުންފަތަށް ކީފާގެ ތުންފަތުގެ ހޫނުކަން އިހުސާސް ކުރެވިގެން ދިޔައެވެ. އަރްސަލް ގެނައި އަވަސް ހަރަކާތަކާއެކު ކީފާގެ ދެކޮނޑުގައި ހިފައި ކީފާ ދުރަށް ޖައްސާލިއެވެ. ހައިރާންކަމާއެކު ކީފާގެ ފެންކަޅިވެފައިވާ ދެ ލޮލަށް އަރްސަލް ބަލަން ހުރީއެވެ. ކީފާގެ ހަރަކާތްތައް ދެނެގަންނަން ބޭނުންވެފައި ހުރި މީހަކު ފަދައިންނެވެ. ބަސް ހުއްޓިފައެވެ. އަރްސަލްގެ ގަމީހުން ދޫކޮށްލުމާއެކު ކީފާގެ އަތްތިލަ މަޑުމަޑުން ހިއްލާލީ އަރްސަލްގެ މޫނުގައި އަތްލުމަށެވެ. (ނުނިމޭ)