ކުޅިވަރު

ކުރެންދޫގެ ނަމޫނާ ފުޓްބޯޅަދަނޑަށް ތައުރީފު!

ސޯޝަލް މީޑިއާގައި މިހާރު ދައުރު ވަނީ، މަތީން ޅ. ކުރެންދޫގެ ދައްކާލުމުން ފެންނަ ހިތްގައިމު މަންޒަރެކެވެ. ރަށުގެ މުޅި ރައްޔިތުން ޝާމިލުވެގެން ރަށުގެ ފުޓްބޯޅަ ދަނޑުގައި އެޅި ފެހި ޓާފުގެ ކުލައެވެ. އެ ފަހިކަން ލިބުނީ ކުރެންދޫއަށް އެކަންޏެއްވެސް ނޫނެވެ.

އެހެން ރަށްރަށުގެ މީހުންނަށް އެކަމުން ހިތްވަރެއް ލިބި މިއީ ތިމަންނަމެން ރަށުގައިވެސް ކުރެވޭނެ ކަމެއްކަމުގެ ހިތްވަރު ލިބިއްޖެ އެވެ. ޓާފްދަނޑުގެ ހިތްގައިމު މަންޒާރާއެކު އެކަމަށް ތައުރީފުކޮށް ކުރެންދޫގެ ރައްޔިތުންނަށް ދެއްކި މިސާލަށް އެތައް ބަޔަކު ހިތްވަރު ދިނެވެ.

ރާއްޖޭގެ ހަލާތަށް ބަލައިފިނަމަ، ރަށްރަށުގައި އުމްރާނީ ތަރައްގީ ހިޔާލު ގެންގުޅުނު ނަމަވެސް، ކޮންމެ ރަށެއްގެ ބަޔަކުވެސް ތިބެނީ ސަރުކާރުން ނުވަތަ ކޮންމެވެސް ބަޔަކު އެކަން ކޮށްދޭނެ ކަމުގެ އިންތިޒާރުގަ އެވެ. ރާއްޖޭގައި އެތަށް ބައިވަރު ރަށެއްގައި މީހުން ދިރިއުޅޭއިރު ހުރިހާ ރަށެއްގައި ފުޓްބޯޅަ ދަނޑު ހަދައި އުމްރާނީ ގޮތުން ތަރައްގީ ކުރުމަކީ ސަރުކާރަކަށް ކުރަން އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ރަށާއި އަތޮޅު ތަރައްގީ ކުރުމުގައި އަމިއްލަ ރައްޔިތުންގެ އިސް ނެގުމާއި ބައިވެރިވުން ވެސް އޮންނަން ޖެހޭނެެވެ. ކުރެންދޫ ރައްޔިތުން ދައްކައި ދިނީ އެ ނަމޫނާ އެވެ. މިއީ އެހެން ރަށްރަށުން ވެސް އެކަމުގެ ފިލާވަޅު ދަސްކުރަން ޖެހޭ ކަމެކެވެ.

ކުރެންދޫގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ ހިޔާލު އުފަން ކުރުވީ ކުޑަ ބައްދަލު ވުމަކުންނެވެ. ރަށުގެ ދެ ތިން ޒުވާނުން ކޮފީ މޭޒުދޮށުގައި ތިބެ "ފުޓްބޯޅަ ދަނޑުގައި ޓާފް އަޅަން ކިހިނެއްވާނެ ހޭ" އުފެއްދި ސުވާލު ރަނގަޅު ހިޔާލަކަށްވެ އެކަމަށް މަސައްކަތް ފަށައިގަތީ އެވެ. ފަހުން ރަށުގެ 30 ޒުވާނުން ބައްދަލުވެ އެކަމަށް ކޮމިޓީއެއް ނަގައި މަސައްކަތް ފަށައިގަތީ އެވެ. ކުރެންދޫގެ މުޅި އާބަދީގެ ޝާމިލުވުން އެކަމަށް އޮތެވެ. އަންހެނުންނާއި ޒުވާނުންނެވެ. ސްކޫލް ކުދިންނާއި ދުވަސްވީ މީހުންގެ ހިއްސާވެސް އެކަމުގައި އޮތެވެ.

"ފައިސާ އެއްކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފެށީމަ، ވަޒީފާތަކުގައި އުޅޭ ކުރެންދޫގެ ޒުވާނުން އެކަމަށް ވަރަށް ބޮޑަށް ތަރުހީބު ދިން، ބައެއް ކުދިން ކޮންމެ މަހަކު ވަކަިވަރެއް ފަންޑަށް ޖަމާ ކުރި، ދިހަ ހާހުން، ފަސް ހާހުން، އަދި އެ ކުއްޖަކަށް ދެވެން އޮތް މިންވަރަކުން ކޮންމެ މަހަކުވެސް ފަނޑަށް ފައިސާ ޖަމާ ކުރި، އަދި ރަށުގައި ކުދިބޮޑު އެންމެން ނިކުމެ މަސައްކަތު ދުވަސްތައް ފާހަގަކޮށް ފައިސާ ޖަމާ ކުރި،" ކުރެންދޫ ޓާފް ކޮމިޓީގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު ޝާން ބުންޏެވެ.

"ބުނެވިދާނެ މި ފަންޑަށް އެއްކުރި ފައިސާގެ ތެރެއިން 99 ޕަސަންޓަކީ ކުރެންދޫގެ ރައްޔިތުންގެ އެއްކުރި ފައިސާ އޭ، އަޅުގަނޑުމެން ދިޔައިން ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ގާތަށްވެސް ނަމަވެސް އެފަރާތްކުން މާބޮޑު ތަރުހީބެއް ނުލިބުނު."

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ސްޓޭންޑަޑާއި އެއްގޮތަށް، ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރީވެސް ކުރެންދޫގެ ރައްޔިތުންނެވެ. ދަނޑުގެ ވިނަތައް އުފުރައި ދަނޑުގައި ހުރި ގާތަށް ސާފުކޮށްލީ ކުރެންދޫގެ ހިތްވަރުގަދަ އަންހެނުންނެވެ. ރަށުގެ ހުރި ހުރިހާ މުއައްސަސާތަކުން ނިކުމެ މަސައްކަތުގައި ޝާމިލުވި އެވެ.

ކުރެންދޫއިން މުޅި ރާއްޖެއަށް ދައްކައިދިނީ ފުރިހަމަ މިސާލެކެވެ. ކުރެންދޫގެ އުންމީދެއް އެބައޮތެވެ. އެ ދަނޑުން އުފެދޭ ކުޅުންތެރިން ރާއްޖޭގެ ގައުމީ ޓީމުގައި ކޫޅޭތަން ފެނުމަކީ ރަށަށް ލިބޭނެ ބޮޑު ފަހުރެކެވެ. އެ އުންމީދުގައި މަސައްކަތުގެ ފުރަތަމަ މަރުހަލާ ނިންމާލައިފި އެވެ. ކުރެންދޫގެ ރައްޔިތުންނަށް ސާބަހެވެ.