ހަބަރު

ޔާމީން ފިޔަވައި އެންމެ ރަނގަޅީ އިބޫ: މުބީން

ރާއްޖޭގެ ވެރިކަމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ހޮވިވަޑައި ނުގެންފި ނަމަ އެންމެ އެކަށީގެންވާ ކެނޑިޑޭޓަކަށް ހުންނެވީ އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނު ވިދާޅުވެއްޖެ އެވެ.

ޗެނަލް 13 ގެ "ނިއުސް ޓޯކް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މުބީން ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ހުރިހާ ފަރާތްތަކަކީ ވެސް ވެރިކަމަށްޓަކައި ފައި ވިއްދައިގެން ތިބި ފަރާތްތަކެއް ކަމަށާއި ނަމަވެސް އިދިކޮޅުގައި މިހާރު ތިއްބެވި ފަރާތްތަކުގެ ތެރެއިން އެންމެެ ގާބިލް ބޭފުޅަކީ އިބޫ ކަމަށެވެ. އަދި އިބޫ އަކީ ގާނޫނީ ގޮތުން ވަރަށް ފުންނާބު އިސް ބޭފުޅެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރައްވާ ބޭފުޅެއް ކަމަށާއި އޭނާއަކީ ގާނޫނު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެއް ކަަމަށެވެ.

"އިބޫ އަކީ ގާނޫނީ ގޮތުން ވަރަށް ފުންނާބު އުސް ބޭފުޅެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރައްވާ ބޭފުޅެއް، ގާނޫނު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ، މިހާރު އެމްޑީޕީގައި މިތިއްބެވި ބޭފުޅުންނަށް ބަލައިލި ކަމުގައިވީ ނަމަވެސް ލީޑާޝިޕާއި މީހުން ގެންގުޅުމަށް ބެލި ކަމުގައިވީ ނަމަވެސް،" މުބީން ވިދާޅުވި އެވެ.

މުބީން ވިދާޅުވީ، އިދިކޮޅުން ކެނޑިޑޭޓެއް ނެރޭނަމަ އިބޫއަކީ ވަރަށް ގަބޫލު ބޭފުޅެއް ކަމަށާއި އިބޫގެ ޑިސިޕްލިންނާއި ހުރިހާ ކަމަކަށް ބަލާއިރު އިދިކޮޅުން ނެރެން އެންމެ ރަނގަޅު ކެނޑިޑޭޓަކީ އިބޫ ކަމަށެވެ.

"އަޅުގަނޑުމެންގެ ރައީސް ނެތް ތަނެއްގައި ވެސް ދެން އެ އަންނަ ފަރާތަކީވެސް ގައުމުގެ ރައްޔިތުންނަށް ކަމެއް ކޮށްދޭނެ އިހުލާސްތެރި ތެދުވެރި މީހަކަށް ވާން، އެގޮތުގެ މަތީން އަޅުގަނޑު ބުނާ ވާހަކައެއް މީ،" މުބީން ވިދާޅުވި އެވެ.

މުބީން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާ ކިރިޔާ ވެސް ވާދަކޮށްލެވޭ ވަރުގެ ކެނޑިޑޭޓަކަށް ހުންނެވީ ވެސް އިބޫ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ތިއްބެވި ބޭފުޅުންގެ ތެރެއިން ރައްޔިތުން ޖެހިލުމެއްނެތި ވެރިކަން ހަވާލުކޮށްލަން ކެރޭ ފަރާތަކަށް ހުންނެވީ އިބޫ ކަމަށްވެސް މުބީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އިނގޭ އިބޫ ނިކުންނަންޏާ އޮންނާނީ ވަރަށް ސުމޫތު މެނިފެސްޓޯއެއްކަން، ރައްޔިތުންނަށް ވެސް ރަނގަޅު އެއްޗެއް ހިފައިގެން އިބޫ ނިކުންނަވާނީ، ރާއްޖޭގައި އިދިކޮޅަށް މަސައްކަތް ކުރަން މިތިއްބެވި ބޭފުޅުންގެ ތެރެއިން ރައްޔިތުން ޖެހިލުމެއްނެތި ވެރިކަން ހަވާލު ކޮށްލަން، އަޅުގަނޑުމެންގެ ރައީސް ނުހޮވޭ ތަނުގައިވެސް ގައުމަށް ހެޔޮ އެދޭތީވެ މިހެން މި ދަންނަވަނީ،" މުބީން ވިދާޅުވި އެވެ.

މުބީން ވިދާޅުވީ، މެނިފެސްޓޯ ތައްޔާރު ކުރެވެން އަންނަނީ އިދިކޮޅުން ނެރޭ ކެނޑިޑޭޓެއް އެނގުމުން ކަމަށާއި ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތުމުން ވަރަށް ބޮޑަށް އުނދަގޫވާ ކަމަށެވެ،

"އިދިކޮޅުގައި ވެސް އަދި އެއްކޮޅުގައި ވެސް ރައީސް ޔާމީން ވަރުގެ ދެވަނަ ކެނޑިޑޭޓެއް ނެތް، އަބަދު ނުވާނެ އަމިއްލަ އެޖެންޑާ އިސްކޮށްގެންނެއް، ރައްޔިތުންގެ އެޖެންޑާވެސް އިސްކުރަން ޖެހޭނެ،" މުބީން ވިދާޅުވި އެވެ.