ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ތާރީހީ ތަރިކަތައް ހިމާޔަތްކޮށް އެފަދަ ތަންތަނާއި ތަކެތި ރައްކާތެރިކޮށް ދެމެހެއްޓުމަށް ޑޭޓާ ބޭސް އެއް ތައްޔާރުކޮށް، ރާއްޖޭގެ ތަރިކަ ދިރާސާކުރުމަށް އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ސެންޓާ ފޮ އިސްލާމިކް ސްޓަޑީސްއާއެކު ރާއްޖޭގެ ތަރިކައާބެހޭ އިދާރާއިން ސޮއިކޮށްފި އެވެ.
ގައުމީ ދާރުލްއާސާރު އިމާރާތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޮކްސްފޯޑާއެކު އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ، އާއިޝަތު ޝިހާމް އެވެ. އޮކްސްފޯޑް ސެންޓަރުގެ ފަރާތުން މޯލްޑިވްސް ހެރިޓޭޖް ސާވޭގެ ޕްރޮޖެކްޓް ލީޑަރު ޕްރޮފެސާ މައިކަލް ފީނާ އެވެ.
މި އެއްބަސްވުމުގެ ދަށުން ތާރީހީ ތަންތަނުގެ ގޮތުގައި ބެލެވޭ މިސްކިތްތަކާއި މަހާނަ ގާތަކާއި ހަތްތެލި ފަދަ ތަންތަން ފޮޓޯ ނަގައި ތްރީޑީ ޓެރިސްޓެރިއަލް ސްކޭން ކޮށް ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމެއް ގާއިމްކުރާނެ އެވެ. އަދި މިފަދަ ތަންތަނާ ބެހޭ އޮންލައިން ޑޭޓާ ބޭސްއެއް އެކުލަވާލައި ތާރީހީ ތަންތަނާ ބެހޭ މައުލޫމާތު އޮންލައިންކޮށް ލިބެން ހުންނާނެ ގޮތް ވެސް ހަދާނެ އެވެ.
އޮކްސްފޯޑް ސެންޓާ ފޮ އިސްލާމިކް ސްޓަޑީސްގެ މި އެއްބަސްވުމުގެ މުއްދަތަކީ ދެ އަހަރެވެ.
ތަރިކަ ހިމާޔަތްކުރުމަށް މިއަދު ސޮއިކުރި އެއްބަސްވުމާ ގުޅޭގޮތުން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ، ދިވެހީންނަކީ ދިގު ތާރީހަކާއި ކުރިއަރާފައިވާ ހަޟާރަތެއް އޮތް ބައެއް ކަމަށެވެ. އެހެންކަމުން، ރާއްޖޭގައި ހުރި އާސާރީ ތަންތަން އެންމެ ރަނގަޅަށް ހޯދައި ބަލައި، އެތަންތަނުގެ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތްތަކެއް ފަހިކޮށްދިނުމަކީ އޭގެ ސަބަބުން ދިވެހި ތާރީހު ދިރާސާކުރާ ފަރާތްތަކާއި ތާރީހާ ބެހޭ ރޮނގުން ކިޔަވާ އެކި ފަރާތްތަކަށް ވަރަށް ގިނަ ފަސޭހައާއި ފައިދާ ލިބިގެންދާނެ ކަމެއް ކަމަށެވެ.
"މުޅި ރާއްޖެއަށް ޒަމާނީ ތައުލީމު އާންމުވެފައިވާ ދަނޑިވަޅެއްގައި މި ޑޭޓާބޭސް ވެގެންދާނީ ދިވެހި ދަރިވަރުންނަށް ދިވެހީންގެ ތަރިކައާއި ބެހޭ މައުލޫމާތު ލިބިގެންދާނެ މުއްސަނދި ވަސީލަތަކަށް. އަދި ގައުމުދެކެ ލޯބިވާ ދިވެހި ޝަހުސުތައް ބިނާކުރުމަށް މިހާރު މިކުރެވޭ މަސައްކަތްތަކަށް އިތުރުވެގެންދާނެ މުހިންމު ބޮޅަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ތަރިކަ ހިމާޔަތްކުރުމަށް އިނގިރޭސި ކުންފުންޏަކާއެކު ހެރިޓޭޖުން މަސައްކަތްތަކެއް ކުރަން މިއަދު އެއްބަސްވުމެއް އެކުލަވާލިއިރު، ރާއްޖޭގެ ތާރީހު ދައްކުވައިދޭ ތަންތަން ހިމާޔަތްކުރަން އެކަށޭނަ މަސައްކަތްތަކެއް މިހާތަނަށް އައިއިރު ކޮށްފައި ނުވާކަމަށް ހެރިޓޭޖްއިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި ތާރީހު ހިމާޔަތްކުރުންފަދަ ކަންކަމަށް ފުދޭ ވަރަށް ބަޖެޓް ނުލިބޭކަން ވެސް އެ އިދާރާއިން ވަނީ ފާހަގަކޮށްފަ އެވެ.