ހަބަރު

އީސީން އިދިކޮޅު ޕާޓީތަކާމެދު އަމަލު ކުރަނީ ގާނޫނާ ހިލާފަށް: އިދިކޮޅު

އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރީންކަމަށް ދައްކުވައިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މައްޗަށް އެކޮމިޝަނުން ގާނޫނާ ހިލާފަށް އެތައް ކަމެއް ކުރަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފި އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތައް ރެގިއުލޭޓްކޮށް މޮނީޓާ ކުރުމަށް މަޝްވަރާ ކުރުމަށް ބޭނުންވާކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ސިޓީ ފޮނުވާފައިވާ ކަމަށާއި ނަމަވެސް ސިޔާސީ ޕާޓީތަކަކީ ގާނޫނުގައިވާ ގޮތުގެ މަތީން އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި ޕާޓީގެ ފައިސާ އާއި މުދަލުން ގާނޫނު ހުއްދަކުރާ ގޮތުގެ މަތީން މުއާމަލާތު ކުރުމުގެ ހައްގު ލިބިގެންވާ ގާނޫނީ ޝަހުސުތަކެއް ކަމަށެވެ. އެހެންކަމުން، ސިޔާސީ ޕާޓީތައް ރެގިއުލޭޓް ކުރާނެ ގޮތް ގާނޫނުންކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް ބަޔާނުގައި ވެއެވެ.

"ސިޔާސީ ޕާޓީތައް އުފެއްދުމާއި ހިންގުމާއި ޕާޓީތަކުގެ މަސްއޫލިއްޔަތުތަކަކީ ކޮބައިކަމާއި ޕާޓީތަކުން ކޮށްގެން ނުވާނޭ ކަންކަމާއި ޕާޓީއެއްގެ މެންބަރަކަށް ވެވޭ ގޮތާއި މެމްބަރުކަމުން ވަކިވެވޭ ގޮތާއި ޕާޓީތަކުން އިންތިހާބުގައި ވާދަކުރެވޭ ގޮތްތަކާއި އަދި މިނޫންވެސް ސިޔާސީ ޕާޓީތައް ހިންގުމާ ބެހޭ އެންމެހައި ކަންކަން ބަޔާންކޮށްފައިވަނީ ގާނޫނު ނަންބަރު 2013/4 “ސިޔާސީ ޕާޓީއާ ބެހޭ ގާނޫނު” ގައި، ގުޅިފައިވާ ސިޔާސީ ޕާޓީތައް ހިންގަމުން މިގެންދަނީސްވެ ދެންނެވި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތީން،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، އިލެކްޝަން ކޮމިޝަނުގެ ބޭފުޅުން މީޑިޔާގައި ދައްކަވާ ވާހަކަ ތަކުގައި ޕާޓީތަކާއި ބައްދަލުު ކުރަނީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުންތަކެއް ކަމަށް ވިދާޅުވާ ކަމަށާއި އެއީ އިދިކޮޅު ފަރާތްތަކަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތް ނޫން ކަމަށެވެ. އެހެންކަމުން އެ ކޮމިޝަނުން ދައުވަތު ދެއްވާފައިވާ ބައްދަލުވުންތަކުގެ ހަގީގީ މަގްސަދު ސާފު ނުވާ ކަމަށް ބަޔާނުގައި ވެއެވެ.

"ސިޔާސީ ޕާޓީގެ ގާނޫނުގައި ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ މައުލޫމާތު ކަމުގައި ބަޔާންކޮށްފައިވާ މައުލޫމާތު ޕާޓީތަކުން ހުށަހަޅާފައިވަނިކޮށްވެސް، ޕާޓީތަކުގެ މެންބަރުންނާ ގުޅޭ ހަމައެކަނި އެޕާޓީއެއްގެ ބޭނުމަށް އެއްކޮށްފައި ހުންނަ މުހިއްމު މައުލޫމާތު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރާކަން ފާހަގަކުރަން، އެކޮމިޝަނުން އެފަދަ ކޮންފިޑެންޝަލް މަޢުލޫމާތު ޕާޓީތަކުން ހޯދުމުގެ ހީލާތްތެރި މަހުސަދަކީ އެމައުލޫމާތު ރައީސް އަބްދުﷲ ޔާމީނަށް ފޯރުކޮށްދީގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޔާމީނަށް ކާމިޔާބުކޮށްދިނުމަށް އެކޮމިޝަނުން ވާގިވެރިވުމަށް،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކާ ހަވާލުކޮށްދޭން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި ނަމަބެސް އަދިވެސް ސިޔާސީ ޕާޓީތަކަށް އެފައިސާ ހަވާލުކޮށްފައި ނުވާކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ހިންގުމަށާއި ހަރަކާތްތަކަށް ސަރުކާރުން ކެނޑިނޭޅި ހުރަސްއަޅަމުން ގެންދާ ކަމަށާއި ހަމަހަަމަކަމާއެކު ހުރިހާ ސިޔާސީ ޕާޓީތަކަށް ފުރުސަތު ހޯދައިދިނުމަށް އެ ކޮމިޝަނުން މަސައްކަތް ނުކުރާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ގާނޫނާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރުމަށާއި އަދި އެގާނޫނުން އިލެކްޝަންސް ކޮމިޝަނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުގެ ބޭރުން ސިޔާސީ ޕާޓީތަކުން ނާޖާއިޒު ފައިދާ ނަގަން އިލެކްޝަންސް ކޮމިޝަނުން ކުރާ މަސައްކަތް ހުއްޓާލުމަށް އިދިކޮޅުން ގޮވާލާފައި ވެއެވެ. އަދި ޕާޓީތަކަށް ގާނޫނުއަސާސީއާ ގާނޫނުން ލިބިދީފައިވާ ހައްގުތައް ބޭނުން ކުރުމުގައި އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ހުރަސް ނޭޅުމަށްވެސް އިދިކޮޅު ފަރާތްތަކުން ގޮވާލާފައި ވެއެވެ.