ޖަލުގައި އެކަނި އޮންނަން ޖެހިވަޑައިގަތުމުން ސިއްހީ ހާލަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި އިންސާނިއްޔަތަށްޓަކައި ވިޔަސް ގޭ ބަންދަށް ބަދަލުކޮށްދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފި އެވެ.
އަދުލްއިންސާފު ގާއިމް ކުރުމަށް ހުރަސް އެޅި މައްސަލައިގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނަކީ އުމުރުން ދުވަސްވީ މީހަކަށްވެފައި ސިއްހީ ހާލަތު ހުރި ގޮތާ ގުޅިގެން ކްރިމިނަލް ކޯޓު ހިންގުމަށް ހަވާލުވެ ހުންނެވި ފަރާތައް ސިޓީ ފޮނުވާފައިވާ ކަމަށާއި އެ ސިޓީއާއެކު މެޑިކަލް ސެޓިފިކެޓް ފަދަ ތަކެތިވެސް ހިމަނާފައިވާ ކަމަށެވެ. އެ ހާލަތުގައި ޖަލުގައި އެކަނި އޮންނަން ޖެހުމާ ގުޅިގެން ސިއްހީ ހާލަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެންކަމުން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް ރައީސް މައުމޫން އެދިވަޑައިގަތެވެ.
ރައީސް މައުމުން އެގޮތަށް އެދިވަދައިގަތުމުން މައްސަލަ ބެއްލެވި ގާޒީ އާދަމް އާރިފް ވިދާޅުވީ އަޑު އެހުން ކުރިޔަށް ދަނީ ފޯނެއް ދިނުމަށް ދެކޮޅު ހެއްދެވި މައްސަލައާ ގުޅިގެން ކަމަށާއި ޝަރީއަތް ނިމެންދެއް ބަންދުކޮށްފައި ހުރީ އެ މައްސަލައާ ގުޅިގެން ކަން ލިޔެކިޔުމުން އެނގެން ނެތް ކަމަށެވެ.
ގާޒީ އެހެން ވިދާޅުވުން ރައީސް މައުމޫން ވަނީ ތަކުރާރުކޮށް އެކަމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން އެމަނިކުފާނު ހަގީގަތުގައި ދޫކޮށްލަން ޖެހޭ ކަމަށާއި ނަމަވެސް އިންސާނިއްޔަތަށްޓަކައި ވިޔަސް ގޭބަންދަށް ބަދަލުކޮށްދިނުމަށް ރައީސް މައުމޫން އެދިވަޑައިގަތެވެ. އެހެންކަމުން ގާޒީ ވިދާޅުވީ ރައީސް މައުމޫން ފޮނުވާފައިވާ ސިޓީ ބެއްލެވުމަށް ފަހު އިދާރީ ގޮތުން ޖަވާބެއް ދެއްވާނެ ކަމަށް އާރިފް ވިދާޅުވި އެވެ.
ރައީސް މައުމޫންއަށް އަދުލްއިންސާފަށް ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ވެސް ވަނީކޮށްފަ އެވެ.