ހަބަރު

އިންޑިޔާގެ ގައުމީ ވަންތަކަމުން ދިވެހިން އިބުރަތް ހާސިލް ކުރަންޖެހޭ: މިނިސްޓަރު

އިންޑިއާ ރައްޔިތުން އެ ގައުމުގެ ރީތިނަމާއި ގައުމިއްޔަތު ހިފެހެއްޓުމަށް ކުރަމުންދާ މައްސަކަތުން ދިވެހިން އިބުރަތް ހާސިލްކުރަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރި އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ގައުމީ ޔުނިވަރސިޓީގެ ޑިޖިޓަލް ރެޕޮޒިޓަރީ އިފްތިތާހު ކުރުމަށް އެ ޔުނިވާސިޓީގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އިންޑިޔާގައި އެތަށް ހާސް ބަޔަކު ދިރިއުޅެ ތަފާތު ބަހުރުވައިން ވާހަކަދައްކާ މީހުންނާއި އެތަށް ދީންތަކެއް އެ ގައުމުގައި އޮންނަ އިރު ވެސް ރައްޔިތުންގެ ކިބައިން ގައުމީ ލޯބި ފެނިގެންދާ ކަމަށާއި އެ ގައުމުގެ ރައްޔިތުން އެހެން ގައުމުތަކުގައި ދިރިއުޅޭ އިރުވެސް ގައުމީ ވަންތަކަން އެ މީހުންގެ ފަރާތުން ފެނިގެންދާ ކަމަށެވެ.

އިންޑިޔާގެ އެތެރޭގައި ކިތަންމެ ހަމަނުޖެހުން ބޮޑިވިކަމުގައިވީ ނަމަވެސް އެ ގައުމުގެ ލިޔުންތެރިން ބައިނަލްއަގުވާމީ މުޖްތަމައަށް ދައްކަމުންދަނީ ގައުމުގައި އޮތް ހަމަޖެހުމާއި ގައުމީ ލޯބި ކަމަށާއި ދިވެހިން ވެސް އިންޑިޔާގެ ގައުމީ ވަންތަކަމުން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އިންޑީޔައަށް ތައުރީފުކޮށް މިނިސްޓަރު މިއަދު ވާހަކަދެއްކެވީ އެމްއެންޑީއެފްއަށް އިންޑިޔާއިން ހަދިޔާ ކުރި ކަމަށް ބުނާ ދެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލާ މައްސަލަތަކެއް ފެންމަތިވެ ދެ ގައުމުގެ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ބޮޑުވެފައިވާ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ.