އުރީދޫ

ދެ އަހަރަށް ފަހު އަނެއްކާ ވެސް އުރީދޫ މަސް ރޭސް!

އުރީދޫ އިން މި މަހުގެ ތެރޭގައި މަސް ރޭސް ބާއްވަން ނިންމާ އެ މުބާރާތް ލޯންޗުކޮށްފި އެވެ. މިއީ އެ ކުންފުނިން ދެ އަހަރަށް ފަހު ބާއްވާ އުރީދޫގެ އަށް ވަނަ މަސްރޭހެވެ.

އުރީދޫ މަސް ރޭސް ލޯންޗު ކުރުމަށް މިރޭ ހޮޓަލް ޖެންގައި ބޭއްވި ކުޑަ ހަފްލާއެއްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޑިރެކްޓާ އޮފް ސޭލްސް ހުސެއިން ނިޔާޒް ވިދާޅުވީ ދެ އަހަރަށް ފަހު އުރީދޫ މަސްރޭހުގެ އަށް ވަނަ ސީޒަން އެހެން ފަހަރުތަކާ ވަރަށް ބޮޑަށް ތަފާތު ވާނެ ކަމަށާއި އެގޮތުން މި އަހަރު މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަނީ ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ކުންފުނިތަކާއި މިނިސްޓްރީތަކަށް ކަމަށެވެ. އޭގެ އިތުރުން އެހެން އަހަރުތަކުގައި މަސް ރޭސް ހަމައެކަނި މާލެ ސަރަހައްދުގައި ބޭއްވި ނަމަވެސް މި އަހަރު ކޮލިފައިން ރައުންޑުތަކެއް ބާއްވާ ގޮތަށް މުޅި ރާއްޖޭގެ އެކި ސަރަހައްދުގައި ބާއްވާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި އަހަރުގެ އުރީދޫ މަސް ރޭހަކީ ރާއްޖޭގެ މުޖުތަމައުގައި އެކަކު އަނެކަކާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްދޭ ވަރަށް ފޯރިގަދަ ވާދަވެރި މުބާރާތަކަށްވުން، އެކަމުގެ ސަބަބުން ދިވެހިންގެ ތެރޭގައި މަސްވެރިކަމަށް އޮންނަ ލޯބި އިތުރުވެގެން ދިޔުން،" ނިޔާޒް ވިދާޅުވި އެވެ.

އުރީދޫ މަސް ރޭސް ކުރިޔަށް ދާނެ ގޮތާ ބެހޭ އިތުރު ތަފްސީލު ދެއްވަމުން އެ ކުންފުނީގެ އެސިސްޓަންޓް މެނޭޖާ ޕަބްލިކް ރިލޭޝަން ނޫރާ އިބްރާހިމް ވިދަޅުވީ މި ފަހަރުގެ ރޭހުގައި ކޮލިފައިން ރައުންޑާއި ސެމީފައިނަލް އަދި ފައިނަލް ރައުންޑް އޮންނާނެ ކަމަށާއި އެގޮތުން ކޮލިފައުން ރައުންޑު އަތޮޅުތަކުގެ ތެރޭގައި ކުރިޔަށް ދާއިރު ސެމީފައިނަލް އާއި ފައިނަލް ރައުންޑް އޮންނާނީ މާލޭގައި ކަމަށެވެ.

ރިސޯޓުތަކުގައި ހިނގާ ކޮލިފައިން ރައުންޑް ބަހާލާފައިވަނީ ރާއްޖޭގެ އުތުރަށާއި މެދުރާއްޖެ ތެރެ އާއި ދެކުނުގެ ރިސޯޓުތަކަށް ކަމަށާއި އެގޮތުން ދެވަނަ ބުރަށް ހޮވޭނީ އެއްވަނަ އަދި ދެވަނަ ލިބޭ ޓީމުތައް އެކަނި ކަމަށް ނޫރާ ވިދާޅުވި އެވެ. އޭގެ އިތުރުން މިނިސްޓްރީތަކާއި ކުންފުނިތަކުގެ މެދުގައި ބާއްވާ ކޮލިފައިން ބުރުތައް ކުރިޔަށް ދާނީ ކ. މާފުށީގައި ކަމަށާއި އެގޮތުން އަށް ކުންފުންޏަށާއި އަށް މިނިސްޓްރީއަށް ބައިވެރިވެވޭނެ ކަމަށް ނޫރާ ވިދާޅުވި އެވެ.

ނޫރާ ވިދާޅުވީ މި ފަހަރުގެ މަސްރޭހުގައި މުޅިއަކު 10 އިވެންޓެއް ކުރިޔަށް ދާނެ ކަމަށެވެ. އެގޮތުން މި މަހުން ފެށިގެން ތިން މަހަށް މުބާރާތް ދެމިގެން ދާއިރު ފައިނަލް ރައުންޑުތައް އޮންނާނީ ރޮދަ މަހުގެ ތެރޭގައި ކަމަށް ނޫރާ ވިދާޅުވި އެވެ.

އުރީދޫ މަސްރޭސް މިރޭ ލޯންޗު ކުރި ނަމަވެސް އެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާ ތާރީހާއި މުބާރާތް ކާމިޔާބު ކުރާ ފަރާތްތަކަށް ލިބޭ އިނާމްތައް ފަހުން އިއުލާން ކުރާނެ ކަމަށް އުރީދު އިން ބުންޏެވެ.