ރިޕޯޓް

ހަފުތާއެއް ފަހުން ފާހަގަވި ފަސް ބަދަލު!

Apr 11, 2018
9

ޓްރެފިކް މައްސަލަ ހައްލުކޮށް، މަގުތައް "މައިތިރި ކުރަން" ފިޔަވަޅު ތަކެއް އަޅަން ވީ މި އަދަކުނޫނެވެ. މި ކަމަށް ހައްލު ހޯދަން ޖެހޭތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް އެކަން އޮތީ ނުކޮށެވެ. ނަމަވެސް މި މައްސަލަ ހައްލުނުވެ، އިތުރަށް ގޯސްވަމުން ދަނިކޮށް މިމަހުގެ ކުރީކޮޅު ސަރުކާރުން ވަނީ ޓްރެފިކް މައިތިރިވޭތޯ ފިޔަވަޅެއް އަޅާފަ އެވެ. އެއީ ދުވާލުގެ ގަޑިތަކުގައި މުދާ އުފުލުން މަނާކުރުމެވެ. މިކަންވީ ގިނަ ބަޔަކަށް އާ ކަމަކަށެވެ. މިއާއެކު އެއް ބަޔަކު ކުރީ ޝަކުވާ އެވެ. އަނެއް ބަޔަކު އައީ އަމަށަކު ރުޅިއެއް ނޫނެވެ. މައްސަލަ ވަރަށް ގޯސްވި އެވެ. ނަމަވެސް އެ ބަދަލަށް ހަފުތާ އަކަށް ވުރެ މިހާރު މިވަނީ ގިނަވެފަ އެވެ.މިހާރު މުދާ އުފުލޭނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ. ތިރީގައި އެވަނީ ޓްރެފިކަށް ގެނައި މި ބަދަލާއެކު ފާހަގަ ކުރެވުނު ފަސް ކަންތަކެވެ.

މަގުތަކުން ލުއިކަން

ހަމަ ގައިމު ވެސް ދުވާލުގެ ވަގުތުތަކުގައި މަގުތަކުން ޓްރެފިކް ލުއިކަން ފާހަގަވެ އެވެ. މިކަން އެންމެ ރަނގަޅަށް އިހުސާސް ކުރެވޭނީ ކޮންމެ ދުވަހަކު ސްކޫލް ދޮށަށް ދުއްވާ އެތަށް ބުރެއް ޖަހަން ޖެހޭ ބެލެނިވެރިޔާ އަށެވެ. ނުވަތަ ބެލެނިވެރިންނަށެވެ. ސްކޫލްތަކާއި ގުޅުންހުރި މަގުތަކަށް ކުރިންވެސް ބޮޑެތި އުޅަނދު ފަހަރަކަށް ނުވަދެ އެވެ. ނަމަވެސް، މި ބަދަލު ގެނައިނަމަވެސް ބާކީހުރި މަގުތައް އޮންނަނީ ފުރިފަ އެވެ. ދުއްވާވެސް ނުވެލެވެ އެވެ. ސަބަބަކީ ބޮޑެތި ލޮރީތަކާއި މުދާ އުފުލާ އުޅަނދުތަކަށް ދާން ޖާގަ ނުލިބުމެވެ. ވަރަށް ވުރެ އުޅަނދު ފަހަރު ގިނައީ އެވެ. ސްކޫލް ތަކަށް ކުދިން އުފުލާ އުޅަނދު ފަހަރާއި ވިޔަފާރި މުދާ އުފުލާ އުޅަނދުތައް އެކުގައި މަގުތަކަށް ނުކުތުމުން ކުރިއަށް ދާނެ އިތުރު ފުރުސަތެއް ނޯވެ އެވެ. ނަމަވެސް މިހާރު ގެނައި މި ބަދަލާއެކު އެކަމަށް ހަމަގައިމުވެސް ލުއިވެއްޖެ އެވެ.

މަޖޫރީން ހިމޭންވުން

މުދާ އުފުލާ ގަޑި ބަދަލު ކުރުމުން އެންމެ ބުރަ ވާނެ ބަޔަކަށް ވާނީ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ މަޖޫރީން ނޭ ބުނެވިދާނެ އެވެ. ބޮޑެތި 20 ފޫޓު އަދި 40 ފޫޓުގެ ބޮޑެތި ކޮންޓެއިނާތައް ކަނޑައި މުދާ ގެނެސް ގުދަން ކުރަނީ އެ މީހުންގެ ކޮނޑުމަތީގަ އެވެ. މި މަސައްކަތުގައި 300 އެއްހާ މީހުން މަސައްކަތް ކުރެ އެވެ. މުދާ އުފުލާ ގަޑި ބަދަލު ކުރުމުން ހީވާގި މި މީހުން ނުރުހުން ފާޅުކުރި އެވެ. ސަބަބަކީ ރޭގަނޑު މަސައްކަތް ކުރަން ޖެހުމެވެ. މިއާއެކު އެ މީހުން ޑިމާންޑް ކުރީ މަސައްކަތުގެ އަގު ބޮޑު ކުރާށެވެ. މި ގޮތުން އަގުތައް ދެ ގުނަ ބޮޑު ކުރި އެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ނެގޭނެ އަގު ތަކެއް އިއުލާނުކޮށްފަ އެވެ. އަދި މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ މި އަގަށް މަސައްކަތް ކުރަން ބޭނުންވާ މީހުން ރަޖިސްޓްރީ ކުރަން ހުޅުވާލާފަ އެވެ. މިއާއެކު މަޖޫރީން މިހާރު ތިބީ ހިމޭނުންނެވެ.

މުދާ ނެރުން އަވަސް ވުން

މާލެ ވިޔަފާރި ބަނދަރުން މުދާ ނެރުމަކީ ބުރަ ކަމެކެވެ. މިއީ ބޮޑު އޮޕަރޭޝަނެކެވެ. އެމްޕީއެލް އިން ބުނެފައިވާ ގޮތުގައި މުދާ އުފުލާ ގަޑި ރޭގަނޑަށް ބަދަލު ކުރުމުގެ ކުރިން އާއްމުކޮށް ނެރެވެނީ 254 ލޮރީގެ މުދަލެވެ. ނަމަވެސް މިހާރު ނެރެވޭ ލޮރީގެ އަދަދު 290 އަށްވުރެ އިތުރެވެ. ބަނދަރުގެ މަސައްކަތް އަވަސް ވެއްޖެ އެވެ. މިއީ ހަމަ ގައިމުވެސް މި ބަދަލުން ގެނުވި މޮޅަކަށްވާނެ އެވެ.

ވިޔަފާރިތައް "ހޭލާ"

އަވަށްޓެރި ގައުމުތަކުގައި ރޭގަނޑު ނުވައެއް ޖަހާއިރަށް މުޅި ގައުމު ނިދާނެ އެވެ. ދެން މަގުމަތީގައި އުޅޭނީ ނިސްބަތުން މަދު ބައެކެވެ. ނަމަވެސް ރާއްޖެ މިއާ މުޅިން ތަފާތެވެ. ރޭގަނޑުގެ ގިނަ ވަގުތުތަކުގައި އުޅޭނީ ހޭލާ އެވެ. އެހެންވެ އެގާރަ ޖަހާލާ އިރު ވެސް މާލެ މަގުތައް އޮންނަނީ ހޭލާ އެވެ. މިހެންވެ، މުދާ އުފުލާ ގަޑިއަށް ގެނައި ބަދަލާއެކު މަގުތައް ބާރު ބޮޑުވުމުން ބައެއް ތަކެތި ފިހާރައާ ހަމަ އަށް ގެންނަން ދަތިތަކާ ދިމާވެ އެވެ. މީގެ ސަބަބުން ގިނަ ވިޔަފާރިތަކުން ޖެހިފައިވަނީ ރޭގަނޑު ދޭއް ތިނެއް ޖަހަންދެން "ޑެލިވަރީގެ އިންތިޒާރުގައި" ހޭލާ ތިބޭށެވެ. މިއީ އެމީހުންގެ ޝަކުވާ އެކެވެ. މުދާ ފިހާރައަށް ގެނައުން މާ ލަސްވަނީ އެވެ.

ހިޔާލުތައް އެއްގޮތް ވީ!

މި ބަދަލު "އަމުރު" ނެރުނު ދުވަހު މުދަލުގެ އަގު ބޮޑުވެދާނެހެން ވެސް ހީވި އެވެ. ސަބަބަކީ މަޝްރަހު އޮތްލެއް ހޫނުކަމެވެ. ވިޔަފާރިވެރިން ދެ ކަފިވެފައި ތިބިލެއް ބޮޑުކަމެވެ. މިކަމަށް ގަބޫލުވި ބޮޑެތި ވިޔަފާރި ތަކެއް ވެސް ތިއްބެވެ. އަދި ހަމަ ނުގަބޫލުވާ ބަޔަކު ވެސް ތިއްބެވެ. ނަމަވެސް މިހާރު ފެންނަނީ މި ހިޔާލު ތަފާތުކަން ކުޑަވަމުންދާ ތަނެވެ. ވިޔަފާރިވެރިންވެސް ހޭނެން ފަށައިފި އެވެ. މިހާރު ވިޔަފާރިވެރިން ބުނާ ގޮތުގައި މި ބަދަލުގެ ފަސޭހަކަން ފެންނާނެ އެވެ. ނަމަވެސް އަދިވެސް ގިނަ ދަތިތަކެއް އެބަހުއްޓެވެ. އެއް ދައްޗަކީ ވިޔަފާރިކުރަން އޮންނަ ގަޑިކޮޅު މަދުވުމެވެ.