ހަބަރު

ވޯލްޑް ކަޕްގެ ހަރަކާތްތައް ޕީއެސްއެމްގެ ހުއްދަ ނެތި ނުހިންގަން އެދެފި

މި އަހަރު ބާއްވާ "2018 ފީފާ ވޯލްޑް ކަޕް ރަޝިޔާ"ގެ ނަމުގައި އަމިއްލަ ހަރަކާތްތައް ނުހިންގުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިލްތިމާސް ކުރައްވައިފި އެވެ.

ޕީއެސްއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވޯލްޑް ކަޕްގެ ރާއްޖޭގެ ސަރަހައްދުގެ އޮފިޝަލް ލައިސެންސް ބްރޯޑްކާސްޓަރަކީ އެ ކުންފުނި ކަމަށާއި އެ ލައިސެންސްގެ ދަށުން ޓްރޭޑްމާކް ބޭނުން ކޮށްގެން ކުރާ ކޮމާޝަލް ހުރިހާ މުއާމަލާތްތަކާއި މާކެޓް ކުރުމާއި ބްރޯޑްކާސް ކުރުމާއި ސޯޝަލް އަދި ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކޮށްގެން މުއާމަލާތް ކުރުމުގެ ހައްގު އޮފީ ހަމައެކަނި ޕީއެސްއެމަށް ކަމަށެވެ.

ނަމަވެސް ޕީއެސްއެމްއަށް ލިބިފައިވާ ހައްގުތަކަށް އުނިވާ ގޮތަށް ބައެއް މީޑިއާތަކުންނާއިި ވިޔަފާރިތަކުން ވޯލްޑް ކަޕް ޕްރޮމޯޝަނަލްގެ ނަމުގައި ހަރަކާތްތައް ހިންގަމުންދާ ކަމަށާއި އެއީ ގާނޫނީ ކުށެއް ކަމަށެވެ. އަދި އޭގެ ސަބަބުން 2018 ފީފާ ވޯލްޑް ކަޕް ރަޝިޔާގެ އޮފިޝަލް ސްޕޮންސަރުންނާއި ޕީއެސްއެމްގެ ކަވަރޭޖް ޕާޓްނަރުންނާއި ސްޕޮންސަރުންގެ ހައްގުތަކަށް ވެސް އުނިކަން ލިބޭ ކަމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ 2018 ފީފާ ވޯލްޑް ކަޕް ރަޝިޔާއާ ގުޅިގެން އެއްވެސް ޖަމިއްޔާ ޖަމާއަތަކުން، ވިޔަފާރިއަކުން ނުވަތަ މީޑިއާއަކުން އެއްވެސް ހަރަކާތެއް ހިންގުމަށް ޝައުގުވެރިވާނަމަ އެ ފުރުސަތު ހޯދުމަށް ޕީއެސްއެމްއާ މަޝްވަރާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.