އޭއެފްސީ ކަޕް ގްރޫޕް އީގައި ރާއްޖޭގެ ނިއު ރޭޑިއަންޓާއި އިންޑިޔާގެ ބެންގަލޫރު އެފްސީ ބައްދަލުކުރި މެޗުގެ ފަހު ވަގުތު ބެންގަލޫރު ޖެހި ގޯލާއެކު މެޗު ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ މަގާމުގައި ތިން ޕޮއިންޓުގެ ލީޑެއް އެޓީމުން ނަގައިފި އެވެ.
ބެންގަލޫރު ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެއްވަނަ މަގާމުގައި އޮތްއިރު ދެވަނަ މަގާމުގައި ނިއު އޮތީ ހަ ޕޮއިންޓާއެކު އެވެ. ޑާކާ އަބަހާނީ އަދި އައިޒޯލްއަށް ޕޮއިންޓެއް ނުލިބެ އެވެ.
މެޗު ޑޮމިނޭޓްކޮށްގެން ނިއު ކުޅުނު ނަމަވެސް މުޅި މެޗުގައިވެސް ނިއުއަށް ބެންގަލޫރުގެ ގޯލަށް ނުރައްކާ ކުރެވޭ ވަރުގެ ހަމަލާއެއް އުފެއްދިފައި ނުވެ އެވެ. ނިއު ރޭޑިއަންޓުން ފޮނުވާލީ 9 ހަމަލާގެ ތެރެއިން ބެންގަލޫރު ގޯލާ އަމާޒުވީ އެންމެ ހަމަލާއެކެވެ.
ނިއު ރޭޑިއަންޓު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ކައުންޓާ އެޓޭކުގައި ބެންގަލޫރު ނިއުގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރި އެވެ.
މެޗުގެ 15 ވަނަ މިނިޓުގައި ބެންގަލޫރަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނިއުގެ ކީޕަރު އިމްރާން ސާފްކޮށްލި ބޯޅަ ލިބުނީ ސެމްބޯއީ ހޯކިޕްއަށެވެ. އިމްރާން އޭރިޔާ ބޭރުގައި ހުރުމުން ހޯކިޕް ވަނީ އެއްފަހަރުން ބޯޅަ ގޯލަށް ފޮނުވާލާފަ އެވެ. ނަމަވެސް އެބޯޅަ ސަލާމަތް ކުރީ ގޯލް ރޮނގު ކާރިން ބޮލުން ދިފާއުކުރީ ނިއުގެ އަފްއާން ޑިފެންޑަރު އަމީރީ އެވެ.
ފުރަތަމަ ހާފުގައި ނިއުއަށް ލިބުނު އެންމެ ރަނގަޅު ދެފުރުސަތުވެސް ލިބުނީ ސްޕެއިން ފޯވާޑް ގުއިލެމް މާޓިމް އަށެވެ. އަލީ އަޝްފާގް (ދަގަނޑޭ) ބެންގަލޫރު ދެޑިފެންޑަރުން ކާރިން ނައްޓާލުމަށްފަހު ކުޅުނު ބޯޅަ ގުއިލެމްއަށް ލިބޭ ގޮތެއް ނުވި އެވެ. އޭގެފަހުން އަލީ ފާސިރު (ސެންޓޭ) ނަގައިދިން ހުރަސް ދިޔައީ ގުއިލެމްއަށް ލިބޭ ވަރަށްވުރެ ތަންކޮޅެއް ކުރިއަށެވެ.
ދެވަނަ ހާފު ފަށައިގެން މާގިނައިރެއް ނުވެ ދަގަނޑޭ ބެންގަލޫރު ޑިފެންޑަރެއް ކާރިން ނައްޓާލުމަށްފަހު ގުއިލެމްއަށް ފޮނުވާލި ހަމަލާ އޭނާ ގޯލްގެ ތެރެއަށް ފޮނުވާލި ނަމަވެސް ލައިންސްމަން ވަނީ އޮފްސައިޑް ދައްކާފަ އެވެ.
83 ވަނަ މިނިޓުގައި ސެންޓޭއަށް އަރިމަތިން ލިބުނު ބޯޅަ އޭނާ ގޯލަށް ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
84 ވަނަ މިނިޓުގައި ނިއުގެ އޭރިޔާ ތެރެއިން ކަންޑެލާ ޗެތްރީއަށް ފައުލް ކުރިކަމަށް ބުނެ ބެންގަލޫރުގެ ބެންޗުންނާއި ކުޅުންތެރިން ވަނީ ރެފްރީއަށް ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ. ރެފްރީގެ ނިންމުމަށް ތަކުރާރުކޮށް ފާޑު ކިޔުމާ ގުޅިގެން ބެންގަލޫރުގެ ކޯޗު އަލްބާޓް ރޮކާ ވަނީ ބެންޗުން ފޮނުވާލާފަ އެވެ.
ބެންގަލޫރު މެޗުގައި ޖެހި ގޯލް ފެނިގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގަ އެވެ. ނިއުގެ އޮފްސައިޑް މަޅިން ސަލާމަތްވެ ޗެތްރީ ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ހުސްކޮށްލާފައި ދިން ބޮޅަ ގޯލްގެ ތެރެއަށް ވައްދާލީ ނިޝޫ ކުމާރް އެވެ.