އޮފްބީޓް

ޝާހީ ކައިވެންޏަށް ސިޔާސީ ފަރާތްތަކަށް ދައުވަތެއް ނުދިން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް މިސް މޭގަން މާކަލް އާއި އިނގެރޭސިވިލާތުގެ ޝާހީ އައިލާގެ ދަރިކަލުން، ޕްރިންސް ހެރީ އަންނަ މަހު 19 ގައި ކައިވެނި ބައްލަވައިގަންނަވާނެ އެވެ. އެ ދެކަނބަލުންގެ ކައިވެނީގެ އެންމެފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު، ކައިވެންޏަށް އެކި ފަރާތްތަކަށް ވަނީ ދައުވަތު އަރުވާފަ އެވެ.

ބީބީސީ އިން ރިޕޯޓުކުރި ގޮތުގައި ކައިވެންޏަށް ގިނަ ފަރާތްތަކަކަށް ދައުވަތު އެރުވި ނަމަވެސް އެއްވެސް ސިޔާސީ ފަރާތަކަށް ޝާހީ ކައިވެންޏަށް ދައުވަތުދީފަ ނުވާ ކަމަށެވެ. އިނގެރޭސިވިލާތުގެ ބޮޑު ވަޒީރު ތްރޭސާ މެއި އާއި ލޭބާ ޕާޓީގެ ރައީސް ޖެރެމީ ކޯބިން އަށްވެސް ދައުވަތު އަރުވާފައެއް ނުވެ އެވެ.

މި ނިންމުން ނިންމާފައި ވަނީ ކައިވެނި ކުރާ ޗާޗުގެ ޖާގަ ކުޑަވުމާއި ޕްރިންސް ހެރީއަށް އިނގެރޭސިވިލާތުގެ ތަހުތު ވާރުތަވާނީ ފަސް ބޭކަލުންނަށްފަހު ކަމަށްވާތީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޕްރިންސް ހެރީގެ ދެ ގާތް ރަހުމަތްތެރިން ކަމަށްވާ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އަދި ކުރީގެ ފަސްޓް ލޭޑީ މިޝޭލް އޮބާއަށްވެސް ދައުވަތު އަރުވާފައެއް ނުވެ އެވެ. މީގެ ކުރިން ޝާހީ ކައިވެނިތަކަށް ސިޔާސީ ގިނަ ފަރާތްތަކަށް ދައުވަތު އަރުވާ އުޅުނެވެ. ދައުވަތު ގަބޫލުކޮށް ގިނަ ފަރާތްތަކަކުން ކައިވެނިތަކަށް ހާޒިރުވެސްވި އެވެ.

ޝާހީ ކައިވެނި ބަލާލުމަށް އާންމުގެ 1200 މީހުނަށް ފުރުސަތު ދޭނެ އެވެ. މިއީ ކުރީގެ ޝާހީ ކައިވެނިތަކާއި އަޅާ ބަލާއިރު މަދު އަދަދެކެވެ. ރިޕޯޓުތައް ބުނާގޮތުން ޕްރިންސް ހެރީގެ ކައިވެނި ދާނީ ޝާހީ ކުރީގެ ކައިވެނިތަކާއި އަޅާ ބަލާއިރު އާދައިގެ ހަފްލާއެއްގެ ގޮތުގަ އެވެ.