ކުޅިވަރު

ރޯމާއިން ޗެމްޕިއަންސް ލީގުން ބާސާ ބޭރުކޮށްލައިފި

ރޭ އަމިއްލަ ދަނޑުގައި 3-0 ން ބާސެލޯނާގެ މައްޗަށް ކާމިޔާބު ހޯދައި އެގްރިގޭޓް ނަތީޖާ އެއްވަރުވެ، އަވޭ ގޯލްގެ ފައިދާއިން ޗެމްޕިއަންސް ލީގް ސެމީ ފައިނަލަށް ރޯމާ ދަތުރު ކޮށްފި އެވެ.

ފުރަތަމަ ލެގް މެޗު ބާސާގެ ދަނޑުގައި 4-1 ބަލިވި ނަމަވެސް، އޭގެ އަސަރެއް ރޯމާއަކަށް ނުކުރެ އެވެ.

މެޗު ފެށިގެން ހަ ވަނަ މިނެޓްގައި އެ ޓީމުން ބާސާގެ ގޯލް ހުޅުވި އެވެ. ޑެނިއަލް ޑި ރޮސީ ތަނަވަސް ކޮށްދިން ފުރުސަތަކުން ރޯމާ އަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ އެޑެން ޒެކޯ އެވެ. އޭނާ އަށް ލިބުނު ބޯޅަ މަޑުމަޑުން ފައިން ކޮށްޕާލިރު ބާސާގެ ކީޕަރު އެންޑްރޭ ޓާސްޓެގަން އަށް ހުރެވުނީ ރަނގަޅަށް ތައްޔާރު ނުވެ އެވެ.

ބާސާއަށް އެކަށީގެންވާ ހަމަލާއެއް މެޗުގެ ކުރީ ކޮޅުގައި އުފެއްދޭ ގޮތެއް ނުވި އެވެ. ނަމަވެސް ރޯމާއިން ވަނީ ފުރަތަމަ ހާފުގައި، ބާސާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑަކީ ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއިން ޒެކޯއަށް ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ފައުލު ކުރުމުން ދިން ޕެނަލްޓީއެއްގައި ކާމިޔާބު ކުރި ލަނޑެކެވެ. ޕެނަލްޓީ ކާމިޔާބު ކުރީ ޑި ރޮސީ އެވެ.

ރޯމާގެ ތިން ވަނަ ލަނޑު ނެގި ކޯނަރަކުން ތަނަވަސްވި ބޯޅައިން ކާމިޔާބު ކުރީ ކޮންސްޓަންޓިނޯސް މަނޮލާސް އެވެ.