ވިޔަފާރި

އާ ޓާމިނަލްގެ ސްޓްރަކްޗާ ބޭރުގައި ތައްޔާރު ކުރަން ފަށައިފި

Apr 11, 2018
1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ ސްޓްރަކްޗާ ތައްޔާރު ކުރުމުގެ މަސައްކަތް ބޭރުގައި ކުރަމުންދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ އާ ޓާމިނަލްގެ ސްޓްރަކްޗާއަކީ ސައޫދީގައި ތައްޔާރުކޮށްގެން ގެންނަ އެއްޗެއް ކަމަށާ އެ ތައްޔާރު ކުރުމުގެ މަސައްކަތް ސައޫދީ ބިންލާދިން ގްރޫޕުން ކުރަމުންދާ ކަމަށެވެ.

"އެއްކޮށް ބޭރުގައި ރާވައިގެން ގެންނާނީ. ދަގަނޑު ސްޓްރަކްޗާއެއް މިއީ. ނަމަވެސް ޝިޕްކުރެވޭނެ ސީދާ ތާރީހެއް އަދި ދަންނަވަން ދަތި،" އޮފިޝަލް ވިދާޅުވި އެވެ.

ޕައިލްތައް ރާއްޖެ ގެނެސްފި

އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވީ އާ ޓާމިނަލް ހަދަނީ ބޭރުން ސްޓްރަކްޗާ ގެނެސް ރާވާލާ ގޮތަށް ކަމަށާއި، މި މަސައްކަތް ފެށުމުގެ ގޮތުން 1200 ޕައިލް ޖަހާނެ ކަމަށެވެ. އަދި އެކަމަށް ވެސް ތައްޔާރުވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ޕައިލް ޖަހަނީ ސުރުބާނާ އިންޓަނޭޝަނަލް އިން. މިމަހުގެ 16 ގައި ޖަހަން ފަށަން އޮތީ. ސުރުބާނާ އިން އެކަމަށް ތައްޔާރު ވަމުންދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ވީއައިއޭގެ އާ ޕެސެންޖަރު ޓާމިނަލް ތަރައްގީ ކުރަނީ ގާތްގަނޑަކަށް 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގަ އެވެ. އެއާޕޯޓް ތަރައްގީ ކުރަނީ ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށެވެ.

ޓާމިނަލްގައި ހިމެނޭ ބައިތައް

- ޓާމިނަލްގައި 40 ޑީޕާޗާ ގޭޓް
- 38 އިމިގްރޭޝަން ކައުންޓަރު
- ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
- ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
- ޒަމާނީ ބެގޭޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
- ހައި އެކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
- ފިއުލް ހައިޑްރެންޓް ސިސްޓަމް

ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއުގެ އެންމެ ބޮޑު ބައި ކަމަށްވާ އާ ޕެސެންޖަރު ޓާމިނަލްގެ މަޝްރޫއު ސައޫދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކުރީ 21، މެއި 2016 ގަ އެވެ. އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ކުރަނީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުން 300 މިލިއަން ޑޮލަރަށެވެ.

ޓާމިނަލްގެ ބޮޑުބައި ނިންމާނެ

ޓާމިނަލްގެ މަސައްކަތަކީ ވީއައިއޭ ތަރައްގީ ކުރުމުގެ އެންމެ ބޮޑު އެއް މަޝްރޫ އެވެ. ނަމަވެސް މި މަޝްރޫއުގެ މަސައްކަތް ދަނީ އެހެން މަސައްކަތްތަކަށްވުރެ ލަސްކޮށެވެ. އެހެންވެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދާދިފަހުން ވަނީ ސައޫދީއަށް ޒިޔާރަތްކޮށް މި މަޝްރޫއު އަވަސް ކުރަން މަޝްވަރާ ކޮށްފަ އެވެ.

ދަތުރުފުޅަށްފަހު، މިނިސްޓަރު ސައީދު "އަވަސް" އަށް ވިދާޅުވީ މި ދަތުރުފުޅުގައި މަޝްވަރާކުރެވުނީ މި އަހަރު އާ އިންޓަނޭޝަނަލް ޓާމިނަލްގެ ބޮޑު ބައި ނިންމުމަށް ކަމަށެވެ.

"އެއާޕޯޓްގެ މަސައްކަތް އަވަސް ކުރަން މަޝްވަރާ ކުރެވުނީ. ސައުދީ ފަންޑުގެ ބޮޑު ޑޯނާއަކީ ސައޫދީ ފަންޑު. އަދި ކޮންޓްރެކްޓާއަކީ ވެސް އެއީ. އެހެންވެ މަޝްވަރާ ކުރީ،" ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ޓާމިނަލްގެ އިތުރުން އާ ރަންވޭގެ އާއި ސީޕްލޭން ޓާމިނަލް އަދި ކާގޯ ޓާމިނަލްގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.