ސިއްހަތު

އެންމެ ކުޅި މިރުސް ކޭ މީހާގެ ހާލު ދެރަވެއްޖެ

ކުޅި ގަދަ މިރުސް ކެއުމަށް ހާއްސަކޮށްގެން ބޭއްވި މުބާރާތެއްގައި އެންމެ ކުޅިގަދަ މިރުސް ކޭ މީހެއްގެ ސިކުޑިއަށް ގެއްލުންވެ، ހާލު ސީރިއަސްވުމުން ކުޅިކޮށް ކެއުމަށް ފޯރި ހުންނަ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިއްޖެ އެވެ. އުމުރުން 34 އަހަރުގެ ފިރިހެން މީހާ ދުނިޔޭގެ އެންމެ ކުޅި މިރުސްކަމުގައިވާ، "ކެރޯލީނާ ރީޕާ"ގެ އެންމެ މިރުހެއް ކައިފައި ވަނީ ނިއު ޔޯކްގައި އޮތް މުބާރާތެއްގަ އެވެ.

އުމުރުން 34 އަހަރުގެ އެމީހާ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ އެ މިރުސް ކޭ ފަހުން ބޮލަށް ކުއްލި ކުއްލިއަށް ތަދެއް އަރައި އަނބުރާ ގަނެގެން ވެއްޓުމާ ގުޅިގެން އެވެ. މުބާރާތުގައި މިރުސް ކޭ ވަގުތު ހޮޑު ލަވައިގަންނަ ގޮތްވުން ފިޔަވާ އިތުރު ކަމެއް އޭނާއަކަށް ނުވެ އެވެ. ބޮލަށް އެނބުުރުން އަރަން ފެށީ މުބާރާތަށްފަހު ކުޑަ ދުވަސްކޮޅެއްވީ ފަހުންނެވެ. ބޮލުގެ އިތުރަށް އޭނާގެ ކަރަށްވެސް ތަދު އެރި އެވެ.

ޕިއާ ރިވިއު މެޑިކަލް ޖާނަލް "ބީއެމްޖޭ" ގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ ކުޅި ގަދަ މިރުހެއް ކައިގެން މީހަކަށް މިހެންވީ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އެ ކޭސް ރިވިއު ކުރި ޑޮކްޓަރުން ބުނީ، ކުޅި ގަދަ މިރުސް ކައިގެން މިފަދައިން ބޮލަށް އެނބުރުން އަރާނަމަ ލަސްނުކޮށް އަވަހަށް ސިއްހީ ފަރުވާ ހޯދަންވާނެ ކަމަށެވެ.

ކުއްލި ކުއްލިއަށް ބޮލަށް އެނބުރުން އަރަނީ ހަށިގަނޑުގައި ލޭ ހިނގާ ހޮޅިތައް ކުއްލިއަކަށް ފިތުމުން ސިކުނޑިއަށް ލޭ ދައުރުވުން ހުއްޓެން ފެށުމުންނެވެ. މި ހާލަތަށް ކިޔަނީ "ރިވާސިބަލް ސެރެބްރަލް ވަސްކޯކޮންޓްރިކްޝަން ސިންޑްރޯމް (އާރްސީއެސްވީ)" އެވެ.

އެމީހާގެ ހާލަތު ދަށަށް ގޮސް އިމަޖެންސީ ރޫމަށް ގެންދިއުމުން ނާރުގެ ގިނަ ޓެސްޓުތަކެއްވެސް ހެދި އެވެ. ނަމަވެސް ނަތީޖާ އައިރު ނާރުގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ދެއްކި އެވެ. ސިކުޑީގެ ސީޓީ ސްކޭން ހެދުމުން އެނގުނު އެއްޗަކީ އޭނާގެ ބޮލުގައި ހުރި ލޭ ހިނގާ ހޮޅިތައް ފިތި ސިކުނޑީގައި ލޭ ދައުރުވުން މަޑުޖެހިފައިވާ ކަމެވެ. ސިކުނޑީގައި ލޭ ދައުރުކުރާ އެންމެ ބޮޑު އެއް ހޮޅި ވަނީ ފަޅައިގެން ގޮސްފަ އެވެ.

އެންމެ ކުޅި މިރުހުގެ ހުލާސާ

  • ދުނިޔޭގެ އެންމެ ކުޅި ގަދަ މިރުސް "ކެރޮލީނާ ރީޕާ" އިން 1.5 މިލިއަން ސްކޯވިލް ހީޓް ޔުނިޓުގެ ކުޅިގަދަ ހޫނުކަން ހުރޭ
  • މި މިރުހާއި އެންމެ ގާތުން ވާދަކުރާ "ޖެލެޕީނޯ ޕެޕާ" ގައި ހުންނަނީ 2،500 އާއި 8،000 ސްކޯވިލް ހީޓް ޔުނިޓުގެ ކުޅިގަދަ ހޫނުކަން
  • ކެރޮލީނާ ރީޕާ ވަނީ ދުނިޔޭގެ އެންމެ ކުޅި ގަދަ މިރުސް ކަމަށް 2013 ވަނަ އަހަރު ގިނިސް ވޯލްޑް ރެކޯޑަށް އަރާފަ
  • މި މިރުސް އެންމެ ފުރަތަމަ ތައާރަފުކޮށްދިނީ މީގެ 10 އަހަރު ކުރިން ދެކުނު ކެރޮލީނާގައި މިރުހުގެ ދަނޑުވެރިކަން ކުރާ އެޑް ކަރީ ކިޔާ މީހެއް
  • އެޑް އެ މިރުސް ހައްދަން ފެށީ އެމިރުހުގައި ހުންނަ "ކެޕްސައިސިން" އިންގެ އެހީގައި ކެންސަރާއި ހަނގުރާމަކުރާ ބޭހެއް އުފެއްދޭކަން އެގުމުން
  • އެޑް ހައްދާ މިރުސްތަކުގެ ތެރެއިން ދެ ބައި ކުޅަ އެއްބައި ކެންސާރުގެ ދިރާސާތައް ކުރުމަށް ހަދިޔާކުރޭ
ދުނިޔޭގެ އެންމެ ކުޅި ގަދަ މިރުސް "ކެރޮލީނާ ރީޕާ" އާއި ކެއުމާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ.

ކެރޮލީނާ ރިޕާ މިރުސް ކައިގެން ކެލިފޯނިއާގެ މީހެއް ވަނީ ގިނިސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދާފަ އެވެ. އެރިޒޯނާ ހޮޓް ސޯސް އެކްސްޕޯގައި 2016 ވަނަ އަހަރު އެމީހާ ގިނިސް ވޯލްޑް ރެކޯޑު ފޮތަށް އެރީ އެއް މިނެޓު ތެރޭގައި 120 ގުރާމުގެ ކެރޮލީނާ ރިޕާ ކައިގެންނެވެ.

އާރްސީއެސްވީ އާންމުކޮށް ޖެހެނީ ބޭނުންކުރާ ބޭހެއްގެ ސަބަބުން ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުންނެވެ. ކުޅި ގަދަ މިރުސް ކައިގެން މިފަދަ ކަމެއް ހިނގި މިއީ ފުރަތަމަ ފަހަރަށްވާއިރު، މިރުސް ކައިގެން މީގެ ކުރިން ތަފާތު އެހެން ސިއްހީ މައްސަތައް ޖެހިގެން ރިޕޯޓުކޮށްފައި އެބަހުއްޓެވެ. ކުޅި ގަދަ މިިރުހެއް ކަމަށްވާ "ކޭން ޕެޕާ" ކައިގެން ހިތަށް ލޭ ދައުރުވާ ހޮޅިތައް ފިތި، ސްޓްރޯކްޖެހޭ މައްސަލަތަކެއް ރިޕޯޓުކޮށްފައިވެ އެވެ.

އާރްސީއެސްވީ ޖެހޭ މީހަކު ހަމައަކަށް އެޅެން އާންމުގޮތެއްގައި ހަފްތާއެއްހާ ދުވަސް ނަގާނެ އެވެ. ނަމަވެސް ބައެއް ފަހަރު އެއަށްވުރެވެސް ދިގުލައިގެންދާކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ. ތަޖުރިބާކާރުން ބުނީ މިފަދަ ބައެއް ކޭސަސްތަކުގައި މީހާ އަވަަހަށް ރަނގަޅުނުވުމުން ސްޓްރޯކްވެސް ޖެހޭ ކަމަށެވެ. ނަމަވެސް އެއީ ވަރަށް މަދުން ނޫނީ ނުވާ ކަމެއްކަމަށް ބުންޏެވެ.

މި ހަބަރު ޝޯޝަލް މީޑިއާގައި ވައިގައިހިފި ހިސާބުން ފެށިގެން ގިނަ ސިއްހީ ތަޖުރިބާކަރުން އަންނަނީ ކުޅި ގަދަ މިރުސް ކެއުމުގައި ސަމާލުވުމަށް އިރުޝާދު ދެމުންނެވެ.