ހަބަރު

ހުޅުމާލޭގައި ހަދާ ފެނަކަ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަނީ

Apr 11, 2018
2

ދެވަނަ ފިޔަވަހީގައި ހުޅުމާލެއަށް އިތުރު ކުރި ބިމުގެ ސަރަހައްދުގައި 15 ބުރީގެ ޓަވަރެއް އަޅަން ޝައުގުވެރިވާ ބަޔަކު ހޯދަން ފެނަކައިން އިއުލާންކޮށްފި އެވެ.

ފެނަކައިން މިއަދު ކުރި އިއުލާނެއްގައި ވަނީ "ފެނަކަ ހިޔާ" މަޝްރޫއުގެ ދަށުން އެ ކުންފުނީގެ ރެޒިޑެންޝިއަލް ޓަވަރެއް އަޅަން ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 18 އާ ހަމައަށް އެ ފުރުސަތު ހުޅުވާލާފަ އެވެ. އެ މަޝްރޫއަށް ޕްރޮޕޯސަލް ހުށަހަޅަން އަންގާފައިވަނީ މެއިލް އާއި ސިޓީގަ އެވެ.

ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ކަމަށްވާ ހިޔާ މަޝްރޫއު ކުރިޔަށް ގެންދަނީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށެވެ. އެގޮތުން ބޭރުގެ ދެ ކުންފުނި ހިމެނޭ ގޮތަށް 22 ކުންފުންޏެއް އެ މަޝްރޫއުގައި ބައިވެރިވެގެން 62 ޓަވަރު އަޅާނެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރު ކުންފުނިތަކުން އަންނަނީ އިމާރާތް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ބީލަން ހުޅުވާލަމުން ނެވެ. އެގޮތުން 15 ބުރީގެ ތިން ޓަވަރު އަޅަން މީގެ ކުރިން އައިލެންޑް އޭވިއޭޝަނުން ބީލަމަށް ހުޅުވާލާފައިވާއިރު ސްޓެލްކޯއިން ދެ ޓަވަރު އަދި އެމްޓީސީސީން ވެސް ވަނީ ދެ ޓަވަރު އަޅަން އިއުލާން ކޮށްފަ އެވެ. ކަސްޓަމްސް އިންވެސް ވަނީ 15 ބުރީގެ ހަތަރު ޓަވަރު އަޅަން އިއުލާނުކޮށްފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން 62 ޓަވަރު އަޅާ އިރު އޭގެ ތެރެއިން 25 ބުރީގެ 16 ޓަވަރު އެޅުމަށް މިހާރު ވަނީ ޗައިނާގެ ސްޓޭޓް ކޮންސްޓުރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) ނަމަކަށް ކިޔާ ކުންފުންޏަކާ 6.6 ބިލިއަން ރުފިޔާއަށް ހަވާލުކޮށްފަ އެވެ.