ހަބަރު

ހައްދުފަހަނައެޅުމާއި މުރުތައްދުވުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަނީ

އިސްލާމް ދީނަށް ފުރައްސާރަކުރުމާއި "ހޭޓް ސްޕީޗް" ފެތުރުމާއި، ދީނީ ގޮތުން ހައްދުފަހަނަ އަޅާ ގޮސްފައިވާ މީހުންނާއި އަދި ދީނުން ބޭރުވާ މީހުންނާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ އުސޫލެއް އިސްލާމިކް މިނިސްޓްރީ އިން އެކުލަވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ގެޒެޓުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ ރާއްޖޭގައި މަދުން ނަމަވެސް ދިވެހިންގެ ތެރޭގައި އިސްލާމް ދީން ދޫކޮށްލުމާއި ފާޅުގައި ދީނާ ދެކޮޅު ކަންކަމަށް ގޮވާލުމާއި ދީނުގެ ނަމުގައި ހަނގުރާމަތަކަށް ދާ މީހުންގެ އިތުރުން ދީނުގެ ނަމުގައި މާރަމާރީ ހިންގާ ފަރާތްތައް ރާއްޖޭގައި އުޅޭ ކަމަށެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމް ގައުމަކަށްވެފައި އެފަދަ ފިކުރީ ހިޔާލު ތަފާތުވުންތަކުގެ ސަަބަބުން ކޮށްފާނެ ނޭދެވޭ ކަންކަން ހުއްޓުވުމަށް ކުރީބައިގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ތިން ބާވަތެއްގެ މައްސަލަތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް އެ އުސޫލުގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި ފާޅުގައި އިސްލާމް ދީން ދޫކޮށްލާ ފަރާތްތަކާއި ރާއްޖެއިން ބޭރުގައި ދީނުގެ ނަމުގައި ކުރާ ހަނގުރާމައަކަށް ދިޔުމާއި ދީނުގެ ނަމުގައި މާރާމާރި ފަދަ ކަންކަން ކުރާ ފަރާތްތަކާއި "ހޭޓް ސްޕީޗް"އަށް ވާ ފަދަ ވާހަކަތައް ދައްކާ ފަރާތްތައް ހިމެނެ އެވެ. އެފަދަ ކަންކަމަށް އެހީވާ މީހުންނާއި ހަރަދު ކުރާ ފަރާތްތަކަކާއި ފާޅަގައި ހިތްވަރުދީ އެކަން ކުރުމަށް އަމުރު ކުރުމާއި ގޮވާލާ ފަރާތްތައް ވެސް ހަރުކަށި ފިޔަވަޅު އެޅުމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.

އިސްލާމް ދީނުން ބޭރުވާ މީހުން

އިސްލާމް ދީން ދޫކޮށްލާ މީހުންނާމެދު އަމަލު ކުރަން ޖެހޭ އުސޫލުގައި ބުނެފައި ވަަނީ އެ މީހާއަށް ދީން އޮޅުން ފިލުވާދީ އެ މީހާައަށް ދީނަށް ރުޖޫއަވާން ފުރުސަތު ދައުލަތުން ދޭން ޖެހޭނެ ކަމަށާއި އޭނާ ދީން ގަބޫލުކޮށްފި ނަމަ ބޭނުންވާ ދީނީ އަދި ނަފްސާނީ އެހީތެރިކަން ދައުލަތުން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

ނަަމަވެސް އޭނާ ދީނަށް ގަބޫލުނުކޮށްފި ނަމަ މުރުތައްދުވެފައިވާ ކަމަށް ކަނޑައަޅާނީ ޝަރުއީ ކޯޓަކުން ކަމަށާއި މުރުތައްދުވެފައިވާ ކަމަށް ކޯޓުން ކަނޑައަޅުމުން، ގާނޫނުން ކަނޑައަޅާ މުއްދަތަކަށް މުޖުތަމައުން އެކަހެރި ކުރުމާއި މަދަނީ ފިޔަވަޅުތަކެއް އެޅުމާއި ޕޭރޯލް ނުވަތަ ކްލެމެންސީ ނުވަތަ އެ ނޫން ވެސް ހުކުމެއްގެ ލުއިއެއް ނުލިބޭނެ ގޮތެއް ހަދަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން ދިވެއްސަކު ދީނުން ބޭރުވެއްޖެ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރެއްގެ ސަމާލުކަމަށް އައިސްފި ނަމަ ދައުލަތުން އިސްނަގައިގެން އެކަން ބަލަން ޖެހޭނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.

ދީނީ ހައްދުފަހަނަ އަޅާދާ މީހުން

ދީނީ ގޮތުން ހައްދުފަހަނަ އަޅާ ދިޔުމާި ދީނުގެ ނަމުގައި ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް ދާ ފަރާތްތަކާއި ދީނުގެ ނަމުގައި މާރަމާރީ ކުރާ ފަރާތްތަކާ ބެހޭ ގާނޫނީ އޮނިގަނޑު އިތުރަށް ދިރާސާކޮށް މިހާރަށް ވުރެ ވެސް ހަރުކަށި އަދަބު ދޭ ގޮތަށް ހެދަން ޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.

އޭގެ އިތުުރުން އެފަދަ ކަންކަންމަށް އެހީތެރިވުމާއި ފައިސާ ހަރަދު ކުރުމުގެ ޖިނާއީ މައްސަލަތަކުގައި ހަނު ހުރުމުގެ ހައްގާއި، ދަތުރުފަތުރު ކުރުމުގެ މިނިވަން ކަމުގެ ހައްގު އަދި ޒާތީ މުއާސަލާތަކުން ދުސްތޫރީ ގޮތުން ލިބިދީފައިވާ ރައްކާތެރިކަން ހަނި ކުރަން ޖެހޭ ހާލަތްތަކުގައި ހަނި ކުރަން ޖެހޭނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.

ދީނަށް ފުރައްސާރަ ކުރުމާއި ހޭޓް ސްޕީޗް ފެތުރުން

ވަކި ބަޔަކަށް ވިސްނުމަކަށް ފިކުރަކަށް ރައްދުވާ ގޮތަށް ނަފްރަތު އުފެދޭ ހޭޓް ސްޕީޗް ފެތުރުމައި ދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމަ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅުމަށާއި އެފަދަ ކަންކަން ހުއްޓުވުމަށް ބޭނުންވާ ކަންކަން ހަމަޖެއްސަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓްރީގެ އުސޫލުގައި ބުނެފައިވެ އެވެ.

އެގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އެފަދަ ވެބްސައިޓުތަކާއި ބްލޮގްތަކަށް ރާއްޖެއިން ނުވަދެވޭ ގޮތަށް ބަންދު ކުރުމާއި އެފަދަ ޕޭޖުތައް ސޯޝަލް މީޑިއާގައި ހިންގާނަމަ ކޯޓުގެ އަމުރަކުން ނަމަވެސް ޕޭޖު ބަންދު ކުރުން ނުވަތަ ހޯސްޓަށް ހުށަހެޅުމާއި އެފަދަ ލިޔުން ލިޔާ މީހުންނާމެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުން ހިމެނެ އެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުގައި އުޅޭ ބަައެއް ނަމަ އިންޓަޕޯލް ނުވަތަ ދޭދޭ ގައުމުގެ އޮންނަ ސިޔާސި ގުޅުމުގެ ތެރެއިން ފިޔަވަޅު އެޅުމާއި ޖޫރިމަނާ ކުރުމާއި ގޭބަންދު ކުރުމުގެ އަދަބުތައް އުނިކޮށް އަދަބުތައް ރިވިއު ކުރަން ޖެހޭ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.

އެ އުސޫލުގައި އިތުރަށް ބަޔާންކޮށްފައި ވަނީ އެ ތިން މައްސަލަތަކުގައި ވެސް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ގަބޫލު ކުރާއިރު އެފަދަ މަދަނީ ފަރާތްތަކުގެ ޕެންޝަނާއި އަސާސީ ހިދުމަތްތައް ފިޔަވައި ސަރުކާރުން ދޭ އެހީތަކާއި އާސަންދަ އާއި ބިމުގެ ހައްގުތަކާއި ގޯތި ގެދޮރުގެ ސްކީމްތަކާއި ލޯން ސްކީމްތަކުން މަހުރޫމް ކުރެވޭނެ ފަދަ ގޮތަކަށް ގާނޫނުތައް ބަދަލު ކުރަން ޖެހޭ ކަމަށެވެ.