އެޗްބީއޯގެ މަޝްހޫރު ޑްރާމާ "ގޭމް އޮފް ތްރޯންސް" ގެ ސްޕީޑާ އެއް ވަރަކަށް އޭގެ އަސްލާ ގުޅިފައިވާ ވާހަކަ ސިލްސިލާ ކުރިއަށް ނުދާތީ އެޗްބީއޯ އިން މިހާރު ދަނީ މި ޓީވީ ޝޯ އަށް ބޮޑެތި ބަދަލުތަކެއް ތައާރަފްކޮށް ބެލުންތެރިން ސިއްސުވަމުންނެވެ.
ބައެއް ބަދަލުތަކަށް ބެލުންތެރިންނާއި، މީގެ އޮރިޖިނަލް ވާހަކައިގެ ފޭނުން މަރުހަބާ ކީ ނަމަވެސް އެންމެފަހުން ދެއްކި، މިހާރު ކުރިއަށް ދާ ސީޒަން ފަހެއްގެ ހަ ވަނަ އެޕިސޯޑްގައި ގެނައި ޓްވިސްޓާއެކު ވަރަށް ގިނަ ބައެއްގެ ހިތްތައް ވަނީ ކުދިކުދިވެފަ އެވެ.
އަދި މި އެޕިސޯޑަކާ ގުޅިގެން މި ޝޯގެ ގިނަ އަދަދެއްގެ ފޭނުންތަކެއް ދަނީ މިހާރު ސޯޝަލް މީޑިއަމްތަކުގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ޝޯ އަށް ފާޑުކިޔަމުންނެވެ.
ނިމިގެން ދިޔަ އެޕިސޯޑާ އެކު ގިނަ ބަޔަކު ރުޅިއަރުވާލީ ޝޯގެ މެއިން ކެރެކްޓާއެއް ކަމުގައިވާ ސަންސާ ސްޓާކްގެ ރޭޕް ސީނަކާ ގުޅިގެންނެވެ. އޭނާގެ މަންމަ އާއި ބޭބެ ރޮބް ސްޓާކް މަރާލި ބޮލްޓޮން އާއިލާގެ ރެމްޒީ ބޮލްޓޮން އާއި ސަންސާގެ ކައިވެނީގެ ހަފުލާގެ ތެރެއިން ރެމްޒީ ގަދަކަމުން ސަންސާއާ ގުޅުން ހިންގަނީ އެވެ.
ގިނަ ބަޔަކު ފާޑުކިޔަމުން ދަނީ ސަންނާގެ ކެރެކްޓާ އެޗްބީއޯ އިން އިތުރަށް ބަލިކޮށްލުމުންނެވެ. އަދި އަންހެން ކެރެކްޓާއެއް ގިނަ ބައެއްގެ މެދުގައި ލަދުގަންނަވާލީމަ އެވެ.
ފާޑުކިޔަމުންދާ މީހުން ބުނަމުން ދަނީ އެއީ އެއްގޮތަކަށް ވެސް ޝޯގައި ހިމަނަން ޖެހޭ ސީންއެއް ނޫން ކަމަށާއި އެޗްބީއޯ އިން އަންހެނުންނާ ދެކޮޅު މިފަދަ އަނިޔާވެރި މަންޒަރުތައް ޝޯގައި އިތުރުކޮށްފައި ވަނީ ހަމައެކަނި ބެލުންތެރިންގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
ކޮންމެއަކަސް މި މަންޒަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް ޝޯގައި ސަންސާގެ ރޯލު ކުޅެމުން އަންނަ ބަތަލާ، ސޯފީ ޓާނާ ބުނެފައި ވަނީ މި ސީޒަނަށް ބަލާއިރު އެ މަންޒަރަކީ އޭނާ އެންމެ ހިތްހަމަޖެހޭ ގޮތަށް ޝޯގައި ގެނެސްދީފައިވާ މަންޒަރު ކަމަށެވެ.
"ގޭމް އޮފް ތްރޯންސް" ގައި ސަންސާ އަށް މި ހާލެއް ޖެހުނަސް މީގެ އަސްލު ކަމުގައިވާ ފޮތުގެ ސިލްސިލާގައި ސަންސާ އަށް މި ހާލެއް ނުޖެހެ އެވެ. އެންމެ ކުޑަމިނުން އޭނާ ވިންޓަ ފޯލް އަކަށް ވެސް ނުދެ އެވެ.
ޝޯގައި ދައްކުވައިދިން ގޮތަށް ފޮތުގައި ރެމްޒީގެ އަނިޔާވެރިކަން ތަހައްމަލްކުރަން ޖެހޭ ކެރެކްޓާ އަކީ ފޮތުގެ ވާޝަންގައި ރެމްޒީގެ ބްރައިޑަކަށް ހަދާ ޖޭއިން ޕޫލް އެވެ.