ދިވެހި ސިނަމާ

"ނިވައިރޯޅި"ގެ ކާސްޓުން އިއުލާނުކޮށްފި، ޝޫޓިން މި މަހު ފަށަނީ

މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި"ގެ ކާސްޓު ރޭ ވަނީ އިއުލާނުކޮށްފަ އެވެ. ފިލްމުގެ ކާސްޓު އިއުލާނުކުރީ ރޭ ރަނބާ ރެސްޓޯރެންޓުގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. މި ހަފްލާގައި ގިނަ އަދަދެއްގެ ފިލްމީ ތަރިން ބައިވެރިވެފައިވެ އެވެ.

ފިލްމުގެ ކާސްޓުން އިއުލާނުކޮށް ރޭގެ ހަފްލާގައި ވަނީ ކާސްޓުންނަށް އެއްބަސްވުންވެސް ހަވާލުކޮށްފަ އެވެ. ކާސްޓުންނާއި އެއްބަސްވުން ހާވަލުކޮށްދިނީ ހަފްލާގެ ޝަރަފުވެރި މެހުމާނު ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އެވެ.

މި ފިލްމުގެ ކާސްޓަށް ނަގާފައި ވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ނިއުމާ މުހައްމަދު، ފާތިމަތު ޒީނަތު (ޒީތު)، އަމިނަތު ރިޝްފާ، އަހްމަދު އަޒްމީލް (އަޒޭ)، އަހްމަދު ޒިޔާ، އަހްމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، ނާޝިދާ މުހައްމަދު (ނާއްކޮ)، އާމިނަތު ނިފާ ރަޝީދު، އަހްމަދު އާސިފް، އިސްމާއިލް ޒާހިރު، އަދި އަޖްނާޒް އަލީ އެވެ.

"އަވަސް" އަށް މައުލޫމާތު ދެމުން ނިއުމާ ބުނީ މި ފިލްމުގެ ޝޫޓިންއަށް ކާސްޓާއި ކްރޫ މި މަހު 26 ގައި ފުރާނެ ކަމަށެވެ. މި ފިލްމު ޝޫޓުކުރުމަށް ހަމަޖެހިފައި ވަނީ ރ. އިނގުރައިދޫގަ އެެވެ.

ރޭގެ ހަފްލާފައި ވާހަކަދައްކަމުން ނިއުމާ ބުނީ ފިލްމުގެ ކާސްޓު ފައިނަލްކުރީ ވަރަށް ގިނަ މަޝްވަރާތަށް ކުރުމަށްފަހުގައި ކަމަށެވެ.

"ފަހު ފިލްމަށްވީމާ ބޭނުންވަނީ ހުރިހާ ކަމެއްވެސް ވަރަށް ޕާފެކްޓްކޮށް ކުރަން. ބެލުންތެރިން ބަލައިގަންނަ ގަޔާވާ އަދި ހިތްހަމަ ޖެހޭ ގޮތަކަށް ތައްޔާރުކުރަން. އެހެންވެ ލަސްވަނީ، ތައްޔާރުވާން ވަގުތުދާތީ،" ފިލްމީ ދާއިރާގައި 23 އަަހަރު ހޭދަކޮށްފައިވާ އަދި މި ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ނިއުމާ ބުންޏެވެ.

މި ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ ތައްޔާރުކޮށްދީފައި ވަނީ "ހެޕި ބާތްޑޭ" އަދި "ލޫދިފާ" ފަދަ ފިލްމުތަކުގެ ސްކްރީންޕްލޭ ތައްޔާރުކޮށްދިން މޫމިން ފުއާދު އެވެ.

"ނިވައިރޯޅި" ގެ ޓީޒާ.

"އަސްލު ވަރަށް ދުވަސްވެއްޖެ މޫމިންއާއެކީ މަސައްކަތްކޮށްލަން ބޭނުންވެގެން އުޅޭތާ. އޭނާ ކިޔައިދިން ފަސް ވަރަކަށް ކޮންސެޕްޓްވެސް. ދެން މި ކޮންސެޕްޓް ފެނުނީމަ ހިތަށް އެރީ ވަދާއީ ފިލްމަކާ ބަލާފައި މި ކޮންސެޕްޓްއަށް ވުރެ ރަނގަޅު ފިލްމެއް ނުކުޅެވޭނެ،" 1994 ގައި ފިލްމީ ދާއިރާއަށް ތާއާރަފުވި ނިއުމާ ބުންޏެވެ.

ނިވައިރޯޅިގެ މޭކަޕްގެ ޕާޓްނަރަކަށް "ނޯޓް" ހަމަޖައްސާއި ރޭ ވަނީ އެ ބްރޭންޑުގެ މޭކަޕް ރާއްޖެ އެތެރެކުރާ ނިއު އެޑިޝަން ފިހާރައާއަށްވެސް އެއްބަސްވުން ހަވާލުކޮށްފަ އެވެ.

ވަދާއީ ފިލްމެއްގެ ގޮތުގައި "ނިވައިރޯޅި" ގެނެސްދޭނެކަން ނިއުމާ އިއުލާނުކުރީ ފިލްމީ ދާއިރާގައި އޭނާ ހަރަކާތްތެރިވާތާ 20 އަހަރު ފުރުން ފާހަގަކުރުމަށް ސެލެބްރޭޓިން 20ގެ ނަމުގައި އަލްބަމެއް ނެރުމުގެ ގޮތުން މިދިޔަ އަހަރު އޮކްޓޯބަރު މަހު ބޭއްވި ހާއްސަ ހަފްލާއެއްގެ ތެރެއިންނެވެ.