ހަބަރު

ކަޅުވަކަރު މިސްކިތް ހުރީ ރައްކާތެރިކަމާއެކު: ހެރިޓޭޖް

ކަޅުވަކަރު މިސްކިތުގެ ބައިތައް މިހާރު ހުރީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ގެ ބެލުމުގެ ދަށުގައި ރައްކާތެރިކަމާއެކު ބެހެއްޓާފައި ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ލިލީ މަގު ކަންމައްޗަކަށް ސަލްޓަންޕާކާ އިންވެގެން ހުރި އާސާރީ މިސްކިތެއް ކަމަށްވާ ކަޅުވަކަރު މިސްކިތް 2016 ވަނަ އަހަރުގެ އޮގަސްޓްމަހު ރޫޅާލައިގެން އެތަނުން ނެގީ ގދ. ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ހުރި ބިމުގައި އެ މިސްކިތް އަލުން ރާވައި ހުޅުވުމަށެވެ. ނަމަވެސް މިސްކިތް ތިނަދޫއަށް އަދިވެސް ގެންގޮސްފައެއް ނުވެ އެވެ.

ހެރިޓޭޖުން "އަވަސް"ގެ ސުވާލަކަށް ޖަވާބުދެމުން ބުނީ، ކަޅުވަކަރު މިސްކިތް ރީލޮކޭޓް ކުރުމަށްޓަކައި އެމިސްކިތުގެ ގަލުގެ ބައިތަކަށާއި ލަކުޑީގެ ބައިތަކަށް ދޭންޖެހޭ ފަރުވާދީ މަރާމާތުކުރަންޖެހޭ ކަމެއްހުރިނަމަ މަރާމާތުކޮށް އުފުލާ ހެދުމުގައި ގެއްލުމެއް ނުލިބޭނެގޮތަށް ރަނގަޅަށް ބަންދުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން ކަމަށެވެ. އޭގެ ތެރެއިން ގަލުގެބައިތަކުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.

ކަޅުވަކަރު މިސްކިތް ރިލޮކޭޓްކުރުމުގެ މަސައްކަތަކީ ހައުސިން މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް އެ އިދާރާއިން މިއަދު ބުންޏެވެ. އެހެންކަމުން މިސްކިތް ބަދަލުކުރުމުގެ މަސައްކަތުގައި ހެރިޓޭޖްގެ ދައުރަކީ ފަންނީ ލަފާދިނުމާއި މިސްކިތުގެ ބައިތައް ގިނަދުވަހު ހުންނާނެގޮތް ހެދުމަށްޓަކައި ދޭންޖެހޭ ފަރުވާ ދިނުން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

"މަސައްކަތަށް ދުވަސް ނަގާ ސަބަބުތަކުގެ ތެރޭގައި ފަރުވާ ދިނުމަށާއި ދުވަސްވުމުގެ ސަބަބުން ފީވެފައިވާބައިތައް މަރާމާތު ކުރަންޖެހޭ ބައިތަކަށް ބޭނުންވާތަކެތި ރާއްޖެއިން ލިބެން ނެތުން ހިމެނޭ،" ކަމަށް ވެސް ހެރިޓޭޖުން މިއަދު ވަނީ ބުނެފަ އެވެ.

ކަޅުވަކަރު މިސްކިތް ތިނަދޫ އަށް ބަދަލުކުރަން މިސްކިތް ރޫޅާލިތާ އަހަރެއް ވެފައިވާއިރު، މިސްކިތް ތިނަދޫއަށް ގެންދާނެ ދުވަހެއް އަދިވެސް ނޭނގެ އެވެ. މިސްކިތުގެ ބައިތައް ޕެކްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މީގެ ކުރިން ހައުސިން މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.