ހަބަރު

ދީނާ ހިލާފުވާ ނަމަ ބައެއް ހައްގުންތަކުން މަހުރޫމް ކުރަން ޖެހޭ: މިނިސްޓްރީ

ހައްދުފަހަނަ އަޅާ ދިޔުމާއި މުރުތައްދުވުން އަދި ދީނަށް ފުރައްސާރަ ކުރާ މީހުން ބައެއް ހައްގުތަކުން މަހުރޫމް ކުރަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަދު ގެޒެޓުކޮށްފައިވާ އުސޫލުގައި ބުނެފައި ވަނީ ފާޅުގައި އިސްލާމް ދީން ދޫކޮށްލުމާއި ދީނުގެ ނަމުގައި ހަނގުރާމައަށް ދިޔުމާއި މާރަމާރީ ހިންގުމާއި ދީނަށް މަލާމަތް ކުރުމާއި ހޭޓް ސްޕީޗް ފަތުރުމަކީ ގައުމީ ފެންވަރެއްގައި ހާއްސަ ސަމާލުކަމެއް ދީގެން ހައްލު ކުރަން ޖެހޭ މައްސަލައެއް ކަމަށާއި އެފަދަ ފަރާތްތަކަށް މަދަނީ އަދަބުތަކެއް ކަނޑައަޅަން ޖެހުމަކީ ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން އެ ފަރާތްތަކަށް ޕެންޝަން އާއި އެހެނިގެން އަސާސީ ހިދުމަތްތައް ފިޔަވައި، ސަރުކާރުން ދޭ އެކިއެކި އެހީތަކާއި އާސަންދަ އާއި ބިމުގެ ހައްގުތަކާއި ގޯތިގެދޮރުގެ ސްކީމްތަކާއި ލޯން ސްކީމް ފަދަ ކަންކަމުން މަހުރޫމް ކުރެވޭނެ ފަދަ ގޮތަކަށް ގާނޫންތައް ބަދަލު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

އެ މިނިސްޓްރީ އިން ބުނީ އިސްލާމް ދީން ދޫކޮށްލާ ފަރާތްތަކާ މެދު އަމަލު ކުރަން ޖެހޭނެ ގޮތެއް އެކަށީގެންވާ ގޮތަކާށް ރާއްޖޭގެ ގާނޫނުތަކުގައި ލިޔެފައި ނުވާ ކަމަށާއި އަދި އެކަމަކީ ޖިނާއީ ކުށެއް ކަމުގައި ވެސް އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ސައްތައިން ސައްތަ އިސްލާމް ގައުމެއް ގޮތުގައި އޮތުމަށް އެކަންކަމަށް ހައްލެއް ގެނެސްފައި އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށް އެ މިނިސްޓްރީން ބުންނެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ހިނގައި ދާހިލީ ހަނގުރާމަތަކާއި ޓެރަރިޒަމްގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ހަނގުރާމާގައި ބައިވެރިވާން ދާ ބައެއް ފިރިހެނުން އެބައި މީހުންގެ އަނބިންނާއި ޅަ ދަރިން ވެސް އެފަދަ ތަންތަނަށް ގެންދާ ކަމަށާއި އޭގެ ސަބަބުން ޅަ ދަރިންގެ ސިކުންޑިއަށް ނޭދެވޭ އަސަރު ކުރުމުގެ އިތުރުން އާއިލާ އުޅެން ޖެހެނީ ދަތި އުނދަގޫ ދިރިއުޅުމެއް ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. އަދި ފިރިހެނަކު ހަނގުރާމާގައި ނުވަތަ އެހެން ގޮތަކަށް ވިޔަސް މަރުވެއްޖެ ނަމަ އޭނާގެ އާއިލާ ހަވާލު ކުރަން ޖެހެނީ ކޮންމެވެސް އެހެން ފިރިހެނަކާ ކަމަށާއި އެއީ ދިވެއްސަކަށް ވާކަށް ނުޖެހޭ ކަމަށް ވެސް ދައުލަތަށް އެނގިފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އެ ހިޔާލުތަކާއި ތަފާތު ހިޔާލެއް ގެންގުޅޭ މީހެއް އުޅޭ ނަމަ އެ މީހަކަށް ހަމަލާދީ ފުރާނައާއި އާއިލާއަށް ނުރައްކާވާ ފަދަ އަމަލުތައް ރާއްޖޭގައި ވެސް ހިންގަމުންދާ ކަމަށާއި އެހެންވެ އެކަން ހުއްޓުވަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ފާހަގަ ކުރި އެވެ. އެ ނޫން ނަމަ އަނބުރާ އިއާދަ ނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުން ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެފި އެވެ.

އޭގެ އިތުރުން ދީނަށް މަލާމަތް ކުރުމާއި ފުރައްސާރަ ކުރުމުގެ އަމަލުތައް ފާޅުގައި ރާއްޖޭގައި ކުރަމުން އަންނަ ކަމަށާއި އެކަންކަން ދުލާއި ގަލަމާއި މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރަމުން އަަންނަ ކަމަށެވެ. އަދި އެ މީހުންގެ ވިސްނުމާ ދެކޮޅުވާ ހުރިހާ ފަރާތްތަކަަމެދު ނަފްރަތު އުފެދޭ ގޮތަށް ވާހަކަތައް ފަތުރަމުން އަންނަ ކަމަށާއި އޭގެ ސަބަބުން އާއިލާކަށް އެކި ފާޑުގެ އިޖްތިމާއީ ފިއްތުންތައް ކުރިމަތިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.