ހަބަރު

ވެމްކޯގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ލޭންޑިން ކްރާފްޓެއް ގަތުމުގައި ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިން ކަމަށް ބުނެ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެ މައްސަލަ ފޮނުވައިފި އެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިންގަޕޫރުގެ ޕްރައިވެޓް ކުންފުންޏަކަށް ރާއްޖޭގެ ކުންފުންޏެއްގެ ލޯކަލް އެޖެންޓެއް މެދުވެރިކޮށް އެ ފަރާތުގެ ނަމުގައި އެ އުޅަނދުގެ އަގުގެ 30 ޕަސެންޓު ވެމްކޯގެ ޕްރޮކިއުމެންޓް ޕޮލިސީއާ ހިލާފަށް ދައްކާފައިވާ ކަމަށެވެ. އެޑްވާންސް ޕޭމަންޓްގެ ފައިސާ ހޯދަން ހުށަހެޅި އިންވޮއިސް އެޕްރޫވް ކުރަން ސޮއި ކޮށްފައިވަނީ ވެމްކޯގެ އޭރު ހުންނެވި އެމްޑީ ކަން ތަހުގީގަށް ހާމަ ވެފައިވާ ކަމަށްވެސް ބަޔާނުގައި ވެ އެވެ. އޭރު އެ ކުންފުނީގެ އެމްޑީއަކަށް ހުރީ ފުއާދެވެ.

ޕްރައިވެޓް ކުންފުންޏަކުން ވެމްކޯ އަށް ލޭންޑިން ކްރާފްޓެއް ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށް އޭރުގެ އެމްޑީއަށް އެޑްރެސްކޮށް ހުށަހަޅާފައިވާ ޕްރޮޕޯޒަލް އަކީ އެމްޑީގެ އެދުމުގެ މަތިން ކަމަށާއި ޕްރޮމޯޝަލް އާއި ސިޓީގައިވެސް ވެމްކޯ އެންޓްރީ ތައްގަނޑު ޖަހާފައިނުވާ ކަމަށެވެ. އަދި ރަސްމީ އެއްވެސް ސިފައެއްގައި އެ ޕްރޮޕޯސަލް ވެމްކޯއަށް ލިބިފައިނުވާކަން ތަހުގީގަށް އިނގިފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އޭސީސީން ބުނީ، އެ ޕްރޮޕޯޒަލް ހޯދާފައި ވަނީ ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީ އާއި ޕްރޮކިއުމެންޓް މެނުއަލް އާ ހިލާފަށް އެ ކުންފުނީގެ އެއްވެސް ޑިޕާޓްމެންޓަކުން އެދިގެން ނޫން ކަމަށާއި އެ ކުރާފްޓަކީ ކުންފުންޏަށް ބޭނުންވާ ކުރާފްޓެއް ކަމަށް ނިންމައިގެން ހުށަހެޅި ޕްރޮޕޯޒަލެއް ނޫން ކަމަށެވެ. އަދި އަދި ލޭންޑިން ކްރާފްޓެއް ގަންނަ ނަމަ އެކަން ވެމްކޯގެ ބޯޑަށް ހުށަހަޅަން ޖެހޭނީ އެކަމާބެހޭ ޑިޕާޓްމެންޓަކުން ކަމަށާއި ނަމަވެސް އެ ލޭންޑިން ކްރާފްޓް ގަންނަން ބޯޑަށް ހުށަހެޅީ އެމްޑީ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، ލޭންޑިން ކުރާފްޓް ގަތުމަށް ސާވޭ އެއް ކޮށްފައިވާ ކަމަށާއި އެ ސާވޭއިން ލޭންޑިން ކުރާފްޓްގެ ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައިވާ ކަމަށާއި ނަމަވެސް އެކަމާ ބެހޭގޮތުން އެމްޑީ، ބޯޑުގެ މެމްބަރުންނާ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށެވެ. އަދި އެ ކްރާފްޓް ގަތުމަށް އެއްބަސްވުމުގައި ފުއާދު ސޮއިކޮށްފައިވަނީ އެ އުޅަނދުގެ ހާލަތު އެނގިވަޑައިގެން ހުންނަވައި ކަމަށް ވެސް އޭސީސީން ބުންޏެވެ.

ވެމްކޯ އަށް ލޭންޑިން ކްރާފްޓެއް ގަތުމަށް އެކުންފުނީގެ ކުރީގެ އެމްޑީ މަސައްކަތް ކުރައްވާފައި ވަނީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް، އެ ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލާ ހިލާފަށް ކަމަށެވެ. އެހެންކަމުން ފުއާދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކުރުމަށާއި އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދީފައިވާ 3.9 މިލިއަން ރުފިޔާ އޭނާގެ އަތުން ދައުލަތަށް ހޯދުމަށް އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.