ހަބަރު

އިދިކޮޅު ފަރާތްތަކަށް ކަރެކްޝަންގެ ބޭފުޅުންނާއި ބައްދަލެއް ނުވި

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބޭފުޅުންނާއި ބައްދަލު ކުރުމަށް ކުރި މަސައްކަތް މިއަދު ނާކާމިޔާބުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ކަރެކްޝަންގެ ބޭފުޅުންނާއި ބައްދަލު ކުރުމަށް މިއަދު އެ ކޮމިޝަނަށް ގޮސްފައިވަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ހައްޔަރުކޮށްފައިވާ ފަރާތްތަކާމެދު ޖަލުތަކުގައި އަމަލު ކުރަމުންދާ ގޮތާއި ޖަލުތަކުގެ ހާލަތާމެދު ކަންބޮޑުވާ ކަމަށްބުނެ އެކަމުގެ ޝަކުވާތައް ހުށަހެޅުމަށެވެ.

ކަރެކްޝަނުން ނިކުމެ ނޫސްވެރިންނާއި ބައްދަލު ކުރައްވައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ބައްދަލު ކުރެވޭ ގޮތް ނުވީ ބައްދަލު ކުރުމަށް ހުށަހަޅަން ޖެހޭ ފޯމް ކުރިން ހުށަހަޅާފައި ނުވާތީ ކަމަށެވެ. އަދި ބައްދަލު ކުރަން ފޯމު ހުށަހެޅުމުން އެ ފޯމަށް ޖަވާބު ލިބޭނެ ދުވަހެއްވެސް ސާފު ނުކުރެވޭ ކަމަށްވެސް ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒު ވިދާޅުވީ ޖަލުތަކުގައި ބަންދު ކޮށްފައިވާ ފަރާތްތަކުގެ ހައްގުތަކާ މެދު އެފަރާތްތަކުގެ އާއިލާތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ ކަމަށާއި އެފަރާތްތަކަށް ހައްގުތައް ހޯދައި ދިނުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި އެމައްސަލަ ހައްލު ކުރުމަށް ދާން ޖެހުނު ކޮންމެ ތަނަކަށް ދާނެ ކަމަށާއި މި މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދަވާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވީ، ފެބުރުއަރީ އެކެއްގެ އަމުރަށްފަހު އެއް ތުހުމަތެއްގައި ހައްޔަރުކޮށްފައިވާ މީހުންނާމެދު އަމަލު ކުރާ ގޮތް ވެސް ތަފާތު ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކަށް ހިދުމަތްތައް ދިނުމުގައި ތަފާތު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ، ކަރެކްޝަންގެ އިސް ބޭފުޅުންނާއި ބައްދަލު ކުރުމަށް މިއަދު އެކޮމިޝަނަށް ދިޔައީ ހައްޔަރު ކޮށްފައިވާ ފަރާތްތަކާމެދު އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެބޭފުޅުންނާއި ބައްދަލުވާގޮތް ނުވި ކަމަށާއި އެއީ ވެވޭ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.

އަމީތު ވިދާޅުވީ، ގާނޫނުގެ ބޭރުން ޖަލުގައި ބަންދުކޮށްގެން އެބޭފުޅުންނަށް ލިބިދޭން ޖެހޭ އަސާސީ ހުރިހާ ހައްގުތަކެއް ނިގުޅައިގަނެގެން އެކޮމިޝަންގެ ބޭބޭފުޅުންނަކަށް ނުތިބެވޭނެ ކަމަށާއި އެބޭފުޅުންނާއި ބައްދަލު ކުރައްވާނެ ކަމަށެވެ.

"މިއަދު ކަރެކްޝަން އަށް ދިއުމުން ރިސެޕްޝަނުގައި ތިއްބަވާ ބޭފުޅުން ވިދާޅުވީ މިތަނުގައި އިސްކޮށް ހުންނެވީ ޝިހާން ކިޔާ ބޭފުޅެކޭ، އެބޭފުޅާ އެބަ އިންނެވިއޭ ކޮޓަރީގަ، ނަމަވެސް މިވަގުތު އެބޭފުޅާއާ ބައްދަލު ކުރެވޭނެ ގޮތެއް ނެތޭ، ފޯމެއް ފުރާށޭ، ފޯމް ފުރައިފިން، ފޯމް ފުރުމަށްފަހު މިޔަށް ޖަވާބު ލިބޭނީ ކިހާ ދުވަހަކުންހޭ އެހުމުން ބުނީ، ޖަވާބެއް ތައްޔާރު ވުމުން ގުޅާލާނަމޭ، ނަގާނެ ދުވަހެއްވެސް ތިމަންނަ މެންނަށް ދަންނަވާކަށް ނޭންގޭ،" އަމީތު ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވީ، ފެބުރުއަރީ އެކެއްގެ އަމުރަށްފަހު އެއް ތުހުމަތެއްގައި ހައްޔަރުކޮށްފައިވާ މީހުންނާމެދު އަމަލު ކުރާ ގޮތް ވެސް ތަފާތު ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކަށް ފަންކާ އާއި އެހެން ހިދުމަތްތައް ދިނުމުގައި ތަފާތު ކުރާ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.