chattelegramwhatsappviber google-plus twitter facebook

ރިޕޯޓް

އިންތިހާބުގެ އަހަރު: އެކަމަކު ފޯރިއެއް ނެތް

ރައީސް ޔާމީން، އަދުރޭގެ އަރިހުގައި - އަހުމަދު ޝުރާއު | އަވަސް

ކޮންމެ ގައުމެއްގައި ވެސް ރިޔާސީ އިންތިހާބުގެ އަހަރު އެހާމެ ފޯރިގަދަވާނެ އެވެ. ސަރުކާރާއި އިދިކޮޅާ ދެމެދު ވާދަވެރި ސިޔާސީ ކެމްޕޭންތައް ހިނގާނީ އެންމެ ފޯރީގަ އެވެ. ރާއްޖެއަށް ވެސް މިއީ މުހިންމު އަހަރެކެވެ. ފަސް އަހަރަށް ފަހު އަނެއްކާ ވެސް ދިވެހިންނާ ރިޔާސީ އިންތިހާބު މިއަހަރު ބައްދަލު ކުރައްވާނެ އެވެ. އިދިކޮޅު ގިނަ ޕާޓީތަކެއް އެކުވެ ކޯލިޝަނެއްގެ ގޮތުގައި އޮތް އިރު، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްއަށް ކުރިއަށް އޮތް އިންތިހާބު ވާނީ ބޮޑު ހަނގުރާމައަކަށެވެ. އިންތިހާބަށް މިހާރު މިވަނީ އެންމެ ފަސް މަސް ދުވަހަށް ވެފަ އެވެ. ކުޑަ ދުވަސް ކޮޅަކަށް ވެފައިވާއިރު އިންތިހާބުގެ ފޯރި ވަރަށްވެސް ކުޑައެވެ. އަދި އުޅެނީ ވަރަށްވެސް ލޮނު މަޑުކޮށެވެ. އިންތިހާބުގެ އަހަރުހެން ހީވެސް ނުވެ އެވެ.

އިންތިހާބުގެ ކަންތައްތަކާ އެންމެ ފުރަތަމަ ފައި ވިއްދާލާފައިވަނީ ވެރިކަން ކުރާ ޕާޓީ އިން އެވެ. ޕާޓީގެ ޕްރައިމަރީއެއް ނުބާއްވާ، ރައީސް އަބުދުﷲ ޔާމީން އަށް މިހާރު ވެސް އޮތީ އެ ޕާޓީ އިން ފާޑަކަށް ރިޔާސީ ޓިކެޓް ދީފަ އެވެ.

ސަރުކާރު ކޯލިޝަނުން ރައީސް ޔާމީންގެ ކެމްޕޭނުންވެސް މިހާރު ވަނީ ފައްޓަވާފަ އެވެ. ކުލަގަދަ ޖަލްސާތަކާއި ފޯރިނެގުމާއެކު އެކަންވެސް ފެށިގެން ހިނގައްޖެ އެވެ. އެގޮތުން މިދިޔަ ހަފްތާގައި ވަނީ ރައީސް ޔާމީނަށް ކެމްޕޭން ކޮށްދޭން ލ. އަތޮޅުން ވޮލެންޓިއަރުން ހޯދުމުގެ ޕްރޮގްރާމެއް ވެސް ފަށާފަ އެވެ. މަޑުމަޑުން ނަމަވެސް ހަރަކާތްތަކެއް ޕީޕީއެމުން އެބަ ކުރިއަށް ގެންދެ އެވެ.

1 ފެބްރުއަރީގެ އަމުރަށް ފަހު ރައީސް ޔާމީން ރައްޔިތުންނާއި ބައްދަލު ކުރެއްވުން:- އަހުމަދު ޝުރާއު | އަވަސް

ނަމަވެސް އިންތިހާބަށް ފަސް މަސް ދުވަސްވީ އިރު އިންތިހާބުގެ ފޯރި ހުންނަންވީ ވަރާ ގާތަށްވެސް އެކަން ގޮސްފައެއް ނުވެ އެވެ. ކެނޑިޑޭޓް ޔަގީންވެ ވޯޓް ކަރުދާހުގައި ނަން އޮންނާނެ ކަމަށް ރައީސް ޔާމީންގެ ސަޕޯޓަރުން މެދު ނުކެނޑި ބުނަމުންދާއިރު އިންތިހާބަށް ކިހާވަރަކަށް އެބަ ތައްޔާރުވޭ ހެއްޔެވެ؟ ފެނިގެން މިދަނީ އަދި ހަމަ މަޑު ދުވެލީގައި ރިޔާ ދޯންޏެއް ދަތުރު ކުރާ ސްޕީޑްގައި ކެމްޕޭނުގެ ކަންކަންދާ މަންޒަރެވެ.

އަހަރު ފެށިގެން އާއިރު އެންމެ ފޯރިއާއެކު ޕީޕީއެމުން ކުރަމުން އައި އެއް ކަމަކީ ކޮންމެ ހަފްތާއަކު ރައީސް ޔާމީންގެ ސަޕޯޓަރުން އެއްކޮށް ހަފްތާއަކު ތިން ހަތަރު ފަހަރު ޖަލްސާ ބޭއްވުމެވެ. މަދުމަދުން ނަމަވެސް އެ ޖަލްސާތަކުގައި ރައީސް ޔާމީންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. ނަމަވެސް މިދިޔަ މަހާއި މި މަހަށް ބަލާލާއިރު ބޭއްވި ޖަލްސާތަކުގެ އަދަދު އަތުން ގުނާލެވޭހާވެސް މަދެވެ. އަހަރު ފެށުނު އިރު ހުރި ފޯރި ފެނިގެން މިދަނީ މަޑުވާ ތަނެވެ. އިންތިހާބުގެ މާސްޓާ ޕްލޭނެއް ރާވަން ސިޔާސީ އެންމެން ވެސް ތިބީ ބިޒީވެފައި ހެއްޔެވެ؟ ވީ ގޮތެއް ބުނެދޭކަށް ނޭނގެ އެވެ.

ޖަލްސާތަކުގެ ވާހަކަ ބާއްވަމާ ހިނގާށެވެ. އެއަށްވުރެ ފޯރިއާއެކު ޕީޕީއެމުން ކުރި އެއް ކަމަކީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތައްދީ ހުއްޓުމެއްނެތި ބާއްވަމުން ދިޔަ ނޫސްކޮންފަރެންސް އެވެ. އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ޓީވީން އަބުދުﷲ އަބުދުއްރަހީމް ނޫން މީހަކު ފެނުނު ހެނެެއް ހިޔެއް ނުވެ އެވެ. އަންނަ އިސްތިހާރަށްވުރެ ގިނައިން ޕީޕީއެމުން ޕްރެސްތައް ބޭއްވި އެވެ. މިދިޔަ މަހުގެ 16 ވަނަ ދުވަހު އިދިކޮޅު ބޮޑު އެއްވުން ނުވަތަ ބޮޑު ސޯޅާގައި ވިދިވިދިގެން ގެންދިޔަ ޕްރެސްތަކަކީ ރެކޯޑެކެވެ. އެހާވެސް ގިނައިން ޕްރެސްތައް ބޭއްވި އެވެ. ނަމަވެސް އެކަންވެސް މިހާރު ވީ ނުވީއެއް ނޭންގި މިވަނީ ހުއްޓިފަ އެވެ. ޕީޕީއެމްގެ ހަރަކާތްތައް ދުވަހެއް ދުވަހަކަށް މިދަނީ ފަނޑުވަމުންނޭ ބުނުމަކުން މުޅީން ދޮގަކަށް ނުވާނެ އެވެ.

ޕީޕީއެމުން ހިންގާ ހަރަކާތްތަކުގެ އެންމެ ކުރީގައި ހުންނަވަނީ ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓްލޭޑީ މެޑަމް، ފާތިމަތު އިބްރާހީމެވެ. މެޑަމްގެ އިސްނެގުމުގެ މަތީން ޕީޕީއެމުން ދަނީ މަޑުމަޑުން އިންތިހާބުގައި ފައި ހަރުކޮށްލުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާންކޮށްފައިވާ ޕީޕީއެމުން ހިންގާ ހަރަކާތްތަކުގައި ރައީސް ޔާމީނަށްވުރެ ގިނައިން ފެނިގެންދަނީ މެޑަމް އެވެ. ރައީސް ޔާމީންގެ ކެމްޕޭނުގެ ވޮލެންޓިއާ އަކަށް އެންމެ ފުރަތަމަވެސް ވެވަޑައިގަތީ އެކަމަނާ އެވެ. އެކަމަނާ އަކީ ރައީސް ޔާމީންގެ "ރަނިންމޭޓް" ކަމަށްބުނެ އިދިކޮޅުން އެކަމަށް ވަރަށް ޖޯކްވެސް ޖަހައެވެ. ރައީސް ޔާމީން ހަރަކާތްތަކުން ނުފެންނަނީ އަދި ވަގުތު އޮތީ ކަމަށް ގަބޫލު ކުރެވޭތީ ކަމަށްވެސް ވެދާނެ އެވެ.

ރައީސް ޔާމީންއަށް ކެމްޕޭންކުރައް މިއަދު އައްޑޫ ސިޓީއަށް ފުރާވަޑައިގެނެވި ޕީޕީއެމް ޓިމްގެ ބޭފުޅުން ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާއެކު ފްލައިޓްގައި --

އެވާހަކަ ބާއްވަމާ ހިނގާށެވެ. އެއަށްވުރެ ބޮޑަށް ދެން ދައްކަން އޮތް ވާހަކަ އަކީ މެނިފެސްޓޯގެ ވާހަކަ އެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު ކާނިވާ ސަރަހައްދުގައި ބޭއްވި ޕީޕީއެމްގެ "ތައްޔާރު" ޖަލްސާގައި ރައީސް ޔާމީން ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އުފާވެރި ހަބަރުތަކަކާއެކު ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ، އެ ދުވަހަކީ އެ މަނިކުފާނުގެ ސަރުކާރަށް ހަތަރު އަހަރު ފުރުނު ދުވަހެވެ. އަދި އަންނަ ދައުރުގެ މެނިފެސްޓޯގައި ކުރިއަށް އޮތް ފަސް އަހަރުގައި ކުރާނެ ކަންކަން ބަޔާން ކުރާނެ ކަމަށްވެސް ރައީސް ޔާމީން އެރޭ ވިދާޅުވި އެވެ.

ނަމަވެސް އެދުވަސް ފަހަނަ އަޅައި މިހާރު ގާތްގަނޑަކަށް ފަސް މަސްވީ އެވެ. އަދިވެސް އެބުނާ މެނިފެސްޓޯ ވީތަނެއް ނޭންގެ އެވެ. އެކަމުގެ ވާާހަކަވެސް ސަރުކާރު ކޯލިޝަނުން ދައްކާލެއްވެސް މަދެވެ. އެ މަސައްކަތް ގޮސްފައިވަނީ ކިހާ ހިސާބަކަށް ކަމެއްވެސް ރައްޔިތުންނަކަށް ނޭންގެ އެވެ. އަދި މެނިފެސްޓޯގައި އޮންނާނެ ކަންކަންވެސް އަދި ހަމަ ތިލަވާގޮތް ވަނީ ނުވެފަ އެވެ.ެ

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނު ވިދާޅުވީ، މެނިފެސްޓޯ އެކުލަވާލެވެން އަންނަނީ އިދިކޮޅުން ނެރޭ ކެނޑިޑޭޓެއް އިނގުމުން ކަމަށެވެ. އެ ކެނޑިޑޭޓެއް އިނގުމުން މެނިފެސްޓޯ އެކުލަވާލަން ފަސޭހަ ވެގެންދާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން. އަވަސް ފޮޓޯ: މުހައްމަދު އަޒާން

މެނިފެސްޓޯއާ އިދިކޮޅުން ނެރޭ ކެނޑިޑޭޓާ ވަރަށް ބޮޑަށް ގުޅުމެއް އޮންނަ ކަމަށް އޭނާ އެވަނީ ފާހަގަކޮށްފި އެވެ. އޭގެ އިން ދޭހަވާ ކަމަކީ އަދި މެނިފެސްޓޯގެ މަސައްކަތް ނުފެށޭ ކަމެވެ. އެހެން ކަމަށް ވަނީ ނަމަ މެނިފެސްޓޯ އިންތިހާބުގެ ކުރިން އަވަހަށް އަންނާނެ ކަަމާމެދުވެސް ޝައްކެވެ. އެއީ އިދިކޮޅުގެ މިސްރާބު ހުރި ދިމާލެއް ހަމަ އެއް ގޮތަކަށްވެސް ނޭންގޭތީ އެވެ. ދެން އޮތް ސުވާލަކީ އިދިކޮޅުގެ އިންތިހާބުގެ މަސައްކަތްތައް ހުރީ ކިހާ ހިސާބެއްގައި ހެއްޔެވެ؟

އިންތިހާބުގެ ވާހަކަ ދައްކާއިރު އިދިކޮޅުގެ މިސްރާބު ހުރީ ކޮން ދިމާލަކަށް ކަމެއް އަދިވެސް ސާފެއް ނުވެ އެވެ. އިދިކޮޅުން އިންތިހާބަށް ތައްޔާރު ވަމުންދާ ކަމަށް އެބޭފުޅުން ދަނީ ބުނަމުންނެވެ. ނަމަވެސް އެކަމަށް މާބޮޑު ކަންތައްތަކެއް ކުރަމުންދާ ކަމުގެ އެއްވެސް ހެއްކެއް ފެނިގެން ނުދެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެއް ކެނޑިޑޭޓެއް އިދިކޮޅުން ނެރުމަށް މީގެ ކުރިން ގޮވާލާފަ އެވެ. އެކަމަށް ބައިއަތު ހިފައިގެން އިދިކޮޅުން މަސައްކަތްތަކެއްވެސް ފެށި އެވެ. އެގޮތުން އެއް ކެނޑިޑޭޓެއްގެ މަޝްވަރާއަށް މަންދޫބުން ހޮވައި މަޝްވަރާތައްވެސް ފެށިއެވެ. އެކެއް ފެބްރުއަރީގެ އަމުރަށްފަހު އެކަންވެސް ވީނުވީއެއް ނޭންގުނެވެ. އެކަންވެސް އޮތީ ކޮން ހިސާބަކު ކަމެއް ނޭންގެ އެވެ.

އިދިކޮޅު ކޯލިޝަންއިން ބޭއްވި ހަރުގެ އިހްތިޖާޖުގެ ތެރެއިން:- އަހުމަދު ޝުރާއު | އަވަސް

ދެން ދައްކަން ޖެހޭ އަނެއްް ވާހަކައަކީ ކެނޑިޑޭޓެއް މިހާދުވަސްވީ އިރުވެސް އިދިކޮޅަށް ދެއްކިފައި ނުވާ ކަމެވެ. އިންތިހާބަށް ފަސް މަސް ދުވަސްވީ އިރު ރައްޔިތުން ވޯޓް ދޭނެ މީހަކު ދެއްކިފައި ނުވުމަކީ އިދިކޮޅު ސަޕޯޓަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ބުނީ އިދިކޮޅު ޕާޓީތަކުން ނެރޭ ކެންޑިޑޭޓް "ވަގުތާއި ހާލަތު އައުމުން ފެންނާނެ" ކަމަށެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓް އަޅުގަނޑުމެންނަށް އެބަ ފެނޭ. އަޅުގަނޑުމެންގެ ކެންޑިޑޭޓް ހުރީ ތައްޔާރަށް. އަޅުގަނޑުމެންގެ ކެންޑިޑޭޓް ހުރީ ޖަލުގެ ކުޑަގޮޅީގައިތޯ. ދުނިޔޭގެ ގައުމެއްގަތޯ. އަޅުގަނޑުމެންގެ ކެންޑިޑޭޓް ހުރީ ދިވެހި ރާއްޖޭގަތޯ އެއީ މިވަގުތު އަޅުގަނޑުމެން ބަލަން ބޭނުންވާ ކަމެއް ނޫން،" ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވި އެވެ.

ސަމީރު -- ފައިލް ފޮޓޯ | އަވަސް

އެބުނާ ކެނޑިޑޭޓެއް ދައްކަނީ ކޮން ދުވަހަކުން ހެއްޔެވެ؟ އިންތިހާބު ބޯމަތިވީމަ ހެއްޔެވެ؟ ރައީސް ޔާމީނާއި ވާދަކޮށްލެވޭ ވަރުގެ ކެނޑިޑޭޓެއް ނެރޭނެ ކަމަށް އިދިކޮޅުން އަބަދުވެސް ބުނެ އެވެ. ނަމަވެސް އެ ކެނޑިޑޭޓް ފެންނާނެ ދުވަހަކަށް ރައްޔިތުން ތިބީ ކެއްމަދުވެފަ އެވެ.

ކެނޑިޑޭޓް ވާހަކަ ދައްކާއިރު ދެން އިދިކޮޅުން ދައްކަމުން ގެންދާ ވާހަކައަކީ އެއް ކެނޑިޑޭޓެއް ނުނެރެވިއްޖެ ނަމަ ވާނެ ގޮތެވެ. އެއް ކެނޑިޑޭޓެއް ނުނެރެވިއްޖެ ވނަމަ ވަކިވަކި ކެނޑިޑޭޓުން ނެރެންވެސް ތިބީ ތައްޔާރަށެވެ. އިދިކޮޅުގެ ވާހަކަތައް ހުރި ގޮތުން ނެރޭނެ ކެނޑިޑޭޓެއް މިހާރުވެސް ނިންމާފައިވީ ނަމަވެސް އިދިކޮޅުގެ މަސައްކަތްތައް ހުރި ގޮތުން އެކަމާމެދުވެސް ޝައްކު އުފެދެ އެވެ.

އެގޮތަށް ބުނަން މިޖެހެނީ މެނިފެސްޓޯގެ ވާހަކަތައް އިދިކޮޅުގައި ދެކެވެން ފެށުމުން ނެވެ. އިދިކޮޅުގެ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީން އެޕާޓީގެ މެނިފެސްޓޯ އެކުލަވާލަން ފަށާފައިވާ ކަމަށް ބުނުމުންނެވެ. އެގޮތުން އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭނެ ކަންކަން ކުރީގެ ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ، އަދި ޖުމްހޫރީ ޕާޓީންވެސް ވަނީ އެޕާޓީގެ މެނިފެސްޓޯ ހެދުމުގެ މަސައްކަތް ފަށާފައިވާކަން އިއުލާން ކޮށްފަ އެވެ. ދެން އޮތް ސުވާލަކީ އެއް ކެނޑިޑޭޓެއް ނެރެން ތައްޔާރުވެފައިވާ އިރު އިދިކޮޅު އިއްތިހާދުގެ މެނިފެސްޓޯ ތައްޔާރުކުރަން ފަށައިފި ހެއްޔެވެ؟ އެކަން ދިޔައީ ކިހާ ހިސާބަކަށް ހެއްޔެވެ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމާއި ކުރީގެ ރައިސް މުހައްމަދު ނަޝީދު - ފޮޓޯ: ހަވީރު

މެނިފެސްޓޯގެ ކަންކަން ކުރިއަށް ދިޔަ ނަމަވެސް އިދިކޮޅު ކޯލިޝަނުން އިންތިހާބަށް މާބޮޑު މަސައްކަތްތަކެއް ކުރެވެމުންދާ މަންޒަރެއް ނުއެއް ފެނެ އެވެ. ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އިދިކޮޅުން ހަރުގެ ދޮށަށް އެއްވެ އިހުތިޖާޖް ކުރުން ނޫން ކަމެއް ކުރާތަނެއް ނުފެނެ އެވެ. ޖަލްސާއެއް ބާއްވައި އިންތިިހާބަށް ތައްޔާރުވަމުންދާ ކަމުގެ މާބޮޑު އިޝާރާތެއްވެސް ދޭތަނެއް ނުފެނެ އެވެ. އެކަމާ ގުޅިގެން އިދިކޮޅު ސަޕޯޓަރުންގެ ކަންބޮޑުވުންތައްވެސް އިންތިހާއަށް އެބަހުއްޓެވެ.

ރާއްޖެ ދެކިފައިނުވާ ވަރުގެ ބޮޑު އަދި އެންމެ ފޯރި ގަދަ އިންތިހާބު މިއަހަރު އޮންނާނެ ކަމަށް އިދިކޮޅުންވެސް އަދި ސަރުކާރުންވެސް ބުނަމުންދާއިރު އަދި އިންތިހާބަށް ދެފަރާތުންވެސް މާބޮޑު މަސައްކަތްތަކެއް ކުރަމުންދާތަން ފެނިގެނެއް ނުދެ އެވެ. ސަރުކާރުން ބުނަމުންދަނީ ރާއްޖެއަށް ރައީސް ޔާމީން ގެންނަ ތަރައްގީގެ ސަބަބުން ކެމްޕޭނު ނުކޮށްވެސް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.ކެމްޕޭނު މާ ފޯރީގައި ކުރިއަށް ނުގެންދަނީ އެހާވެސް ޔަގީންކަން އޮތީމަ ކަމަށް ވެދާނެ އެވެ. އިދިކޮޅުގެ މަސައްކަތްތައް ހުރި ގޮތުން މިއަހަރުގެ އިންތިހާބަށް ތައްޔާރުވާހެން ހީވެސް ނުވެ އެވެ. ސަރުކާރު ބަދަލު ކުރާވާހަކަ ހަރު އަޑުން ގޮވާއިރު އެކަމަށް އޮންނަ އިންތިހާބު ކާމިޔާބު ކުރަން އިދިކޮޅުގެ ހަރަކާތްތައް އަދި މި ފެންނަނީ ލޮނުމަޑުކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
  • ޔާމީން

    ކޮން ފޯރި އެއް ހުންނާނީ.. ކުރިމަތި ލަނީ ޔާމީނު އެކަނި ހޮވަނީ އެއްމެ ރައީސެއް ވިއްޔާ..

    5
    1
    CLOSE
  • ޒާ

    ފޯރިއެއް ނުހުންނާނެއްނު އެންމެން ޖަލަންފާ ހުރީމަކާ

    4
    2
    CLOSE
  • ސައީދުބެ

    އެންމެނާގާބިލް އެންމެތާއީދުކުޑަރައީސް ،ވެރިކަންކުރަނީ ގިނަރައްޔިތުންނާއި ލީޑަރުން ޖަލުގަބައިތިއްބައިގެން.ކުރީގެރައީސުން ރައިސްކަންކުރީއެންމެންމިނިވަންކަމާއެކުދޫކޮއްލައިފަބައިތިއްބައިގެން

    5
    5
    CLOSE
  • އަލީ

    ހަހާ ނައިސް ޓްރައި. އިދިކޮޅުގެ ވާހަކައެއް ތިވެރިންނަކަށް ނުލިބޭނެ.

    6
    3
    CLOSE
  • އަލީ ވަހީދު

    ދޮންކަލޯ ތިއީ ހީވާ ގޮތް . ކަލޯ ނިިކަން އާދެބަލަ ލަންޑަނަށް ބައިވަރު ލާރިވެސް އެބަ ހުރި. މިތަނުގަ މި ހުރިހާ ކަމެއް މި އޮތީ

    7
    CLOSE
  • އާލިމް

    އަފާފް މި ހެޑިންގ ކިޔާލީމަ ހިވާނީ ޤައުމު ހަލަބޮލި ނުވެގެން ލިޔެފައޮތް ލިތުމެއްހެން މީތީ ގޯހޭ، އިންތހާބަކީ ވޯޓުލުން، ހަމަ ނުޖެހުން ހިންގުމެއް ނޫން ދެއްތޯ، މި ކޮމެންޓް ޕަންލިޝްކޮށްލާތި، ހިޔާލަކީ ތަފާތު އެއްޗެއް

    9
    1
    CLOSE

ފަހުގެ ޚަބަރު