ނަސްލީ ތަފާތުކުރުމަކީ ފެށުނީއްސުރެ ހޮލީވުޑްގައި އާންމުކަމެކެވެ. ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް ހޮލީވުޑްގައި އެތަށް ކެމްޕެއިންތަކެއް ހިންގަމުން އަންނައިރުވެސް އަދިވެސް މި ތަފާތުކުރުންތައް ހުއްޓިފައެއް ނުވެ އެވެ. މަޝްހޫރު ގްލޯބަލް އައިކަން ޕްރިޔަންކާ ޗޯޕްރާއަށް މިވީ ގޮތުންވެސް އެކަން އެބަ ހާމަވެ އެވެ.
ހަމުގެ ކުލައިގެ ސަބަބުން ހޮލީވުޑް ފިލްމެއް ނުލިބުނުކަން ޕްރިޔަންކާ މިހާރު ވަނީ ހާމަކޮށްފަ އެވެ. ކުރީގެ މިސް ވޯލްޑް ޕްރިޔަންކާ މި ވާހަކަތައް ހިއްސާކުރީ އިންސްޓައިލް މެގަޒިންއަށް ދިން އިންޓަވިއުއެއްގަ އެވެ. އެ އިންޓަވިއުގައި ހޮލީވުޑްގައި އޭނާއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ބެހޭގޮތުން ސުވާލުކޮށްފައިވެ އެވެ.
މިދިޔަ އަހަރު ތެރޭގައި ހިނގި ކަމަކާއި ބެހޭގޮތުން ވާހަކަދައްކަމުން ޕްރިޔަންކާ ބުނީ، "ފިލްމެއް ބަލަން ބޭރަށް ގޮއްސަ އުޅެނިކޮށް ގުޅީ (އެ ފިލްމު އުފައްދަ ސްޓޫޑިއޯ އިން) އަހަރެންގެ އޭޖެންޓަކަށް. ގުޅާފަ ބުނީ އަހަރެންގެ ހަށިގަނޑުގައި ނެތޭ އެ ފިލްމު ގުޅުމުގެ ގާބިލުކަމެއް." އެވެ.
އެ ވަގުތު ފުރަތަމަ ޕްރިޔަންކާ ހީކުރީ އެ ސްޓޫޑިއޯ އިން އެ ބުނީ އޭނާ އެ ފިލްމު ކުޅޭނަމަ ހުންނަންޖެހޭ ބަރުދަން ގައިގައި ނެތުމުން ބުނި އެއްޗެއް ކަމަށެވެ.
"އެކްޓަރެއްގެ ހައިސިއްޔަތުން އަހަރެންގެ އަމިއްލަ ނަފްސުގެ ދިފާއުގައި އަހަންނަ ދެން ބުނެވުނީ، 'އަހަރެން ހިކެން ޖެހޭ ހެެއްޔެވެ؟ 'ބަރުދަން ލުއިކުރަންޖެހޭ ހެއްޔެވެ؟ ހަށިގަނޑުގެ ޝޭޕަށް ބަދަލު ގެންނަން ޖެހޭ ހެއްޔެވެ؟ އެމީހުން އެ ބުނާ ބަހުގެ މާނައަކީ ކޮބާ ހެއްޔެވެ؟" ޕްރިޔަންކާ ބުންޏެވެ. "ދެން އަހަރެންގެ އޭޖެންޓު ބުނެދިނީ އެ މީހުން އެ މާނަކުރީ އަހަރެންގެ ހަމުގެ ކުލަ ކަމުނުދާކަމުގެ ވާހަކަ ކަމަށް. ވަރަށް ދެރަވި އެ ވާހަކަ އަޑުއިވިފަ."
އެމެރިކަން ޓީވީ ސީރީޒް "ކުއެންޓިކޯ" ގެ ލީޑުން ފެނިގެންދާ ބަތަލާ ޕްރިޔަންކާއަކީ އެމެރިކާގެ ޓީވީ ސީރީޒެއްގައި ބޮޑު ރޯލެއް ކުޅެން ލިބުނު ފުރަތަމަ ދެކުނު އޭޝިއާގެ ބަތަލާ އެވެ.
މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ޕްރިޔަންކާ ވަނީ މަޝްހޫރު ގިނަ މެގަޒިންތަކެއްގެ ކަވާއަށް އަރާފަ އެވެ. މީގެ އިތުރުން ހޮލީވުޑްގެ އެންމެ ބޮޑެތި ހަފްލާތައް ކަމަށްވާ އޮސްކާސް، އެމީސް އަދި ގޯލްޑެން ގްލޯބްސްގައިވެސް ފެނިގެންދިޔަ އެވެ.
ޕްރިޔަންކާ އެންމެ ފުރަތަމަ ހޮލީވުޑް ފިލްމަކުން ފެނިގެންދިޔައީ 2017 ވަނަ އަހަރު، ފިލްމު "ބޭވޮޗް" އިންނެވެ.