ކުޅިވަރު

އެއީ ޕެނަލްޓީއެއްތަ؟

ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލު ދެ ވަނަ ލެގް މެޗުގައި، ޔުވެންޓަސްއިން އެގްރިގޭޓް ނަތީޖާ ހަމަހަމަ ކޮށްފައި ވަނިކޮށް، މެޗުގެ ރެފްރީ މައިކަލް އޮލިވާ ވަނީ، ރެއާލް މެޑްރިޑަށް ޕެނަލްޓީއެއް ދީފަ އެވެ.

ރެއާލްގެ ލޫކަސް ވަޒްކްއޭޒްއަށް ލިބުނު ފުރުސަތެއްގައި އޭނާ ބޯޅަ ޖަހަޖަހާ އޮއްވައި، ޔުވެންޓަސްގެ ޑިފެންޑަރު މަހްދީ ބެނާޓިއާ ވަނީ ވަޒްކްއޭޒްގެ ފަހަތުން އޭނާ އަށް ޗާޖު ކޮށްފަ އެވެ. ރެފްރީ ފުރަތަމަވެސް ނިންމީ ޕެނަލްޓީއެއް ކަމަށެވެ. ވަގުތުން މައްސަލަ ހޫނުވެ، ޔުވެންޓަސްގެ ކުޅުންތެރިން އެކަމާ ކަންބޮޑުވުން ފާޅު ކުރި އެވެ. ޔުވެންޓަސްގެ ކެޕްޓަން އަދި ގޯލްކީޕަރު ޖިއާންލުއީޖީ ބުފޮން ހިތްހަމަ ނުޖެހި ރެފްރީއާ މެދު ކަންތައް ކުރިގޮތުން، ރެފްރީ ވަނީ ބުފޮން އަށް ވަގުތުން ރަތް ކާޑު ދައްކާފަ އެވެ.

ޔުވެންޓަސްގެ ކުޅުންތެރިން އާގިއު ކުރީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ. ރެއާލް މެޑްރިޑްގެ ކުޅުންތެރިން ބުނީ ޕެނަލްޓީއެއް ދޭން ޖެހޭނެ ކަމަށެވެ. އަދި ވަޒްކްއޭޒްއަށް ބެނީޓާ ފަހަތުން ޗާޖު ނުކުރިނަމަ އޭނާއަށް ގޯލްޖެހުމުގެ ފުރުސަތު އޮތީސް ކަމަށެވެ. ޕެނަލްޓީ ދިނުމުން ޔުވެންޓަސްގެ ކުޅުންތެރިންނަށް އެކަންވީ ބޭއިންސާފަކަށެވެ. ރެއާލް މެޑްރިޑްގެ ކުޅުންތެރިން ބުނީ ޕެނަލްޓީ ނުދިންނަމަ އެއީ ރެއާލް މެޑްރިޑާ މެދު ބޭއިންސާފު ވުން ކަމަށެވެ.

ޕެނަލްޓީއެއް، ޕެނަލްޓީއެއް ނޫން

ޕެނަލްޓީ ދިން ސަބަބު ހިނގީ، ބެނާޓިއާ އާއި ވަޒްކްއޭޒްއާ ދެމެދުގަ އެވެ. އެ ދެ ކުޅުންތެރިން ވާހަކަ ދައްކަނީ ދެ ކުޅުންތެރިންގެ ކޮޅު ދިފާއު ކޮށެވެ. ބެނޭޓިއާ ބުނަނީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

"ވަޒްކްއޭޒްގެ ވަށައިގެން އަހަރެން ދިޔައީ ބޯޅައަށް، އޭނާ ހަމަ ވެއްޓުނީ، އެއީ އެ ވަގުތު އޭނާ ކުރާނެ އެހެން ކަމެއް ނެތް، ކަލޭމެންނަށް ފެންނާނެ އަހަރެންގެ ފައިގައި ޖެހިފައި ބޯޅަ ބައުންސް ވެގެން ގޮސް މިސްރާބު ބަދަލުވިތަން، އެކަމަށް ޕެނަލްޓީއެއް ދިނުމަކީ އެބިއުސް ކުރަން ކަހަލަ ކަމެއް،" ޑިފެންޑަރު ބުންޏެވެ. "މިހާލަތުގައި ވިކްޓިމްސް އަކީ އަހަރެމެން."

ވަޒްކްއޭޒްގެ ވާހަކަ މުޅިން ތަފާތެވެ. އޭނާ ބުނަނީ އެއީ ޕެނަލްޓީއެއް ކަމަށެވެ.

"އާނ، އެއީ ހަމަ ޕެނަލްޓީއެއް،" ވިންގާ ބުންޏެވެ. "އަހަރެން ބޯޅައިގައި ޖަހަން އެރި ވަގުތު ސެންޓާ ބެކް [ބެނާޓިއާ] އަހަރެންގެ ފަހަތުން އައިސް އަހަރެންގެ ގައިގައި ޖެހިގަތް އަހަރެން ތިރިއަށް ދުވާއްލި."

"އެކަމާ އެއްވެސް ވާހަކައެއް ދެއްކެން ނޯންނާނެ، ނަމަވެސް އެއީ އާންމު ކަމެއް، މެޗުގެ އެންމެެ ފަހު މިނެޓްގައި ޕެނަލްޓީއެއް ދިނުމުން އިދިކޮޅު ޓީމު ޝަކުވާ ކުރާނެ."