ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖެއަށް ފުރުސަތު ނެތް

މިއަހަރު ސެޕްޓެމްބަރު މަހު ބަންގުލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ފަހު ދެން އޮންނަ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް ޕާކިސްތާނުގައި ބާއްވަން، ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑްރޭޝަނުން ނިންމައިފި އެވެ.

މި އަހަރަށް ފަހު ސާފް ޗެމްޕިއަންޝިޕް ދެން އޮންނާނީ، 2020 ވަނަ އަހަރު އެވެ. ޕާކިސްތާންގެ ފުޓްބޯޅަ ފެޑްރޭޝަންގެ އޮފިޝަލަކު އެގައުމުގެ މީޑިއާތަކަށް މައުލޫމަތު ދެމުން ބުނެފައި ވަނީ 2020 ގެ ސާފް ޗެމްޕިއަންޝިޕް ޕާކިސްތާންގައި ބާއްވަން ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑްރޭޝަނުން ނިންމާފައިވާ ކަމަށެވެ.

އެންމެ ފަހުން އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ފަހު، ދެން އޮންނަ ސާފް ޗެމްޕިއަންޝިޕެއް ރާއްޖޭގައި ބާއްވުމުގެ ފުރުސަތު ބޮޑު ކަމަށް ކަމަށް، ސަރަހައްދުގެ މީޑިއާތަކުންވެސް ރިޕޯޓް ކުރި އެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ސާފް ބައްދަލުވުމުގައި، ނިންމާފައި ވަނީ ބަންގުލަދޭޝްގައި ބޭއްވުމަށެވެ. ތުރުތީބު ވަމުން އަންނަ ގޮތުންނަމަ ސާފް ޗެމްޕިއަންޝިޕް ބާއްވަން ފުރުސަތު ލިބެން ޖެހޭނީ ރާއްޖެ އަށެވެ.

އޭރު ސާފް ޗެމްޕިއަންޝިޕް ބާއްވަން ހަމަޖައްސާފައި ވަނީ، މިދިޔަ އަހަރު އެވެ. ނަމަވެސް މިދިޔަ އަހަރު އިންޑިއާގައި ބޭއްވި 17 އަހަރުން ދަށުގެ ވޯލްޑްކަޕަށް އެގައުމު ތައްޔާރު ވާތީ، އިންޑިއާގެ ލީގް މެދުކަނޑާލަން ޖެހުމުން އެ ގައުމުގެ އެދުމުގެ މަތިން ސާފް ޗެމްޕިއަންޝިޕް މި އަހަރު ސެޕްޓެމްބަރު މަހަށް ފަސް ކުރީ އެވެ. ސާފް ޗެމްޕިއަންޝިޕް ބަންގުލަދޭޝްގައި ބޭއްވުމަށް، 2015 ގެ ސާފް ޗެމްޕިއަންޝިޕް އޮގަނައިޒް ކުރި ވޯލްޑް ސްޕޯޓްސް ގުރޫޕް (ޑަބްލިއުއެސްޖީ) ން ވަރަށް ބޮޑަށް ބޭނުން ވިއެވެ.

ބަންގުލަދޭޝްގެ ފަހުން، ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް، ރާއްޖެއަށް މިފަހަރުވެސް ފުރުސަތެއް ނުލިބުނެވެ.

ސާފްގެ ބައްދަލުވުމުގައި ވަނީ އަންނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމަޔަށް، ސާފްގެ ތިން މުބާރާތެއް ބޭއްވުމުގެ ފުރުސަތު ޕާކިސްތާނަށް ދިނުމަށް ނިންމާފަ އެވެ. އެއީ 2019 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށުގެ ފިރިހެން މުބާރާތް، 2020 ސާފް ޗެމްޕިއަންޝިޕް، 2021 ގައި 19 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕެވެ.

ޕާކިސްތާންގެ ފުޓްބޯޅަ ފެޑްރޭޝަންގެ މައްޗަށް، ޕާކިސްތާންގެ ކޯޓުން ހުކުމުތަކެއް ކުރުމުން، ފީފާއިން، ޕާކިސްތާން ފުޓްބޯޅަ ސަސްޕެންޑް ކުރި އެވެ. މައްސަލަ ހައްލު ކުރުމުން ފީފާގެ ސަސްޕެންޝަން އުވާލިތާ އަދި މީވީ ގަތްގަނޑަކަށް މަހެއްހާ ދުވަހެވެ.

"ވަރަށް ދަތި ހާލުގައި ޕާކިސްތާންގެ ފުޓްބޯޅަ އޮތް ދުވަސްތައް މިހާރު މި ވަނީ ނިމުމަކަށް އައިސްފައި." ސާފްގެ ނިންމުުމާ ގުޅިގެން ޕާކިސްތާންގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް ފައިސަލް ސާލިހް ހައްޔާތު ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ޕާކިސްތާންގެ ހާދިމް އަލީ ޝާހް ވަނީ، ސާފްގެ ނައިބުރައިސް ކަމަށްވެސް އިންތިހާބު ކޮށްފަ އެވެ.