ހަބަރު

ނަދީމް، ފާރިސް އަދި މައުމޫންގެ ބަންދުގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް، ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހަޅައިފި އެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު، މައުމޫނާއި ފާރިސް އާއި ނަދީމް ހައްޔަރު ކޮށްފައިވަނީ ރައީސް އަބުދުﷲ އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ނެވެ.

ޕީޖީން ރައީސް މައުމޫންގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެގޮތުން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އެވެ. އޭގެ އިތުރުން އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އަދި ފާރިސް އާއި ނަދީމް ބަންދުކޮށްފައިވަނީ އެދެބޭފުޅުންގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެންނެވެ.

ފާރިސް އާއި މައުމޫންގެ ބަންދުގެ މައްސަލަ އެބޭފުޅުންގެ ވަކީލުންގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ. އަދި ނަދީމްގެ ބަންދުގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެ ތިން ބޭފުޅުންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ޝަމީލް ވިދާޅުވީ، އެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހެޅުމުން އެކަމުގެ ހުރިހާ ލިޔެ ކިޔުމެއް ކުރިމިނަލް ކޯޓުން މިހާރު ހައިކޯޓަށް ފޮނުވާފައިވާ ކަަމަށެވެ. އެމައްސަލަ ބަލައިގެންފައިވާ ކަން އަދި އެނގިފައިނުވާ ކަމަށެވެ.

މައުމޫނާއި ފާރިސް އަދި ނަދީމްގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ފަރާތްތަކަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.