ކުޅިވަރު

ގައުމީ ޓީމަށް ކުޅެން ޗުއްޓީދޭން އަމިއްލަ ކުންފުނިތަކަށް ވެސް ލާޒިމްކޮށްފި

ގައުމީ ޓީމުގެ ކުޅުންތެރިން ތެރެއިން ވަޒީފާގައި އުޅޭ ކުޅުންތެރިން، ވަޒީފާއިން ވީއްލުމުގެ އިންތިޒާމު އަމިއްލަ ކުންފުނިތަކުންވެސް ހަމަޖެއްސުން ލާޒިމުވާ ގޮތަށް ގަވާއިދު އެކުލަވާލައިފި އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިން ވަޒީފާއިން ވީއްލުމަށް 2015 ވަނަ އަހަރު ފާސްކުރި ކުޅިވަރު ގާނޫނުގެ ދަށުންންވެސް ލާޒިމު ކުރެ އެވެ. ކުޅުންތެރިން ދޫކުރަން ޖެހުމުގެ ޝަކުވާ އެންމެ ބޮޑަށް އުފުލަނީ އަމިއްލަ އޮފީސްތަކުންނާއި ކުންފުނި ތަކުންނެވެ. މިހާރު ގެޒެޓްކޮށްފައިވާ ގަވާއިދުގެ ދަށުން އަމިއްލަ ކުންފުނިތަކަށް ލުއި ވާނެ ގޮތްތަކަކަށް ވަނީ ގަވާއިދު އެކުލަވާލާފަ އެވެ.

"މީގެ ކުރިން އޮންނަ ޝަކުވާ ތަކަކީ ވަޒީފާގައި އުޅޭ ކުޅުންތެރިން ކުއްލިއަކަށް ދޫކުރަން ޖެހުމުން ކުންފުނިތަކަށް އުނދަގޫވާ ވާހަކަ، އެހެންވެ އެ މީހެއްގެ ޑިޕާޓްމެންޓްގެ ދަށުން ކުރަމުން ދާ މަސައްކަތް އެހެން ފަރާތަކާ ހަވާލު ކުރަން ޖެހުމަކީވެސް ކުންފުނިތަކަށް އުނދަގޫވާ ކަމެއްގެ ގޮތުގައި އޮންނަނީ، އެ ޝަކުވާތައް އަޅުގަނޑުމެންނާ ހަމަޔަށް އާދޭ،" ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

"މިހާރު މި ގަވާއިދުގެ ދަށުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ލާޒިމު ވާނެ ކަމެއް އެ ކުޅުންތެރިޔަކު އެ އަހަރު ކުޅެން އޮންނަ މުބާރާތުގެ މައުލޫމާތު ސްޕޯޓްސް ކޮމިޝަނަށް ފޮނުވައިގެން ވަޒީފާ އަދާ ކުރާ އޮފީހަކަށްވެސް އެކަން އެންގުން، ދުރާލައި އެގޮތަށް އެންގީމަ ކުންފުނިތަކަށް އަދި އޮފީސްތަކަށްވެސް ފަސޭހަ ވާނެ، އެކުޅުންތެރިން ދޫކުރުމުގެ އިންތިޒާމުތައް ހަމަޖައްސަން، އަދި އެ ކުޅުންތެރިޔަކު ވަޒީފާގެ ގޮތުން ކުރަމުންދާ މަސައްކަތަށް ބުރު ނާރާނެ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް ވަގުތު ލިބޭނެ."

މި ގަވާއިދުގެ ދަށުން ސްޕޯޓްސް ކޮމިޝަންގެ ދައުރު ބޮޑެވެ އެވެ. ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަޒީފާތަކުން ދޫކުރުމަށް އެންގުމުގެ ބާރު ސްޕޯޓްސް ކޮމިޝަނަރަށް ލިބިގެންވެއެވެ. ނަމަވެސް އޭގެ ކުރިން ސްޕޯޓްސް ކޮމިޝަނަރުން ފުރިހަމަ ކުރަން ޖެހޭ ކަންކަމެއްވެސް ގަވާއިދުގައި ބުނެފައި އެވެ.

މި ގަވާއިދުގެ ދަށުން، ބައިނަލްއަގްވާމީ މުބާރާތެއްގައި ތަމްސީލު ކުރާ ދިވެހި ކުޅިވަރު ކުލަބުގެ މެޗުތަކަށާއި ފަރިތަ ކުރުންތަކަށް ކުޅުންތެރިން ދޫކުރުމަށްވެސް އޮފީސްތަކާއި ކުންފުނިތަކަށް ލާޒިމު ކޮށްފައި ވެއެވެ.