ހަބަރު

މާލޭގެ ގަސްތައް ކަނޑާތީ ސިޓީ ކައުންސިލުން ކަންބޮޑުވެއްޖެ

ރިންގްރޯޑް މަޝްރޫއުގެ ދަށުން ހަދާ މަގުތަކުގައި ހުރި ގަސްތަކާއި ރުއްތައް ކަނޑާތީވެ މާލޭ ސިޓީ އަކުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސިޓީ އަކުންސިލް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު މެންބަރު ޝަމާއު ޝަރީފް ވިދާޅުވީ، ގާނޫނުތައް ހެދިފައިވާ ގޮތުން ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި ރައްޔިތުންގެ ބަހެއް ހޯދަން ޖެހޭނެ ކަމަށާއި ނަމަވެސް ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގައި ރައްޔިތުންގެ އެއްވެސް ބަހެއް ނުހޯދާ ކުރިއަށް ގެންދާ ކަމަށެވެ. އަދި އެކަން ލާމަރުކަޒީގެ ގާނޫނުގެ ދަށުން މަތިކޮށްފައިވަނީ ސިޓީ ކައުންސިލަށް ކަމަށާއި ނަމަވެސް މިވީހާތަނަށް މާލޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އެއްވެސް މަޝްވަރާއެއް ސަރުކާރުން ސިޓީ ކައުންސިލާއި ކޮށްފައިނުވާ ކަމަށް ޝަމާއު ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ ހިޔާލު ނުހޯދައި މިގޮތަށް ކަންކަން ކުރުމުގެ ނަތީޖާ އަކީ ދެމެހެއްޓެނިވި ގޮތެއްގައި މަޝްރޫއުތައް ކުރިއަށް ނުގެންދެވުން ކަމަށެވެ.

"މި ހިނގައިގެން އުޅޭ މައްސަލަ އަކީ ރިންގްރޯޑް މަޝްރޫއު މަސައްކަތް، ޖުމްލަ ގޮތެއްގައި މުޅި ކައުންސިލްގެ ހުރިހާ ކައުންސިލްގެ ބޭފުޅުންވެސް އިއްތިފާގުވީ މިއީ ރަނގަޅު މަޝްރޫއެއް ކަމަށް، އެހެން ނަމަވެސް މިފަދަ މަޝްރޫއުތައް ހިންގާ އިރުގައި އެކަމާގުޅިގެން ފުރިހަމަ ކުރަަން ޖެހޭ އިޖުރާތްތައް ފުރިހަމަ ކުރަން ޖެހޭނެކަން،"

ޝަމާއު ވިދާޅުވީ، ރިންގް ރޯޑް މަޝްރޫއާ ގުޅިގެން އެކިއެކި ފަރާތްތަކާއި ބައްދަލުކޮށް އެެއްކުރި މައުލޫމާތުން އެނގިފައިވާ ގޮތުގައި ތިމާވެއްޓާ ގުޅޭގޮތުން ހަދަން ޖެހޭ އީއައިއޭ ރިޕޯޓް ހައްދަވާފައިނުވާ ކަމަށާއި އީއައިއޭއަށް އެއްވެސް ވަރަކަށް އެކަމުގެ މައުލޫމާތު ހުށަހަޅާފައިވެސް ނުވާ ކަމަށެވެ. އަދި ވިދާޅުވީ، އެކަމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ބައްދަލު ކުރުމަށް ސިޓީވެސް ފޮނުވާފައިވާ ކަމަށާއި

"އީޕީއޭ އެންވަޔަރުމަންޓް މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީއަށް ވާނީ މިހާރު ސިޓީ ފޮނުވާފައި، އެންމެ ކަންބޮޑުވާ މައްސަލައަކީ ތަރައްގީގެ ނަމުގައި މާލޭގެ އެކި ސަރަހައްދުތަކުގައި އެތައް ޒަމާނެއްވެފައި ހުރި ބިޔަ ބޮޑެތި ގަސްތައް ކަނޑަމުންދާ މައްސަލަ، ވޭތުވެދިޔަ ހަތަރު އަހަރަށް ބަލާއިރުގައި މާލޭގައި އެތައްޒަމާނެއް ވަންދެން ހުރި ބޮޑެތި ގަސްތަކެއް މިހާރު ނެތް، ރިންގްރޯޑް މަޝްރޫއުގެ ދަށުން މާލެ ވަށާ ހުރި ހުރިހާ ބޮޑެތި ގަސްތަކެއް މިވަނީ ކަނޑާ ހުސްކޮށްފަ، މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް،" ޝަމާއު ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވީ، މާލޭގައި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީވެ ގަސްތައް މިވަނީ ވަރަށް ބޮޑަށް މަދުވެފައި ކަމަށާއި ނަމަވެސް ދުނިޔޭގައި ކަންކުރަނީ މިގޮތަކަށް ނޫން ކަމަށެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން މަސައްކަތް ކުރަމުންދަނީ ސިޓީތައް ފެހި ކުރުމުގެ މަސައްކަތްކަމަށާއި ނަމަވެސް ރާއްޖެއިން މިފެނިގެން ދަނީ ގަސްތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"ގަހަކީ ވަރަށް މުހިންމު އެއްޗެއް، މިކަހަލަ ގިނަ ވެހިކަލްތައް ދުއްވާ މާގިނަ ފެހިކަމެއްނެތް ސިޓިއަކަށް ވަރަށް މުހިންމު އެއްޗެއް، މިކަން ވަރަށް ބޮޑަށް ކުށްވެރިކުރަން، ކަމާބެހޭ ހުރިހާ އިދާރާތަކަށްވެސް ގޮވާލަން މިހާރުން މިހާރަށްވެސް މި މަސައްކަތް ކުރިއަށް ގެންދާއިރުގައި އެންމެ ރައްކާތެރި ގޮތަކީ ކޮބައިކަން ދެނެގަނެ ގަސްތަކަށް ގެއްލުން ނުލިބޭނެހެން އެކިއެކި މަޝްރޫއުތައް ހިންގުމަށް ގޮވާލަން،" ޝަމާއު ވިދާޅުވި އެވެ.

ރިންގްރޯޑް މަޝްރޫއާ ދަށުން އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން އެމްޓީސީސީ ފެރީ ޓާމިނަލާއި ހަމައަށް ހަދަން ނިންމާފައިވާ މަގުތަކުގައި ގާތްގަނޑަކަށް 450 ގަސް ޖަހަން ވަނީ ނިންމާފައި އެވެ. ނަމަވެސް ޖަހަނީ ކޮންކަހަލަ ގަސްތަކެއް ކަމެއް ނޭންގެ އެވެ.