ހަބަރު

އާ ދެ ޕާޓީއެއް އުފައްދަން އީސީއަށް ހުށަހަޅައިފި

މުޅިން އާ ދެ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ހާމަކޮށްފި އެވެ. އެހެން ނަމަވެސް އޭގެ ތަފްސީލްތަކެއް އިލެކްޝަންސް މިއަދު އާންމެއް ނުކުރި އެވެ.

އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަނަށް އަލަށް އައްޔަން ކުރެއްވުނު ރައީސް އިބްރާހިމް ޝަރީފް ވިދާޅުވީ އާ ދެ ޕާޓީއެއް އުފެއްދުމަށް އެ ކޮމިޝަނަށް ހުށަހަޅުންތަކެއް ލިބިފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން އެއް ފަރާތައް އެ ހުއްދައެއް ދޫ ނުކުރާ ކަމަށެވެ. ނަމަވެސް އަނެއް ފަރާތުގެ ހުށަހެޅުން ބަލައިގެންފައިވާ ކަމަށާއި އެކަމާ ބެހޭ ތަފްސީލުތައް އަންނަ އާދީއްތަ ދުވަހު އާންމު ކުރާނެ ކަމަށް ޝަރީފް ބުންޏެވެ.

އާ ދެ ޕާޓީ އުފައްދަން ހުށަހެޅުން ލިބިފައިވީ ނަމަވެސް އެ ޕާޓީތައް އުފައްދަން އުޅުނީ ކޮން ފަރާތަކުން ކަމެއް އެ އީސީ އިން ހާމައެއް ނުކުރެ އެވެ. އަދި އެކަމާ ބެހޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް ވެސް އެ ކޮމިޝަނުން މިއަދު ހާމައެއް ނުކުރި އެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމަށް އީސީ އިން ހުއްދަ ދޭން އުޅޭ އިރު ރިޔާސީ އިންތިހާބަށް ބާކީ އޮތީ ފަސް ވަރަކަށް މަހެވެ. އީސީ އިން ބުނެފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އިންތިހާބު ބާއްވާނެ ކަމަށެވެ.