ހަބަރު

52 ކޮޓަރީގެ މާގިރި ހޮޓެލް ހުޅުވައިފި

ފަންސާސް ދެ ކޮޓަރީގެ މާގިރި ހޮޓެލް މިއަދު ހުޅުވައި ހިދުމަތްދޭން ފަށައިފި އެވެ.

މި ހޮޓަލަކީ ހުޅުމާލެ ފެރީޓާމިނަލް ކުރިމައްޗަށްވާ ގޮތަށް ހަދާފައިވާ ހޮޓަލެކެވެ. މިއީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އާއި ލިލީ ޝިޕިން ގުޅިގެން ހަދާފައިވާ ހޮޓަލެކެވެ.

މިއަދު ހުޅުވި މާގިރި ހޮޓެލްގައި ހަތަރު ކެޓަގަރީގެ ރޫމް ހިމެނެ އެވެ. އެގޮތުން އެގްޒެކެޓިވް ސުއީޓްގެ ހަ ރޫމާއި ޖޫނިއާ ސުއީޓްގެ ހަ ރޫމާއި ޕްރެމިއާ ވިއުގެ 20 ރޫމް އަދި ޕްރެމިއާ އޯޝަން ވިއުގެ 20 ރޫމް ހިމެނެ އެވެ. އެގޮތުން އެންމެ ދަށް އަގަކަށް ރޫމެއް އުޅެނީ ޓެކުހާލައިގެން 150 ޑޮލަރަށެވެ.

މާގިރި ހޮޓެލްގެ އިވެންޓް ކޯޑިނޭޓަރު މަލްސާ ގަފޫރް ވިދާޅުވީ، މި ހޮޓެލްގެ އެންމެ ބޮޑު ތަފާތަކީ މިތަނުން ފެންނަ ވިއު ކަމަށާއި މިވަރުގެ ވިއު އެއް ފެންނަ އެހެން ހޮޓަލެއް މާލޭގައި ނެތް ކަމަށެވެ.

މަލްސާ ވިދާޅުވީ، މިތަނުގައި ގްރައުންޑްގައި އެއް ކެފޭ އާއި ދެވަނަ ފްލޯ އަދި ޓެރެސްގައި ދެ ރެސްޓޯރެންޓެއް ހުންނާނެ ކަމަށެވެ. އެގޮތުން ކޮފީ ކާވް އަކީ 30 މީހުންގެ ޖާގައިގެ ތަނެއް ކަމަށާއި ފަރު ރެސްޓޯރަންޓްގައި 100 މީހުންގެ ޖާގައިގެ އަދި ޕީކް ރެސްޓޯރެންޓަކީވެސް 100 އަށްވުރެ ގިނަ މީހުންގެ ޖާގައިގެ ތަނެއް ކަމަށެވެ. މި ހުރިހާތަނަކީވެސް އާންމުނަށް ހުޅުވާލެވިފައިވާ ތަންތަން ކަމަށް މަލްސާ ވިދާޅުވި އެވެ.

"މީޓިން ރޫމްވެސް ހުންނާނެ ކޮންފަރެންސް ރޫމް ހުންނާނެ، ކޮފީ ކާާވް އަކީ ނޯމަލް ކޮފީއެއް ބޯލަން ހާއްސަ ނޫނީ ސޭންޑްވިޗް ކަހަލަ އެއްޗެއް ކާލަން، ދެވަނަ ފްލޯގައި ހުންނާނީ ފަރު ރެސްޓޯރެންޓް، އެއީ ބޮޑަށް އޭޝިއަން ވެސްޓާން ކުޒީން މިކްސް ކޮށްލާފަ އިންނަ ތަނެއް، ދެން ޓެރެސް އަކީ ޕީކް، ކެޝުއަލް ޑްރިންކްސް އަށް ހާއްސަ، ހުރިހާ ރެސްޓޯރެންޓްތައް ވެސް އާންމުނަށް ހުޅުވާލާފައި ހުންނާނީ،" މަލްސާ ވިދާޅުވި އެވެ.

ލިލީ ޝިޕިންގެ ޗެއާމަން މައްލާ އަހުމަދު ނާސިރު (މައްލާ ނާބެ) މީގެ ކުރިން އަވަސް އަށް ވިދާޅުވީ، މާގިރި ހޮޓާ ހަދާފައިވާ "މާގިރި" ގެ އަކީ ރާއްޖޭގެ ދެވަނަ ރަައީސް އިބްރާހިމް ނާސިރުގެ އަނބިކަނބަލުން ނަސީމާ ގެއެއް ކަމަށެވެ.

"ނަސީމާ ވިދާޅުވި ގޮތުގައި މި ގެއަކީ ފުރަތަމަ ޓޫރިސްޓުން އައިސް ތިބި ގެސްޓް ހައުސް،" ނާބެ ވިދާޅުވި އެވެ.

މާގިރި ހޮޓެލް މިއަދު ހުޅުވާފައިވާއިރު މާދަމާ ދިވެހީންނަށް ހާއްސަކޮށްގެން ފަރު ރެސްޓޯރެންޓްގައި ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. އެގޮތުން 150ރ. އަށް ބްރެފާސްޓް ލިބެން ހުންނާނެ ކަމަށާއި ބްރެކްފާސްޓް ގަޑިއަކީ ހެނދުނު ހަތަކުން 10 އަކަށް ކަމަށެވެ. އަދި 180ރ، އަށް ލަންޗް ލިބެން ހުންނާނެ ކަމަށާއި ލަންޗް ގަޑިއަކީ މެންދުރު ފަހު 1:00 އިން 3:00 އަށް ކަމަށް މަލްސާ ވިދާޅުވި އެވެ.