ކަނޑުމަތީގެ ހާދިސާ

ހާލުގައި ޖެހުނު އީރާނުގެ ބޯޓަކަށް އެމްއެންޑީއެފުން އެހީވެއްޖެ

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ހާލުގައި ޖެހިފައިވާ އީރާނުގެ މަސް ބޯޓެއް ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު މެންދުރު ފަހު 15:20 ހާއިރު ށ. ކޮމަންޑޫ "ކުރުމަސް" ނަމަކަށް ކިޔާ ކަންނެލި މަސްވެރިކަން ކުރާ ދޯންޏަކުން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓާއަށް އެ މައުލޫމާތު ދިނުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހއ. އުލިގަމާއި 17 މޭލު ބޭރުން ފެނިފައި ވަނީ ހާލުގައި ޖެހިފައިވާ އީރާނުގެ ލަކުޑި މަސް ބޯޓެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެ ބޯޓު ހާލުގައި ޖެހިފައިވަނީ ބޯޓުގެ ހުންގާނު ހަލާކުވުމުގެ ސަބަބުން ކަމަށާއި އެ ބޯޓުގައި އީރާނުގެ 6 މީހުން ތިބި އިރު ހުރިހާ އެންމެންގެވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި އެ ބޯޓު ކައިރީގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓާސެޕްޓާ ކްރާފްޓް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ބޯޓާ ގުޅޭ ކަންކަން ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށެވެ.