އީރާނުގެ ހަތް މީހުންނާއެކު އޮޔާ ދިޔަ ބޯޓަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ފުލުހުން ބުނީ އދ. މަންދޫ ބޭރުން ބޯޓެއް އޮޔާ ދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށާއި އެ މައުލޫމާތު ސިފައިންނާވެސް ހިއްސާކުރި ކަމަށެވެ.
ފުލުހުން ބުނީ މި ބޯޓު އޮޔާ ދިޔައީ އިންޖީނު ހުއްޓިގެން ކަމަށާއި މި ކަމުގައި ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށެވެ. އޮޔާ ދިޔައިރު މި ބޯޓުގައި އީރާނުގެ ހަތް ފިރިހެނަކު ތިބި ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި ބޯޓުގެ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައިނުވާއިރު މިދިޔަ މަހުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން އުޅުނު އީރާނުގެ ބޯޓެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.