ހަބަރު

ރަސްރަނީގެ މަސްތައް މަރުވީ ބަޔަކު ގަސްތުގައި ކެމިކަލް އެޅުމުން: މުއިއްޒު

ރަސްރަނި ބަގީޗާގައި ހުންނަ މަސް ފެންގަނޑުގައި ހުރި މަސްތައް މަރުވެފައި ވަނީ ބަޔަކު ގަސްތުގައި ކެމިކަލް އަޅައިގެން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މަސްފެންގަނޑުގައި ހުރި މަސްތައް މަރުވުމުން ފުރަތަމަ ހީކުރީ އެއީ އެތަން ބެލެހެއްޓުމުގެ މައްސަލައެއް ކަމަށާއި ނަމަވެސް އެ ފެންގަނޑުގެ ތެރެއަށް ބާރުގަދަ ކެމިކަލްއެއް އަޅާފައި ހުރިކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި އެއާ ދިމާލުގައި ސީސީޓީވީ ކެމެރާއެއް ހުންނާނެ ކަމަށާއި ނަމަވެސް އެ ކެމެރާ ހުރީ އަނެއް ފަރާތައް އަނބުރާލާފައި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ހިތާމަ ކުރާ ކަމެއް އެއީ، މަސްތަކަކަށް ހަމަލާއެއް ދޭން ޖެހޭ ކަމެއް މި ސަރުކާރުން ކުރީބާއެއް މި ހިތަށް އަރަނީ، އިދިކޮޅު ފަރާތްތަކުން ދެއްތޯ އެކަހަލަ ކަންކަން ކުރާނީ، އެކަމަކު އިދިކޮޅު ވިޔަސް އެއްކޮޅު ވިޔަސް ކޮންމެ މީހަކު ކުރިޔަސް މަސްފެންގަނޑެއްގައި ހުރި މަސްތައް މަރާލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ. "އަޅުގަނޑުމެން އެކްސްޕާޓެއް ގެނެސްގެން ތަކުރާރުކޮށް އެކި ކަންކަން ކުރި އިރު ވެސް މަސްތައް މަރުވެގެން ދިޔައީ، ވަރަށް ދެރަވޭ ފެނިގެން ދިޔަ މަންޒަރުތައް އެކި ގޮތްގޮތް މަސްތަކަށްވެ މަރުވެގެން ދިޔައީ،"

މުއިއްޒު ވިދާޅުވީ ބައެއް މަސްތައް ސަލާމަތްކޮށްފައިވާ ކަމަށާއި މުޅި ތަން ސާފު ކުރުމަށް ފަހު ފެންގަނޑު ވެސް ރަނގަޅުކޮށްފައިވާ ކަމަށެވެ. އަދި 24 ގަޑިއިރު ސެކިއުރިޓީ ބަލައްޓާ ތަނެއްގައި އެފަދަ ކަމެއް ހިނގައި ދިޔުމުން ފަރުވާ ކުޑަ ކުރީތޯ ބަލަމުން އަންނަ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.