ދުނިޔެ

ވައިގަދަވެ ތާޖް މަހަލްގެ މުންނާރުތަކަށް ގެއްލުންވެއްޖެ

ދުނިޔޭގެ އަޖައިބުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާގެ އާގަރާގައި ހުންނަ ތާޖް މަހަލްގެ ދެ މުންނާރަކަށް ގެއްލުންވެއްޖެ އެވެ. މި ދެ މުންނާރަށް ގެއްލުންވީ އިއްޔެ އައި ބާރުގަދަ ކޮޅިގަނޑެއްގައި ވައިގަދަވުމުގެ ސަބަބުންނެވެ. ގެއްލުންވެފައި ވަނީ ތާޖް މަހަލްއަށް ވަންނަ ދެ ގޭޓެއްގައި ހުރި ކުދި މުންނާރުތަކަށެވެ.

ބީބީސީއަށް މައުލޫމާތުދެމުން ތާޖް މަހަލް ބަލަހައްޓާއި އޮފިޝަލަކު ބުނީ، އެ ކޮޅިގަނޑުގައި 130 ކިލޯމީޓަރަށް ވައިގަދަވެ 12 ފޫޓު ހުރި އެ ދެ މުންނާރުގެ ތަނބު އިމާރާތުން ލުހުނުކަމަށެވެ. ނަމަވެސް ތާޖް މަހަލްގެ ވަށައިގެން ހުންނަ މައި ހަތަރު މުންނާރަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ބުންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ދުވާލެއްގެ މައްޗަށް 12 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރާ މި ބިނާ ވެފައި ވަނީ ދުނިޔޭގައި ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލަކަށެވެ.

އިއްޔެ ގެއްލުން ލިބުނު އެއް މުންނާރު ހުންނަނީ ރޯޔަލް ގޭޓް މަތީގަ އެވެ. އަނެއް މުންނާރު ހުންނަނީ ދެކުނު ފަރާތު ގޭޓުގަ އެވެ. ތާޖް މަހަލް ބަލަހައްޓާ ފަރާތުން މިހާރު ވަނީ ގެއްލުންވި މުންނާރުތައް އަލުން މަރާމާތްކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ތާޖް މަހަލް ބިނާކުރީ 17 ގަރުނުގައި އިންޑިއާގައި ރަސްކަންކުރި މުސްލިމު ރަސްކަލެއް ކަމަށްވާ ޝާހު ޖަހަން އެވެ. ޝާހު ޖަހަން ތާޖް މަހަލް ބިނާކުރީ އޭނާގެ އެންމެ ލޯބިވާ އަނބިކަނބަލުން އަދި ރާނީ މުމްތާޒް މަހަލްގެ ހަނދާނުގަ އެވެ.

އާގަރާގެ ޖައްވު ނުސާފުވުމާއި ތާޖް މަހަލްގެ ބިނާ ހިމެނޭ ސަރަހައްދުގައި އެކި ކަހަލަ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުމާއި ގުޅިގެން އިމާރާތައް މިހާރުވެސް ގިނަ ގެއްލުންތަކެއް ލިބެމުން އަންނަކަމަށް އެ ބިނާ ބަލަހައްޓާ ފަރާތުން ބުނެ އެވެ.