ކުޅިވަރު

ސަމަރޭގެ ޑައިރީން: ރާއްޖޭގެ ފުޓްބޯޅަ އާސީއާންއަށް

ރާއްޖޭގެ ފުޓްބޯޅަ ޓީމު އާސިއާން ސަރަހަށްދުގައި ވާދަ ކުރުމުގެ ވާހަކަ 2000 ގެ ކުރީ ކޮޅު ދެކެވުނެވެ. އެއީ ރަށުތެރޭގައި ދެކެވުނު ތޯތޯ ވާހަކައެއް ނޫނެވެ. މީޑިއާއިން އުފަން ކުރި ހިޔާލެއް ވެސް ނޫނެވެ. އެއީ ވާހަކަ ދެކެވި މަޝްވަރާ ކުރެވި އަމަލީ ސިފައެއް ގެނައުމަށް މަސައްކަތް ކުރެވުނު ކަމެކެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަދި ކުރީގެ ވަޒީރު ސަމަރުބުލޫ އިބްރާހިމް މަނިކުގެ ދައުރުގައި، ސީދާ އާސިއާންގެ ސަރަހައްދީ ފުޓްބޯޅަ ޖަމްއިއްޔާއިން، ދިން ދައުވަތެކެވެ.

އަވަށްޓެރި ޝްރީލަންކާގެ ކޮލަމްބޯގައި 1991 ވަނަ އަހަރު ބޭއްވި ސާފްގޭމުސްގައި ރާއްޖޭގެ ގައުމީ ޓީމު ރިހި މެޑަލް ހޯދި އެވެ. ފައިނަލުގައި ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 2-0 ނެނެވެ.

ފައިނަލަށް ގޮސް ރަން ތަށި ނުލިބުމަކީ ނާކާމިޔާބެކެވެ. ނަމަވެސް ނާކާމިޔާބުން ފިލާވަޅު ލިބިގަންނަން ޖެހެއެވެ. އެކަން ސަމަރޭގެ ލީޑާޝިޕުގެ ދަށުން އެފްއޭއެމުން ކުރި އެވެ.

އެ މުބާރާތުގައި ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި ކުރީގެ އެއްވަނަ ކީޕަރު މައުރޫފް އަހްމަދު (މާއްޓޭ) ބުނި ގޮތުގައި 2008 ވަނަ އަހަރު ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބާ ހަމަޔަށް ދެވުނީ، 1991 ގެ ފައިނަލަށް ފަހު ދުރާލައި ވިސްނައިގެން އޭރު އެފްއޭއެމުން އެޅި ފިޔަވަޅު ތަކުގެ ސަބަބުންނެވެ.

ސަމަރޭގެ ވާހަކަވެސް ހުރީ އެގޮތަށެވެ. ފުޓްބޯޅައިގެ މަންޒަރެއް ކުރަހައި ސަމަރޭގެ ޓީމަށް އެހީތެރިވެ ދިނީ އޭރު ރާއްޖޭގައި މަސައްކަތް ކުރި ރޮމޭނިއާގެ ތަޖުރިބާކާރެއް ކަމަށްވާ، ވިކްޓާ ސްޓަންކުލެސްކޫ އެވެ.

"91 ވަނަ އަހަރުގެ ސާފް ގޭމްސްއަށް ފަހު އަޅުގަނޑުމެން މަސައްކަތްތަކެއް ކުރިން ސީދާ ހުނަރު އަންނަ ރަށްރަށަށް އަމާޒުކޮށްގެން، ތޮއްޑޫ ކަހަލަ އައްޑޫ ކަހަލަ ތަންތަނަށް ވަރަށް ބޮޑަށް އަމާޒު ކުރިން،" މީގެ 27 އަހަރު ކުރިން ފެއްޓެވި މަސައްކަތުގެ ތަޖުރިބާ ސަމަރޭ "އަވަސް" އާ ހިއްސާ ކުރަމުން ވިދާޅުވި އެވެ. "އޭރު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފަސޭހަ ވެގެން ދިޔަ ވިކްޓާ ރާއްޖޭގައި ހުރެގެން ކުރި މަސައްކަތް، މަސައްކަތް ކުރާނެ ހުރިހާ ގޮތެއް ލިޔެ އެކުލަވާލަނީ ވިކްޓާގެ ބެލުމުގެ ދަށުން. ދެން އޭނާ އެ ހުށަހަޅުއްވާނެ އަޅުގަނޑުމެންގެ ކޮމިޓީއަށް ހުށަހެޅީމަ، އަޅުގަނޑުމެންވެސް ކޮންމެވެސް ވަރެއްގެ ހިޔާލުތަކެއް ލައިގެން މަސައްކަތް ކުރީ."

އޭރު ފެއްޓެވި މަސައްކަތުން ރާއްޖޭގެ ފުޓްބޯޅަ އޮތީ ރަނގަޅު މިސްރާބެއްގަ އެވެ. ސަރަހައްދީ ގައުމުތަކުގެ އިތުރުން އާސިއާންގައި ވެސް ރާއްޖޭގެ ފުޓްބޯޅައިގެ ވާހަކަ އޮތެވެ. ސަމަރޭ ވިދާޅުވި ގޮތުގައި ރާއްޖެއަށް ފުޓްބޯޅައިގެ ގިނަ އެހީތަކެއް ހޯއްދެވުމުގައި ވިކްޓާ މުހިންމު ދައުރެއް އަދާ ކުރެއްވި އެވެ.

"އަޅުގަނޑުމެން ދިޔައި ފީފާއަށް 50 އަހަރު ފުރިގެން ބޭއްވި އަހަރީ ހާއްސަ ކޮންގްރެސްއަށް، އަޅުގަނޑުމެން ހުށަހެޅި ރިޕޯޓް ސަރަހައްދުގެ އެހެން ގައުމުތަކަށް ވަރަށް ބޮޑަށް ކަމުދިޔަ،" ވިކްޓާގެ މަސައްކަތް ފާހަގަ ކޮށް ސަމަރޭ ކިޔައި ދެއްވި އެވެ.

"ވިކްޓާ އެ ރިޕޯޓްތައް ތައްޔާރު ކުރައްވާނީ، އަދި ފީފާގެ ބައްދަލުވުންތަކުން ބައްދަލުވާ ގައުމުތަކުގެ ބޭފުޅުންނާ ގުޅުއްވައި އެ ބޭފުޅުންނާ ވެސް ރާއްޖެއާ ވަރަށް ގާތް ގުޅުންތަކެއް ގާއިމު ކުރުމަށް އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި."

ސަމަރޭގެ ޓީމުގެ އެންމެ ބޮޑު ކާމިޔާބަކީ، ފީފާ އާއި އޭއެފްސީގެ އެހީ ދެމެހެއްޓެނިވި ގޮތަށް ބޭނުން ކުރެއްވުމެވެ. ސަމަރޭ ވިދާޅުވި ގޮތުގައި ބޭރުގެ އެހީ ބޭނުން ކުރާނެ ދާއިރާތައް ކަނޑައެޅީވެސް ވިކްޓާ އެވެ.

"އޭއެފްސީ ބައްދަލުވުން ތަކުގައިވެސް ފާހަގަ ކުރި ރާއްޖެ އާއި ވިއެޓްނާމްގެ ވާހަކަ، އެއީ ފުޓްބޯޅައިގައި އެންމެ ބާރަށް ކުރިއަރަމުން އައި ދެ ގައުމުގެ ގޮތުގައި ފާހަގަ ކޮށްފަ އޮންނަނީ." ސަމަރޭ ވިދާޅުވި އެވެ. "އެފްއޭއެމް ހައުސް ބިނާ ކުރަންވެސް، އަޅުގަނޑުމެންނަށް ފުރުސަތު ލިބިއްޖެ މާ ކުރިން، ލުބުނާން ފަދަ ގައުމުތަކުންވެސް ހުށަހަޅާފައި ވަނިކޮށް އަޅުގަނޑުމެންނާއި ވިއެޓްނާމުގެ އިމާރާތް އަޅަންވެސް އެހީ ލިބުނީ ރާއްޖެއިން ކޮށްފައިވާ މަސައްކަތައް ބަލާފައި، އަޅުގަނޑުމެން މަސައްކަތް ކުރީ ފުޓްބޯޅައިގެ ރަނގަޅު ދިމަދިމާ ބަލައިގެން."

ސަމަރޭ ވިދާޅުވި ގޮތުގައި ރާއްޖެއަށް އެހީ ލިބުންވެސް އެހާ ބޮޑަށް ފަސޭހަ ވެގެން ދިޔައީ ވިކްޓާއަކީ ޕަބްލިކު ރިލޭޝަން ރަނގަޅު ބޭފުޅަކަށް ވުމުންނެވެ. ސަމަރޭ، އޭނާ ފާހަގަ ކުރެއްވީ ވެސް މީހުންނާ ގުޅުން އުފެއްދެވުމުގައި އަވަސް ހުނަރުވެރި ބޭފުޅެއްގެ ގޮތުގަ އެވެ. ރާއްޖެއަށް އާސިއާންގެ ދައުވަތުވެސް ލިބުނީ އެގޮތަށެވެ.

"އަޅުގަނޑުމެން ވިސްނުން ގެންގުޅުނީ އަޅުގަނޑުމެން ބަލިވިޔަސް އަޅުގަނޑުމެން ވާދަ ކުރަންވާނީ އަޅުގަނޑުމެންނަށް ވުރެ ވަރުގަދަ ބަޔަކާ އޭ، އޭރުވެސް ޓްރެއިނިން ކޭމްޕްގައި އަލުގަނޑުމެން ދަން ތައިލެންޑަށް މެލޭޝިއާއަށް، އެ ގައުމުތަކުގެ ފުޓްބޯޅަ ހިންގަވަން ތިއްބެވި ބޭފުޅުންނަށް ވެސް ފެނިވަޑައިގަންނަވާ އަޅުގަނޑުމެންގެ އޭރުގެ ފެންވަރު،" ސަމަރޭ ވިދާޅުވި އެވެ.

ސަރަހައްދީ ލެވަލުގައި ރާއްޖެ ރަނގަޅު ފެންވަރެއްގައި ވާދަ ކުރެ އެވެ. ރާއްޖެއާ އެންމެ ވާދަވެރި ގައުމަކަށް ޝްރީލަންކާ އޮވެ އެވެ. ނަމަވެސް ރާއްޖެ ގޮސް ސްރީލަންކާ ބަލި ކުރެވެން ފެށުމުން ރާއްޖޭގެ ފެންވަރު މަތި ކުރުމަށް އެއަށްވުރެ ވަރުގަދަ ގައުމުތަކާ ވާދަ ކުރުމުގެ ވިސްނުން ވިކްޓާ އާއި ސަމަރޭގެ ޓީމުން ގެންގުޅުއް ވިއެވެ.

"އޭރު ވަރަށް ގިނައިން އަޅުގަނޑުމެން އާސިއާންގެ ޓީމުތަކާ ކުޅެން، ބަލި ވިޔަސް އަޅުގަނޑުމެންގެ ފެންވަރު މަތި ކުރުމަށް އަޅުގަނޑުމެން ގޮސް ކުޅެނީ، އޭއެފްސީގެ ބައްދަލު ވުމަކުން ދިމާވެގެން އާސިއާންގެ އޭރުގެ ސެކްރެޓްރީ ޖެނެރަލް މެލޭޝިއާގެ ދާތޯ ޕޯލް ވިދާޅުވި ރާއްޖެ އަންނަންވީ އާސިއާން އަށޭ، އެއީ އެދައުވަތު އައިގޮތް، ދެން އަޅުގަނޑުމެން ސަރުކާރާ ވާހަކަ ދައްކާފަ، ސަރުކާރުން ވެސް އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި." ސަމަރޭ ވިދާޅުވި އެވެ.

ރާއްޖެ އާސިއާންގެ މެންބަރެއްގެ ގޮތުގައި ލިސްޓު ކުރެވޭނީ އޭއެފްސީގެ ރުހުން ލިބިގެންނެވެ. ނަމަވެސް އާސިއާންގެ ސެކެޓްރީޖެނަރަލްއާ އާއި ސަމަރޭއާ ދެ ބޭފުޅުން އެއްބަސްވީ، އާސިއާންގެ މެންބަރުކަން ރަސްމީކޮށް ރާއްޖެއަށް ނެތް ނަމަވެސް އާސިއާންގެ ފުޓްބޯޅަ ހަރަކާތްތަކުގައި ރާއްޖެ ބައިވެރިވާ ގޮތަށެވެ. އޭއެފްސީއަށް އެކަން ހުށަހަޅައި ފާސް ކުރުން އެއީ ދެވަނަ މަރުހަލާއެއްގެ ގޮތުގައި ބޭއްވީ އެވެ.

"އެމީހުން އަޅުގަނޑުމެންނަށް އެގޮތަށް ހުށަހެޅީ ވެސް ރާއްޖެ ކޮށްފައި ހުރި މަސައްކަތް ފެނުނީމަ، އެބޭފުޅުން އޭރު ވިދާޅުވި ރާއްޖޭގެ ލެވަލްއަކީ މިހާރު ސާފު ސަރަހައްދެއް ނޫނޭ، ރާއްޖެ ފުޓްބޯޅައަށް ކޮށްފައިވާ އިންވެސްޓްމެންޓްތަކާއެކު ރާއްޖެ އަންނަންވީ އާސިއާން އަށޭ. ރާއްޖޭގެ ފުޓްބޯޅައިގެ ހުނަރުވެރާއެކު އައިސް ވާދަކުރަންވީ އާސިއާންގައޭ."