ހޮލީވުޑް

އިންކްރެޑިބަލްސް 2: މިފަަހަރު ލީޑު ނަގާނީ އިލާސްޓިގާލް

ޑިޒްނީ ޕިކްސާރް އިން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ އެނިމޭޓެޑް ފިލްމު "އިންކްރެޑިބަލްސް" ގެ ސީގުއެލް ފިލްމު "އިންކްރެޑިބަލްސް 2" ގެ އޮފިޝަލް ޓްރެއިލާ އާންމުކޮށްފި އެވެ.

މި ފިލްމުގެ ފުރަތަމަ ފިލްމު ގެނެސްދީފައި ވަނީ 2004 ވަނަ އަހަރު އެވެ. ސީގުއެލް މި ގެނެސްދެނީ އޭގެ 14 އަހަރު ފަހުންނެވެ.

ފުރަތަމަ ފިލްމުގައިވެސް ފެނިގެންދިޔަ މަޖާ އަދި ހެއްވާ މަންޒަރުތައް މި ފިލްމުންވެސް ފެނިގެންދާނެކަން ޓްރެއިލާ އިން ފެންނަ މަންޒަރުތަކުން ހާމަވެ އެވެ. ކުރީގެ ފިލްމާއި ހިލާފަށް މި ފިލްމުގައި ލީޑު ނަގާނީ މިސްޓާ އިންކްރެޑިބަލްގެ އަންހެނުން އިލާސްޓިގާލް އެވެ. މިސްޓާ އިންކްރެޑިބަލްއަށް ޖެހޭނީ ގޭގައި ކުދިން ބަލަން ހުންނާށެވެ.

ޓްރެއިލާ އިން އާ ވިލަންއެއްވެސް ފެނިގެންދެ އެވެ. އެ ވިލަން ކުރާ ކަމަކީ ޓީވީ ބަލާ މީހުން "ހިޕްނޮޓައިޒް" ކުރަނީ އެވެ.

މި ފިލްމުގައިވެސް އަޑު އަޅާފައި ވަނީ ފުރަތަމަ ފިލްމަށް އަޑު އެޅި، ބޮބް ޕަރް (މިސްޓާ އިންކްރެޑިބަލް) އަދި ސެމިއުލް އެލް. ޖެކްސަން (ފްރޮންޒޯ) އެވެ. އިލާސްޓިގާލްއަށް އަޑުއަޅާފައި ވަނީ ހޯލީ ހަންޓާ އެވެ.

ފުރަތަމަ ފިލްމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެން 660 މިލިއަން ޑޮލަރު ލިބުނެވެ. އިންކްރެޑިބަލްސް 2 ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ ޖޫން މަހު 15 އިން ފެށިގެންނެވެ.