އަންނަ ސީޒަނުން ފެށިގެން ކުރިއަށް އޮތް ތިން އަހަރަށް، ބަޔާން މިޔުނިކުގެ ކޯޗު ކަމަށް، އެ ޓީމުގެ ކުރީގެ މިޑްފީލްޑާ އަދި ފްރެންކްފާޓްގެ މިހާރުގެ ކޯޗް، ކޮރޭޝިއާގެ ނިކޯ ކޮވާޗް ހަމަޖައްސައިފި އެވެ.
ބަޔާންގެ ކޯޗުގެ މަގާމު މިހާރު ފުރަމުން އަންނަ ޔުޕް ހެއިންކެސް ފުރަމުން އަންނަނީ ވަގުތީ ކޯޗެއްގެ ދައުރެވެ. ބަޔާންއަށް 2013 ވަނަ އަހަރު، ޗެމްޕިއަންސް ލީގް ހޯދައި ދިނުމަށް ފަހު އޭނާ ރިޓަޔާ ކުރީ އެވެ. ވަގުތީ ގޮތުން ބަޔާންގެ ކޯޗު ކަމަށް އޭނާ ހަމަޖެއްސީ، ބަޔާންގެ ކޯޗުގެ މަގާމުގައި ހުރި ކާލޯ އަންޗެލޯޓީ މަގަމުން ދުރު ކުރުމަށް ފަހު އެވެ. ރިޓަޔާ ކުރި ނަމަވެސް ހެއިންކެސް އެނބުރި އައީ ބަޔާންގެ އެދުމުގެ މަތިންނެވެ.
ބަޔާންގެ ސްޕޯޓިން ޑިރެކްޓާ ހަސަން ސޯލްމިޓްޒިކް ބުނީ، ތިން އަހަރު ދުވަހުގެ އެއްބަސްވުމުގައި މިދިޔަ ބުރާސްފަތި ދުވަހު ކޮވާޗްއާ އެކު ސޮއި ކޮށްފައިވާ ކަމަށެވެ. ޓީމުގެ ވަޒީފާއާ ރަސްމީކޮށް އޭނާ ހަވާލުވަނީ ޖުލައި މަހު އެއް ވަނަ ދުވަހުން ފެށިގެންނެވެ.
ޖަރުމަނުގެ ފުޓްބޯޅައިގެ ތަޖުރިބާ
ކޮރޭޝިއާގެ ގައުމީ ޓީމު ކެޕްޓަންކަން ކުރިން ކުރި، ކޮވާޗް ކުޅުންތެރިޔެއްގެ ގޮތުގައި އޭނާގެ ކެރިއަރުގެ ބޮޑުބައެއް ހޭދަ ކުރީ ޖަރުމަންގެ ބުންޑެސް ލީގާގައެވެ. އޭނާ ކޯޗިން ކެރިއާ ފެށީ އޮސްޓްރިއާގެ ސަލްޒްބާގްގެ އެކެޑެމީ ކޯޗެއްގެ ގޮތުގައެވެ. އެކެޑެމީގައި އޭނާ ކުރި މަސައްކަތް ފާހަގަ ވުމުން ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗު ކަމަށް ޕްރަމޯޓް ކުރި އެވެ. ސަލްޒްބާގައި އޭނަ މަސައްކަތް ކުރީ ޓީމުގެ ހެޑް ކޯޗު ހޮލެންޑްގެ ރިކޯޑޯ މޯނިޒްގެ ދަށުންނެވެ. މޯނިޒް އެ ޓީމު ދޫކޮށްލުމުން ޓީމުގެ ހެޑްކޯޗުގެ މަގާމު ކޮވާޗްއަށް ދޭގޮތަށް ވާހަކަ ދެއްކިއެވެ. ނަަމަވެސް އެކުލަބުން ހެޑް ކޯޗުކަމަށް ހަމަޖެއްސީ ރޮޖާ ޝްކްމިޑް އެވެ. ކުލަބުގެ ބޯޑުންކަންތައް ކުރި ގޮތުން އެކަމަ ހިތްހަމަ ނުޖެހި ކޮވާޗް ސަލްޒްބާގް ދޫކޮށްލި އެވެ.
ފްރެންކްފާޓްގެ ސަޕޯޓަރުންގެ ލޯބި ހޯދި
ފްރެންކްފޯޓްގެ ކޯޗު ކަމާ، ކޮވާޗް ހަވާލުވީ 2016 ވަނަ އަހަރު މާޗް މަހު އެވެ. އޭނަ އެ ޓީމުގެ ކޯޗު ކަމާ ހަވާލުވިއިރު ޓީމު އޮތީ ރެލިގޭޓްވުމުގެ ބިރު ކުރިމަތި ވެފަ އެވެ. އެ ޓީމު ރެލިގޭޝަނުން ސަލާމަތް ކޮށްދިނެވެ. އަދި އެ އަހަރުގެ ޖަރުމަން ކަޕްގެ ފައިނަލަށް އެޓީމު ގެންގޮސްދިނެވެ.
އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގް ކޮލިފިކޭޝަން ޖާގަ ފްރެންކްފާޓަށް ހޯދުމުގެ ފުރުސަތު އެބައެތެވެ. އަދި މިހާރު އެ ޓީމު އޮޓީ ޖަރުމަން ކަޕްގެ ސެމީފައިނަލުގަ އެވެ.
ކޮވާޗްގެ އެންމެ ހާއްސަ ފިލޯސަފީއަކީ، ކުޑަ ބަޖެޓަކުން ކާމިޔާބާ ހަމަޔަށް ގެންގޮސް ދިނުމެވެ. ޖަރުމަން ލީގްގެ އެ ޓީމު މިހާރު އޮތީ ފަސް ވަނައިގަ އެވެ. އެއީ ކުޑަ ބަޖެޓަކުން އޭނާ ކުރި މަސައްކަތެވެ. އޭނާ އެ ޓީމާ ހަވާލުވެ، ޓީމަށް ގެނައި އެންމެ ބޮޑު ބަދަލަކީ ކުޅުންތެރިންގެ ވިސްނުން ބަދަލު ކުރުމެވެ. އެންމެ ފަހު ވަގުތާ ހަމަޔަށްވެސް މަސައްކަތް ކުރުމުގެ ރޫހް ކުޅުންތެރިންގެ މެދުގައި އުފެއްދި އެވެ. ފްރެންކްފާޓްގެ ގޭމް ސިސްޓަމް 3-5-2 އަށް ބަދަލުކޮށް އެޓޭކިން ސްޓައިލްގެ ފުޓްބޯޅައަކަށް ބަދަލު ކުރި އެވެ.