ބޮލީވުޑް

ސްރީދޭވީ އަދި ވިނޯދް ކަންނާއަށް ގައުމީ އެވޯޑު

އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އަދި ބްރޯޑްކާސްޓިނުން ކޮންމެ އަހަރަކު އިންޑިއާގެ ސިނަމާއަށް ހިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް ދެމުން އަންނަ ގައުމީ ފިލްމު އެވޯޑްސް 2018 ކާމިޔާބުކުރި ފަރާތްތަކުގެ ނަންތައް އިއުލާނުކޮށްފި އެވެ.

ބެސްޓް އެކްޓްރެސްގެ އެވޯޑު ކާމިޔާބުކުރީ މިއަހަރު ނިޔާވީ ބޮލީވުޑް ސުޕްސްޓާ އެކްޓްރެސް ސްރީދޭވީ އަށެވެ. ސްރީދޭވީއަށް މި އެވޯޑު ލިިބެނީ ހިންދީ ފިލްމު "މޯމް" އިން އެވެ.

އިންޑިއާ ސިނަމާގައި ދޭ އެންމެ މަތީ އަދި އެންމެ ޝަރަފުވެރި އެވޯޑު "ދާދާސާހެބް ފަލްކޭ" އެވޯޑު މިފަހަރު ދޭން ނިންމާފައި ވަނީ ވިނޯދު ކަންނާ އަށެވެ. އިންޑިއާ ސިނަމާއަށް ގިނަ ހިދުމަތްތަކެއް ކޮށްދިން ވިނޯދު ނިޔާވީ މިިދިޔަ އަހަރު އެވެ.

އެންމެ މޮޅު އެކްޝަން، ގްރެފިކްސް އަދި ބެސްޓް ޓެލުގޫ ފިލްމަކަށް ހޮވިފައި ވަނީ ފިލްމު "ބަހުބަލީ 2" ކެވެ. ބެސްޓް ހިންދީ ފިލްމަކަށް ހޮވުނީ މިއަހަރު އޮސްކާގައި ބައިވެރި ކުރި ނަމަވެސް ނާކާމިޔާބާއި ކުރިމަތިލާންޖެހުނު ރާޖްކުމާރް ރާއޯގެ ފިލްމު "ނިއުޓަން" އެވެ.

ފާހަގަކޮށްލެވޭ އިތުރު އެވޯޑުތައް

* ބެސްޓް ޕޮޕިއުލާ ފިލްމު - ބާހުބަލީ 2

* ބެސްޓް ސަޕޯޓިންގް އެކްޓްރެސް - ދިވިޔާ ދައްތާ، ހިންދީ ފިލްމު "އިރާދާ"

* ބެސްޓް ކޮރިއޯގުރާފީ - ހިންދީ ފިލްމު"ޓޮއިލެޓް: އޭކް ޕްރޭމް ކަތާ"

* ބެސްޓް ބެކްގްރައުންޑް ސްކޯ - އޭ އާރް ރަހުމާން، ހިންދީ ފިލްމު "މޯމް"

ގައުމީ އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ މެއި މަހު 3 ގައި ވެރިރަށް ދިއްލީގަ އެވެ. އެވޯޑު ކާމިޔާބުކުރި ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވާނީ އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދް އެވެ. މިއީ މި އެވޯޑު ދޭ 65 ވަނަ އަހަރެވެ.