ރިޕޯޓް

އިންޑިއާގައި އަނެއްކާވެސް އަނިޔާވެރި ދެ ރޭޕްއެއް!

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް އާސިފާގެ ހަށިގަނޑު ފެނުނީ މިދިޔަ ޖެނުއަރީ މަހު 17 ގަ އެވެ. މި ހަބަރު މިހާރު ވައިގައިހިފައިގެން މިއުޅެނީ މި މައްސަލާގައި ހިންދޫ ދީނަށް ނިސްބަތްވާ އަށް ފިރިހެނަކު ހައްޔަރުކުރުމާއި ގުޅިގެން އިންޑިއާގެ ހިންދޫން މިކަމާއި ނުރުހުންވެ ހަމަނުޖެހުންތައް އުފައްދަން ފެށި ހިސާބުންނެވެ.

އާސިފާގެ ރޭޕް ކޭސްއާއި ގުޅިގެން ބޮޑު ހަމަނުޖެހުންތަކެއް އުފެދިފައިވަނިކޮށް އިތުރު އެހެން ކުއްޖެއްގެ ރޭޕު ކޭސެއްގެ މައްސަލައެއްވެސް މިހާރު ވަނީ ފެންމަތިވެފަ އެވެ. މި ދެ ރޭޕް ކޭސްއާއި ގުޅިގެން މައްސަލަގަނޑު އެންމެ ބޮޑުވީ އެ ދެ ކުދިން ރޭޕްކުރިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ފުލުހުންނާއި ސިޔާސީ ގިނަ ފަރާތްތާކާއި ހިންދޫ ދީނުގެ ގިނަ ފަރާތްތައް ހިމެނޭކަން ހާމަވުމުންނެވެ.

ފުލުހުން ބުނީ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ގިނަ ހެކިތަކެއް މިހާރު ލިބިފައިވާ ކަމަށެވެ. ޑީއެންއޭ އާއި އިތުރު ޓެސްޓުތަކުން އާސިފާ ރޭޕްކުރުމާއި މަރާލުމުގައި މި މީހުންގެ އަތެއްވާކަން ހާމަވާކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާއި ގުޅިގެން 130 މީހުންގެ ހެކިބަސް ނަގާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

އިންޑިއާގެ ފުލުހުން އިއްޔެ ވަނީ އަސިފާ ރޭފުކުރުމަށްފަހު މަރާލި މައްސަލައާއި ގުޅިގެން ތަހުގީގަށް މިހާތަނަށް ލިބިފައިވާ ގިނަ މައުލޫމާތުތަކެއް މީޑިއާއަށް ހިއްސާކޮށްފަ އެވެ. ފުލުހުން މި ވާހަކަތައް ހިއްސާކުރުމާއެކު އިންޑިއާގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ވަނީ ބޮޑުވެފަ އެވެ.

އާސިފާއަށް ވީ ކިހިނެތް؟

އާސިފާ ރޭޕްކޮށްފައި ވަނީ ރަހީނުކޮށްގެން ގެންދިއުމަށްފަހު އެވެ. މިދިޔަ ޖެނުއަރާ މަހު ކުރީކޮޅު އާސިފާ ރަހީނުކުރީ އޭނާ ގެންގުޅޭ އަހަށް ކާންދިނުމަށް ޖަންގަލީ ކައިރި ހިސާބެއްގައި ހުއްޓަ އެވެ. ފިރިހެނަކު އޭނާ ރަހީނުކުރީ ހައްދާލައިގެން ޖަންގަލީގެ ތެރެއަށް ގެންދިއުމަށްފަހުގައި ކަމަށް ފުލުހުން ބުންޏެވެ.

ޖަންގަލީގެ ތެރެއަށް ވެއްދުމަށްފަހު ގަދަކަމުން އާސިފާއަށް ނިދާ ބޭސް ކާންދިނެވެ. އިތުރު މީހެއްގެ އެހީގައި އެ ފިރިހެން މީހާ އާސިފާ ގެންދިޔައީ ހިންދޫއިން އަޅުކަން ކުރާ ފައްޅިއަކަށެވެ. އެމީހުން އެތަނުގައި އާސިފާ ބަންދުކުރި އެވެ.

ތިން ދުވަސް ވަންދެން އެ ދެ ފިރިހެނުންނާއި އިތުރު މީހަކު އާސިފާ ރޭޕްކުރި އެ ފައްޅި ތެރޭގައި ބަންދުކޮށްގެން ބޭއްވުމަށްފަހު އެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ މީހަކު ފުލުހުން ކުރި ތަހުގީގަށް ބުނީ، އެމީހުން ބޭނުންވީ އެ ރަށުން އާސިފާ ނިސްބަތްވާ ނަސްލުގެ މީހުން ނައްތާލުމަށް ކަމަށެވެ. ތަކުރާރުކޮށް ރޭޕްކުރުމަށްފަހު އެމީހުން ވަނީ އާސިފާ ދަންޖައްސާފަ އެވެ.

އާސިފާ ގެއްލިގެން އޭނާގެ މައިންބަފައިން ފުލުހަށް މައްސަލަ ހުށަހެޅި އެވެ. އޭގެ ދުވަސްތަކެއްފަހުން އާސިފާގެ ހަށިގަނޑު ފެނުނީ ޖަންގަލީގެ ތެރެއަށް އެއްލާލާފައި އޮއްވަ އެވެ. އޭނާ އޮތީ ހަމަ ރަހީނުކުރި ދުވަހު ލައިގެން ހުރި ދަނބު ހެދުމާއެކު އެވެ. ހެދުން އޮތީ ލެއިން ތަތްތެޅިފަ އެވެ.

މި މައްސަލާގައި މިހާތަނަށް ތުހުމަތުކުރެވޭ އަށް މީހަަކު ފުލުހުން ހައްޔަރުކޮށްފައިވެ އެވެ. ހައްޔަރުގައި ތިބި މީހުންގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ކުށަށް އެއްބަސްވެސްވެފަ އެވެ. ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ދެ މީހަކީ ފުލުހުންގެ އޮފިސަރުންނެވެ. އެމީހުން މައްޗަށް ތުހުމަތުކޮށްފައި ވަނީ އާސިފާގެ މަރުގެ ހަގީގަތް ފޮރުވުމަށް ހާހަކަށްވުރެ ގިނަ ޑޮލަރު ހޯދިކަމަށެވެ. މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 19 އަހަރުގެ މީހެއްވެސް ހިމެނެ އެވެ.

ފުލުހުން ބުނީ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ގިނަ ހެކިތަކެއް މިހާރު ލިބިފައިވާ ކަމަށެވެ. ޑީއެންއޭ އާއި އިތުރު ޓެސްޓުތަކުން އާސިފާ ރޭޕްކުރުމާއި މަރާލުމުގައި މި މީހުންގެ އަތެއްވާކަން ހާމަވާކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާއި ގުޅިގެން 130 މީހުންގެ ހެކިބަސް ނަގާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

ދީނީ ހަމަނުޖެހުމަކަށް

އާސިފާގެ މަރުގެ މައްސަލަ މިހާރު ވަނީ އިންޑިއާގައި ދީނީ ހަމަނުޖެހުމެއްގެ ކުލަވެރުވެސް ޖެހިފަ އެވެ. އާސިފާއަށް އިންސާފު ހޯދާއި ދިނުމަށް ގޮވާލުމުގެ ބަދަލުގައި އިންޑިއާގެ ހިންދޫ ދީނުގެ މީހުން މަގުތައް މައްޗަށް ނުކުމެ މި މައްސަލާގައި ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ހިންދޫ ދީނުގެ މީހުން ދޫކޮށްލުމަށް ވަނީ ގޮވާލާފަ އެވެ. އާސިފާ ނިސްބަތްވާ "ބަކަރްވަލް"ގެ މީހުންނަކީ މުސްލިމުންނެވެ.

ހިންދޫއިން ބުނަނީ މި މައްސަލަ ތަހުގީގުކުރާ ފުލުހުންގެ ތެރޭގައިވެސް މުސްލިމުން އެބަތިބި ކަމަށާއި އެހެންކަމުން މި މައްސަލަ ނިމޭނީ އެންމެ އިންސާފުވެރި ގޮތުގައި ކަމަށް ގަބޫލުނުކުރާ ކަމަށެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާ އުފުލުމަށް ކޯޓަށް ދިއުމަން، ހިންދޫ ދީނަށް ނިސްބަތްވާ ވަކީލުންތަކެއް ފުލުހުންނަށް ވަނި ހުރަސްވެސް އަޅާފަ އެވެ.

ކަޝްމީރުގެ ކަތުއާ ސިޓީގައި ގިނަ އަދަދެެއްގެ ހިންދޫން ދަނީ މަގުތައް ބަންދުކޮށް، ބަނޑުހައި ހޫނުކަމުގެ ހަޅުތާލުތައް ކުރަމުންނެވެ. މި މައްސަލާގައި ތުހުތަތުކޮށްފައިވާ މީހުން ދޫކޮށް ނުލައިފިނަމަ އަލިފާން ރޯކޮށް އަމިއްލައަށް މަރުވާނެކަމުގެ އިންޒާރުތައްވެސް އެމީހުން ދަނީ ދެމުންނެވެ.

މީގެ އިތުރުން އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބޭޖޭޕީއަށް ނިސްބަތްވާ ގިނަ ސިޔާސީ ލީޑަރުންތަކެއްވެސް ދަނީ މި މައްސަލާއިގެ ތަހުގީގު ސްޓޭޓް ފުލުހުންގެ އަތުން އަތުލުމަށް ގޮވާލަމުންނެވެ. މައްސަލާގެ ތަހުގީގު ކުރިއަށް ގެންދިއުމަށް އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އާއި ހަވާލުކުރުމަށް އެމީހުން ގޮވާލާފައިވެ އެވެ. ސީބީއައި އަކީ ބީޖޭޕީ ޕާޓީގެ ނުފޫޒު އަބަދުވެސް އޮންނަ ކަމަށް ތުހުމަތުކުރެވޭ މުއައްސަސާއެކެވެ.

ރޭޕްގެ އިތުރު މައްސަލައެއްވެސް ފެންމަތިވެއްޖެ

އުމުރުން 16 އަހަރުގެ އަމިއްލަ އަންހެން ދަރިފުޅު ރަހީނުކޮށް އަދި ރޭފުކުރި މައްސަލައެއްގައި ބީޖޭޕީ ޕާޓީގެ ލީޑަރަކުވަނީ މީގެ ނުވަ މަސްކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އުއްތަރަ ޕްރަދޭޝްއަށް ނިސްބަތްވާ އެމީހާ ހައްޔަރުގައި ހުއްޓާ މި ހަފްތާގައި ވަނީ މަރުވެފަ އެވެ.

ކުލްދީޕް ސިންހު ސެންގަރް ކިޔާ އެމީހާގެ މައްސަލަ މިހާރު ވަނީ ސީބީއައި އިން ބަލަން ފަށާފަ އެވެ. ކުލްދީޕް ވަނީ އެ ތުހުތަމަށް އިންކާރުވެސް ކޮށްފަ އެވެ.