ހަބަރު

ފަގީރުވެގެން ފަރުވާ ނުކުރެވިފައި ދިވެހިން މިހާރު ނުތިބޭނެ: ނާޒިމް

ދައުލަތް ފަގީރުވެގެން ބޭސްފަރުވާ ނުކުރެވި ހިތްދަތިވެފައި ދިވެހި ރައްޔިތުން މިހާރު ތިބެން ނުޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އދ މަހިބަދޫގައި މިއަދު ބޭއްވި ސިއްހަތު ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފަގީރުކަމާއި ނިކަމެތިކަމުގެ ސަބަބުން ރާއްޖޭގައި މިހާރު ބޭސްފަރުވާ ނުލިބިގެން ދިވެހިން ތިބެން ނުޖެހޭނެ ކަމަށެވެ. ސިއްހީ ދާއިރާ ފަގީރުވެ، އިނދަޖެހިފައި ވަނިކޮށް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ދާއިރާ ކޮށްޅަށް ނަގައި މުއްސަނދިކުރެއްވި ކަމަށާއި މިއަދު ދައުލަތުގެ ހަރަދުގައި ޑަޔަލިސިސް ހެދުމާއި ކިޑްނީ ޓްރާންސްޕްލާންޓްކުރުން ފަދަ ބޮޑެތި އޮޕަރޭޝަންތައް ފުރިހަމަކުރެވޭ ސަބަބަކީ ދާއިރާގެ ތަރައްގީއަށް ކުރެވުނު އަގުނުކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަދު ދިވެހި ދައުލަތުން ދިވެހި ސިއްހީ ހިދުމަތަށް ކުރާ ހަރަދު 2013 އާ އަޅާ ބަލާއިރު 130 ގުނަ އިތުރުވެގެން ހިނގައްޖެ. ބަދަލުވި ގޮތް ދިވެހި ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ކިޑަނީ ޓްރާންސްޕްލާންޓް އެބަ ކޮށްދެން. އެއީ ދައުލަތުގެ ހަރަދުގަ. އެހެނިގެން ގުނަވަން އެބަ ބަދަލުކޮށްދެން. އެއީ ދައުލަތުގެ ހަރަދުގަ. މިއީ މިދަންނަވާ ފައިސާ ނެތުމުގެ ސަބަބުން ބޭސްފަރުވާ ނުކޮށް ތިބެން ނުޖެހެއޭ ބުނާ ވާހަކައަކީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގައި އެއްވެސް މީހަކު ބާކީ ވުމެއްނެތި ރަނގަޅު ފެންވަރުގެ ބޭސްފަރުވާގެ ހިދުމަތް މިހާރު ގާއިމްވެފައިވާކަމީ ދިވެހިން ފަހުރުވެރިވާންޖެހޭ ފަދަ ނިއުމަތެއް ކަމަށެވެ. އެ ނިއުމަތަށް ފަނޑުކަމެއް ނާންނާނެހެން ދަމަހައްޓައި ކުރިއެރުވުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ފުޅާ ދާއިރާއެއްގަ މިފަދަ ސިއްހީ ހިދުމަތް ރައްޔިތުންނަށް ލިބިގެންދިއުމަކީ ދުޅަހެޔޮ އާބާދީއެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް. އޭގެ ސަބަބުން ގައުމުގެ އުފެއްދުންތެރިކަން އިތުރުވެ، އަމިއްލަ ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު އިންތިހާއަށް ރަނގަޅުވެގެންދާނެ ކަމެއް. އިރާދަކުރެއްވިއްޔާ ރާއްޖެ ތަރައްގީގެ ހަރުފަތްތަކުގައި ކުރިއަށްދާއިރު ސިއްހަތަށް ދީފައިވާ ސަމާލުކަން އަބަދުވެސް ދަމަހައްޓާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު ފަދަ ދާއިރާއަކަށް އަންނަ ކޮންމެ ތަރައްގީއާއެކު ގޮންޖެހުން އަންނާނެކަން ފާހަގަކުރައްވަައި މިނިސްޓަރު މިއަދު ވިދާޅުވީ ކުރިން ހާލަތު އޮތްގޮތާއި މިހާރު ހާލަތު އޮތް ގޮތާއި ދެން ދާން ބޭނުންވާ ހިސާބު އަޅާކިއުމަކީ ވިސްނޭ ރައްޔިތެއްގެ ހައިސިއްޔަތުން ނުވަތަ ގައުމީ ފަރުދެއްގެ ހައިސިއްޔަތުން ކުރުން މުހިއްމު ކަމެއް ކަމަށެވެ.

"ރަށްރަށަށް އެމްބިއުލާންސް ތައް ލިބުނީމަ ފުރޮޅު ވެސް ފަޅައިގެންދާނެ. ބޭސްފިހާރަތައް ގާއިމްކުރެވުނީމަ ބޭސް ނެތް ވަގުތު ވެސް އަންނާނެ. އަޅުގަނޑު ވަރަށް ސާބިތުކަމާއެކު މި ދަންނަވަނީ، ދިވެހިރާއްޖޭގެ ތާރީހުގަ ރާއްޖޭގެ ސިއްހީ ނިޒާމަށް މިއަށްވުރެ ބޮޑު އަޅައިލުމެއް ދިން ދައުލަތެއް، ވެރިކަމެއް ނާދޭ،" ނާޒިމް ވިދާޅުވި އެވެ.

ކުރިއެރުންތަކެއް އައި ނަމަވެސް އަދިވެސް ހާސިލްކުރަންޖެހޭ އެތަކެއް ކަންތައްތަކެއް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ގޮންޖެހުންތަކާ އެކު ސިއްހީ ދާއިރާ ތަރައްގީކުރުމަށް މިހާރަށްވުރެ ދެގުނަ ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅަން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް ނާޒިމް މިއަދު ވިދާޅުވި އެވެ.